ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުު ވެރިކަމަށް އައީ ވަރަށް ބޮޑު އަގުލަބިއްޔަތަކާއިއެކުގައެވެ. 54 އިންސައްތައަށް ވުރެ ބޮޑު ތާއީދަކާއިއެކު، ވަޑައިގަތީ ރައްޔިތުންނަށް އެތައް ކަންތައްތަކެއްގެ ފުރިހަމަކޮށްދިނުމުގެ ވައުދާއިއެކުއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަސްލަހަތާއި، ދިރިއުޅުމުގެ ހާލަތާއި ގުޅިފައި ހުރި ބޮޑެތި މައްސަލަތައްވެސް ހިމެނެއެވެ. ބޯހިޔާވަހިކަމުގެ މައްސަލައިން ފެށިގެން، ދައުލަތް ދެފުށް ފެންނަ ނިޒާމަކުން ހިންގުމާއި ހަމައިން ގޮސް ބައިވަރު ކަންކަން ހިމެނެއެވެ. ”ދިވެހީންނަށް ދިވެހީންގެ ރާއްޖެ“ ހޯދައިދިނުމުގެ ބޮޑު ވައުދާއިއެކު ވެރިކަމަށް ވަޑައިގެން މި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ.
ރައްޔިތުންގެ ހައްގުތައް ކަށަރުކުރުމާއި، ދައުލަތުގެ ބައިތުލްމާލު އެ ބައެއްގެ އަތް މައްޗަށް ދޫކޮށްލިއިރު، އެއާއިމެދު ކަން ކުރާ ގޮތާއި، އަދި ދެންވެސް ހުރި އެހެން ކަންކަމާއިމެދު ކަންކަން ބަހައްޓާ ގޮތާއިމެދު ސުވާލުތައް އުފެދޭއިރު، އެކަންކަން ބަލާ ސަރުކާރު ޖަވާބުދާރީ ކުރާނެ ބަޔަކު ތިބުމަކީ މުހިންމުކަމެކެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ ބޮޑު އެއް ޒިންމާ މަތިކޮށްފައިވާ ތަން ކަމަށްވާއިރު، 93 މެންބަރުން ތިއްބަވާ މަޖިލީހުގައި ތިއްބެވި 75 މެންބަރުންނަކީ ސަރުކާރު ތަމްސީލު ކުރާ މެންބަރުންނެވެ. ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައެވެ. އެހެންކަމުން އުފައްދާ ސުވާލަކީ މަޖިލީސް ސަރުކާރުގެ ރަބަރ ސްޓޭމްޕަކަށް ވެދާނެތޯއެވެ. އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރާ ތިއްބެވީ 12 މެންބަރުންނެވެ. މި 12 މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރެވިދާނެތޯ ސުވާލުއުފެދެއެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ހަމައެކަނި އިދިކޮޅު މެންބަރުންގެ ޒިންމާއެއް ނޫން ކަމަށް ސަރުކާރު މެންބަރުން ބުނެއެވެ. އެއީ ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެންބަރުންގެ ވެސް ޒިންމާއެއްކަމަށް ގަބޫލު ކުރައްވާ މެންބަރުން މަޖިލީހުގައި ތިއްބެވިއިރު، މިކަންކަން ސާފު ވެގެންދާނީ ކުރިއަށް އޮތް ތަނުގައި ބޮޑެތި މައްސަލަތައް ފެންމަތިވުމުން، އަމަލު ކުރާ ގޮތުގެ ސަބަބުންނެވެ.
މިހާތަނަށް ކޮށްފައިވާ މަސައްކަތުން މަޖިލީހުގައި އެމްޑީޕީއަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތަކެއް ކުރެވިދާނެކަމަށް ކޮންމެސް ވަރަކަށް ގަބޫލުކުރެވެއެވެ. 20 ވަނަ މަޖިލީހުގެ ފުރަތަމަ ބިލަކީވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލައެއްގައި އެމްޑީޕީގެ މެންބަރަކު ހުށައެޅި މައްސަލައެކެވެ. އަދި ހަމައެއާއިއެކު ބިމާއި ބެހޭ އިސްލާހު އަނބުރާ މަޖިލީހަށް ފޮނުވާލުމުން ބަހުސްގެ މަރުހަލާގައިވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި، ބަހުސްތަކެއް ކުރެވުނެވެ. ކުރިއަށް އޮތް ތަނުގައި ކުރެވޭ މަސައްކަތްތަކުން އިދިކޮޅު އެމްޑީޕީއަށް ސަރުކާރު ޖަވާބުދާރީ ކުރެވިގެންދާނެކަން އެނގިގެންދާނެއެވެ. ނަމަވެސް އަދި މިހާތަނަށް ޕާޓީގެ ހަރަކާތްތައް ފެންނަނީ ވަރަށް ހީނަރުކޮށޭ ދެންނެވިދާނެއެވެ.
ބޮޑު ދެ އިންތިހާބުންވީ ބަލީގެ ސަބަބު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމަށްފަހު ޕާޓީގެ މަސައްކަތްތައް ރާވާ ހިންގާނެކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ. އެހެންކަމުން އެއަށްފަހު އެމްޑީޕީއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތަކެއް ކޮށްފާނެކަމަށް ބެލެވެއެވެ.
ސަރުކާރު ޖަވާބުދާރީކޮށް، ރާއްޖޭގައި ޑިމޮކްރަސީ އާލާކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ ކުރުމުގައި ނަމުގައި އުފެދި އެހެން ބައެއް ސިޔާސީ ޕާޓީތަކަށް ބަލާއިރު، ދަ ޑިމޮކްރެޓްސްއާއި، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އާއި އަދާލަތު ޕާޓީ ހިމެނެއެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް ޕާޓީއަކަށް މަޖިލީހުން ގޮނޑިއެއް ކާމިޔާބެއް ނުކުރެވެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމުގެ ސަބަބުން، ރައްޔިތުންގެ އިތުބާރު އޮތީ އިންތިހާބާއި ބޯމަތިވީއިރު ގެއްލިފައެވެ. މިކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް އެންމެ ބޮޑު ޕްލެޓްފޯމުން ޖާގަ ގެއްލުނީއެވެ. ޑިމޮކްރެޓްސް އަދި ޕީއެންއެފްއިން މަޖިލީހުގެ ގިނަ ގޮނޑިތަކަށް ވާދަ ކުރި ނަމަވެސް، ވީ ބޮޑު ތަނުން ފެއިލްއެވެ.
އެހެންކަމުން މީގެ ތެރެއިން އެއްވެސް ޕާޓީއަކީ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރެވިދާނެ ޕާޓީތަކެއް ނޫނެވެ. ދެން އެ މަސައްކަތް ކުރާނީ ކިހިނަކުންތޯ ސުވާލު އުފެދޭއިރު، އެއްވެސް ހަރަކާތެއްވެސް މި ޕާޓީތަކުގެ ފަރާތުން ނުފެނެއެވެ. ޖަލްސާއެއް ނުވަތަ ޕާޓީގެ މިސްރާބު އޮތީ ކިހިނެއްކަންވެސް ކުޑަ މިނުން ރައްޔިތުންނަށް ސާފެއް ނުކޮށްދެވެއެވެ.
އެހެންކަމުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ގޯހެއް ހައްދަވައިފިނަމަ، އެކަމާއިމެދު ސަރުކާރު ޖަވާބުދާރީ ކުރެވިދާނެތޯ ސުވާލު އުފެދެއެވެ. އަދި ސަރުކާރަށް ފާރަވެރިވެ، ސަރުކާރުން ކުރާ ކަންކަމާއިމެދު ބަސް ބުނެ، ހައްދަވާ ގޯސްތައް ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނާނީ ކޮން ބައެއްތޯވެސް ސުވާލު އުފެދެއެވެ.
މިއީ ކޮންމެހެން ކުރުން މުހިންމު މަސައްކަތަކަށްވީއިރު، ރައްޔިތުންނާއި ގުޅުން ހުރި އެތައް މައްސަލަތަކެއް ހައްލު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ، ބަޔަކު ކަންތައް ކުރާ ގޮތް ގާތުން ނުބަލައިފިނަމަ، ގައުމުގެ މިސްރާބު ދާނީ އޮޔާއެވެ. އެހެންކަމުން ޒިންމާދާރު މަސައްކަތްތަކެއްކޮށް، ސަރުކާރު ޖަވާބުދާރީ ކުރެވެން ޖެހޭނެއެވެ. ނުނީ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ސިޔާސީ ޕާޓީތަކުގެ އެއްވެސް ބޭނުމެއް ހަގީގަތުގައި ނެތެވެ.

