އާސަންދައިން ޔުނައިޓެޑް އަރަބި އެމެރޭޓްސް (ޔޫއައިއޭ) އަދި ތައިލެންޑަށް ބޭސް ފަރުވާއަށް ފޮނުވޭނެ އިންތިޒާމްތައް އަދި ހަމަޖެހިފައިނުވާކަމަށް އެ ކުންފުނިން ބުފިއެވެ.
ކުންފުނިން މިކަން ހާމަކުރީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކުންފުނީގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ މި އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ރާއްޖެއިން ނުލިބޭ ބޭސް ފަރުވާ ހޯދުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި އެއްގޮތަށް، ރީލަންކާ އަދި އިންޑިއާއަށް ބަރޯސާ ނުވެ އެހެން ގައުމުތަކަށް ފޮނުވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ވެސް ޒީނިޔާ ވިދާޅުވިއެވެ.
މިހާރަށްވުރެވެސް ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބޭނެފަދަ ތަންތަން ހޯދާ އެތަންތަނަށް ދިވެހިން ފޮނުވުމަށްޓަކައި ބޭނުންވާ ކަންކަން ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
މިއަހަރު ނިމުމުގެ ކުރިން ބޭސް ފަރުވާއަށް ތައިލެންޑާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސޭނެކަމަށް ”ސަންގަށް“ ދެއްވި އިންޓަވިއުއެއްގައިވެސް ރައިސް ވިދާޅުވެފައިވެއެވެ.
އާސަންދައިގެ ޚިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ޔޫއޭއީ އަދި ތައިލެންޑުން ވެސް އެ ޚިދުމަތް ލިބޭގޮތަށް ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން މީޑިއާތަކަށް ދެއްވި ސްޓޭޓްމަންޓުގައެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުން ސިއްހީ ހިދުމަތް ހޯދުމުގައި ވަކި ގައުމެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަންތަނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މި ބަދަލާއެކު މިހާރަށްވުރެ ރަނގަޅު ފެންވަރުގެ ހިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަމުގައެވެ.

