20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެންބަރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 9:00 ގައި އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލިސް އިދާރާއިން ބުނެފައިވާގޮތުން މެންބަރުން ހުވާކުރެއްވުމަށް މަޖިލީހަށް ހާޒިރުވާން ޖެހޭ ވަގުތަކީ 8:45 ގައެވެ. ރަސްމިއްޔާތަށްފަހު 20 ވަނަ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ފެށޭނީ އެ ދުވަހުގެ ހެނދުނު 10:15ގައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބުވި ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އަލްސަން ޕީއެންސީއާއި ގުޅިވަޑައިގަތުމާއި އެކު ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ 75 އަށް އަރާފައެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރެއްވި 8 މެމްބަަރުން ސޮއިކުރެއްވުމުންނެވެ.
އަމިއްލަ ގޮތުން ވާދަކުރި 8 މެމްބަރަކު މީގެ ކުރިންވެސް ގުޅިފައިވާއިރު މިވަގުތު ގުޅިފައިނުވާ އެހެންނަމަވެސް އެ ޕާޓީއަށް ތާއީދުކުރާ އިތުރު ބައެއް ފަރާތްތައްވެސް އެބަތިބިއެެވެ. އެގޮތުން އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ހިމެނޭހެން އެ ޕާޓީގެ ދެ މެމްބަރަކުވެސް ޕީއެންސީގެ ސިޔާސަތުތަކަށް ތާއީދުކޮށް އެއްބާރުލުން ދެއްވާނެކަން ހާމަކޮށްފައިވެއެވެ. މީގެއިތުރުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ.

