ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި 368 ކެންޑިޑޭޓުންގެ ތެރެއިން މުއްދަތު ހަމަވީއިރު، މާލީ ބަޔާން ހުށާޅާ 48 ކެންޑިޑޭޓަން އެބަތިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މާލީ ބަޔާން ހުށައެޅުމަށް ދިން މުއްދަތު ހަމަވީ ބުދަ ދުވަހުގެ ދަންވަރު 12:00 ޖެހިއިރުއެވެ. ސުންގަޑި ހަމަވީއިރު، މާލީ ބަޔާން ހުށަހެޅީ 320 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސުން ބުންޏެވެ.
އިންތިހާބުގައި ނާކާމިޔާބު ވީ ނަމަވެސް، ހުރިހާ ކެންޑިޑޭޓުންވެސް އިންތިހާބާ ގުޅޭ މާލީ މައުލޫމާތުތައް ހިމެނޭ ބަޔާނެއް ކޮމިޝަނަށް ހުށައަޅަން ޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މާލީ ބަޔާން ހުށައެޅުމަށް ހުޅުވާލީ މިއަދު ނިޔަލަށެވެ. އެހެން ނަމަވެސް އަދިވެސް 277 ކެންޑިޑޭޓުން ބަޔާން ހުށައަޅާފައެއް ނުވެއެވެ. މާލީ ބަޔާން ހުށަ ނާޅާ ނުވަތަ ދޮގު މައުލޫމާތު ދީފި ހާލަތެއްގައި ގާނޫނީ ގޮތުން އަދަބު ކަނޑައެޅިފަވެއެވެ.
އެގޮތުން އެއް އަހަރުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 72،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައެޅިފައެވެ.
މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރި 8 ކެންޑިޑޭޓުންގެ ތެރެއިން 5 ކެންޑިޑޭޓަކުވެސް ޖޫރިމަނާ ކުރިއެވެ. އެއީ މާލީ ބަޔާން ފުރިހަމަ ނުވާ މައްސަލާގައިއެވެ. އެއިން ކޮންމެ ކެންޑިޑޭޓަކު 20،000ރ. އިން ޖޫރިމަނާކޮށް ކޮންމެ ކެންޑިޑޭޓެއްގެ ރަސްމީ އެޖެންޓު 6،000ރ. އިން ޖޫރިމަނާކުރި އެވެ.
މާލީ ބަޔާނުގައި ހިމަނަން ޖެހޭ ކަންކަންމުގެ ތެރޭގައި:
- އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު
- އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލު
- ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލު
- ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް
- ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީ

