އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ލިޔެކިއުންތަކެއް ނަކަލްކޮށް އޮޅުވާލިކަމުގެ މައްސަލައެއްގައި 34 ދައުވާއެއް ސާބިތުވުމާއިއެކު އޭނާގެ ސަޕޯޓަރުން އެ ގައުމުގައި ހަމަނުޖެހުމާއި ލޭއޮހޮރުވުންތަކަށް ގޮވާލަން ފައްޓައިފިއެވެ.
ޑޮނަލްޑް ޓަރަޕްމުގެ މައްޗަށް ލިޔެކިއުންތަކެއް ނަކަލްކޮށް އޮޅުވާލުމުގެ ދައުވާ ސާބިތުވެފައިވާއިރު، ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ އެމެރިކާގައި އެ ކަމާއި ގުޅިގެން ސިޔާސީ މަސްރަހު ހޫނުވެފައިވާކަމަށް އަލިއަޅުވާފައެވެ. އެގޮތުން އޭނާއަށް ތާއީދުކުރާ ހާޑް ކޯ ސަޕޯޓަރުންދަނީ މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިންގައި ސަރުކާރާއި ދެކޮޅަށް ތެދުވުމަށް ގޮވާލަމުންކަމަށާއި މީހުން މެރުމަށްވެސް ގޮވާލަމުންދާކަމަށް ރިޕޯޓުތަކުގައިވެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން ޓްރަމްޕަކީ ޖިނާއީ ކުށެއްގެ ދައުވާ ސާބިތުވެފައިވާ އެމެރިކާގެ ފުރަތަމަ ރައީސްކަމަށެވެ. އެހެންނަމަވެސް ޓްރަމްޕުވަނީ ކޯޓުގެ ނިންމުމާއި ދެކޮޅަށް މަސައްކަަތްތައް ހުއްޓާނުލާނެކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައިވަކަމަށާއި ޖުލައި 11 ވަނަ ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރުމާއިއެކު އިސްތިއުނާފުކުރުމަށް 30 ދުވަސް ލިބޭނެކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.
ޓްރަމްޕުގެ ސަޕޯޓަރުން ގޮވާލަމުންދާ ކަންކަމުގެ ތެރޭގައި ޝަރީއަތުގެ މަޖިލީހުގައި ތިބީ ޖޫރީގެ މެމްބަރުން ހޯދުން ހިމެނޭއިރު، ހިއްސާކުރަމުންދާ މެސެޖުތަކުގެ ތެރޭގައި މަރަން ގޮވާލާފައިވާ މެސެޖުތައްވެސް ތިބިކަމަށް ބުނެފައިވެއެވެ.
ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވަނީ އިލެކްޝަންސް ބޭނުމަށް ލިޔެކިއުންތަކެއް އޮޅުވާލި ކަމުގެ 34 ދައުވާކަމަށްވާއިރު، ބަރަހަނާ ފިލްމު ކުޅޭ މީހަކަށް 130،000 ޑޮލަރުގެ ޕޭމަންޓެއް ހަދާފައިވާކަން އޮޅުވާލުންވެސް ހިމެނޭކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި ޓްރަމްޕާއި އެ އަންހެންމީހާ ދެމެދު ގާތް ގުޅުމެއް އޮތްކަމަށް ބުނެ ދައުރުވި ވާހަތަކުގެ ސަބަބުން 2016 ވަނަ އަހަރު ކުރިއަށް ގެންދިޔަ ރިޔާސީ ކެމްޕެއިންއަށްވެސް އިންތިހާއަށް ނޭދެވޭ އަަސަރުތައް ކުރިކަމަށް މީޑިއާތަކުން ޝާއިއުކޮށްފައިވެއެވެ.

