އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކޮށް ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ”ހާލު ކިހެނެއް؟“ ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު އެ ވުޒާރާއިން މަސައްކަތްކުރާނެއެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި 2024 މެއި 30 ވަނަ ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހި، ހިޔާ ސަރަހައްދުން ފަށާފައިވާއިރު، މާލެ ސަރަޙައްދެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ޢާއިލީ ސެންޓަރުތައް ހުރި ރަށްރަށުގައި މި ޕްރޮގްރާމު ވަނީ ފަށާފައެވެ. އެ ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައި ވީ ނަމަވެސް، ޚާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަސް އެހީތެރިކަން ހޯއްދެވުމަށް އެ ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅުއްވާ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި ޚާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިވުޒާރާގެ ޓީމްތަކުން ކުރަމުން ގެންދާނެއެވެ.
އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ މުހިންމު ކަންކަމެއް ކަމަށާއި އަދި މިއީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން އެ ވުޒާރާއަށް ބޭނުންވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.


One Response
ނިކަމެއްޗަކަށް ތީގެ ރަހައެއް ނުލިބޭނެ އަދި ފޮނި މީރު ކަމެއް ވެސް ނުފެންނާނެ މިއީ 100 ޕަސެންޓު ޔަގީން ކަމެއް. މިހާރު ވެސް އަތުގެ ފަސް އިންގިލި އިންގޭހެން އިންގޭ އެބަ.