ގައުމީ ތަރިކައިގެ ކޮލެޖުގެ ކަރުދާހީ މަސައްކަތްތައް މިހާރު ނިމިފައިވާކަން ދިވެހި ބަހާއި ތަރިކައާއި ބެހޭ ވުޒާރާގެ މިނިސްޓަރ އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.
މި ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން އުފައްދަވާ ގައުމީ ތަރިކައިގެ ކޮލެޖުގެ ކަރުދާހީ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ.
ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރ ވިދާޅުވީ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖް ގާއިމް ކުރުމުގެ މަސައްކަތުގެ ކަރުދާހީ މަސައްކަތް ނިމި އެ ކޮލެޖަށް ބޭނުންވާ އިދާރީ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުމާއި ހަމައަށް ހިސާބަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ގައުމީ ޗާޕުހާނަ ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާކަން މިނިސްޓަރ ވަނި ފާހަގަކޮށްފައެވެ.
ގައުމީ ޗާޕުހާނާ އުފެއްދުމުގެ އެންމެ މުހިއްމު ބޭނުމަކީ ދިވެހި ގައުމިއްޔަތާއި ތަރިކައާއި ތާރީހާއި ދިވެހީންގެ އަމިއްލަވަންތަކަމާއި ގުޅިފައިވާ އިލްމުތައް ހާމަކޮށްދިނުމެވެ. އަދި ދިވެހި ގައުމިއްޔަތު އިޔާދަކުރުމަށް ބޭނުންވާ އިލްމީ މައުލޫމާތުތައް އެއްކުރުމާއި ދިރާސާކޮށް އިލްމީ ލިޔުންތައް އެކުލަވާލުމާއި ދިރާސާތައް ޝާއިއުކުރުމެވެ. މީގެ އިތުރުން އެ ކަންކަމާ ގުޅިފައިވާ މައުލޫމާތުތައް އެއްކުރައްވާ ބޭފުޅުންނަށް އެ ބޭފުޅުންގެ ފޮތްތައް އޭގެ ފުރަތަމަ 100 އެއްހައި ކޮޕީ ނުވަތަ 50 އެއްހައި ކޮޕީ ދައުލަތުން ޗާޕުކޮށްދިނުންކަންވެސް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.
ގައުމީ ތަރިކައިގެ ކޮލެޖު އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ގައުމިއްޔަތު އާލާކުރުވުމާއި ނުވަތަ ގައުމިއްޔަތުގެ އިލްމު ދިވެހިންގެ ތެރޭގައި އުފައްދައި، ގައުމިއްޔަތާ މެދު ހޭލުންތެރިކަން އޮތް ޖީލެއް ބިނާކުރަން މަސައްކަތްކުރުމެވެ. ދިވެހިގެ މެދުގައި ދިވެހި ވަންތަކަން ފެތުރުމަކީ މުހިންމު ކަމެއްކަން ވަޒީރު ވަނީ ފާހަގަކޮށްފައެވެ.
ދިވެހިރާއްޖޭގައި ތަރިކައާއި ބެހޭ ކޮލެޖަކާއި ގައުމީ ޗާޕުހާނާއެއް ގާއިމްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމަނުއްވާފައިވާ މުހިއްމު ވައުދުފުޅެކެވެ.

