ރާއްޖޭގެ އާޓިސްޓުން ކުރިއަރުވައި، ފުރުސަތުތައް ހޯދައިދިނުމަށް މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތް ކުރާނެކަމުގެ އުންމީދު ކުރާކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.
ދުނިޔެގޭ ތިމާވެށީގެ ދުވަހާއި، ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފެނުގެ ދިރުންގެ ނަމުގައި އެމްޑަބްލިއުއެސްސީން ވަނީ ކުރެހުމުގެ މުބާރާތެއް އިންތިޒާމުކޮށްފަ އެވެ.
ފެނުގެ ދިރުން ކުރެހުމުގެ މުބާރާތަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މަތީން ވިދާޅުވީ ގޮތުގައި ވަރަށް ހާއްސަ ހަރަކާތަކަށް ވެގެންދާނެ އެވެ. އަދި ކަނޑުތަކުގެ ދުވަހާއި، ތިމާވެށީގެ ދުވަހާއި ގުޅުވައި ބާއްވާ މި މުބާރާތުގެ ކުރެހުންތައް މިނިވަން ދުވަހު މައުރަޒެއް ބާއްވައި އާންމު ކުރެވިގެންދާނެ އެވެ.
މިއީ ރާއްޖޭގައި ތިބި ހުނަރުވެރި ފަންނާނުނަށް އެމްޑަބްލިއުއެސްސީން ހުޅުވާލި ފުރުސަތެކެވެ. މި މުބާރާތުގެ ބޭނުމަކީ ފެނާއި ދިރިހުރުމުގެ ގުޅުން ދައްކުވައިދިނުމެވެ. އަދި ފެނުން ދިރުން ގެނެސްދޭ ގޮތާއި، ކަނޑާއި ވެށި އަދި ހަލްގު ކުރި ކޮންމެ އެއްޗެއް ވެސް ދިރިހުރުމަށް ބޭނުންތެރި އެއްޗެއްކަން ދައްކުވައިދިނުމެވެ.
އެމްޑަބްލިއުއެސްސީން ހުޅުވާލާފައި ވަނީ ކޮންމެ އާޓިސްޓަކަށް ވެސް ފެނުން ދިރުން ސިފަވާގޮތް މާނަވީ ގޮތަކަށް ގެނެސްދީ އެހެން މީހުންނާ ހިއްސާކޮށްދިނުމެވެ.
މި މުބާރާތް އިންސާފުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ނެޝަނަލް ސެންޓަރ އޮފް އާޓްސްއާއި، ޔޫތް މިނިސްޓްރީ ކަނޑައަޅާފައިވާ ހާއްސަ ޕެނަލްއަކުންނެވެ.
މުބާރާތުގެ ތިންވަނައަށް ދާ ފަރާތަކަށް 15،000 ރުފިޔާ އަދި ދެވަނައަށް ދާ ފަރާތަކަށް 35،000 ރުފިޔާ އަދި އެއްވަނައަށް ދާ ފަރާތަކަށް 50،000 ރުފިޔާ ލިބިގެންދާނެ އެވެ. މިއާއި އެކު މައުރަޒަށް ދާ ފަރާތްތަކުގެ މެދުގައި ވޯޓެއް ނެގުމަށް ފަހު ޕީޕަލްސް ޗޮއިސް އެވޯޑު ދިނުމަށް ހަމަޖެހިފައި ވެއެވެ. އަދި އެންމެ ގިނަ އާންމުން އިހުތިޔާރު ކުރާ ފަސް އާޓީސްޓުން ފާހަގަކުރެވިގެންދާނެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި އަސްވާޑު ވިދާޅުވީ ދިވެހި ފަންނުވެރިންނާއި، އާޓިސްޓުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުމަކީ ދައުލަތުން ކޮންމެހެން ވެސް ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އެ މަސައްކަތުގައި ކުންފުނިތަކާއި، މުވައްސަސާތަކުގެ އެއްބާރުލުން ލިބޭނެކަމުގެ އުންމީދު ކުރައްވާކަމަށް އަސްވާޑު ވިދާޅުވި އެވެ.
ގިނަ މައުރަޒުތަކަށް އަޅުގަނޑަށް ދެވިއްޖެ.. އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ދިވެހި އަދަބިއްޔާތުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު.. ވިދާޅުވާ ބަހެއް އޮވޭ ޅެންވެރިޔާ ބަނޑުގައޭ އޭގެ މާނަ އޮންނަނީ… އެ ޅެމުގެ މާނަ ޝަރަހަ ކުރުމާއި އެގެ ކަންކަން ކުރާއިރުގަ…
މިނިސްޓަރ ވިދާޅުވީ ކުރެހުމެއްގެ ފަހަތުގައި އޭގެ އެތައް މާނައެއް ވާނެކަމަށާއި، އެ ބުނެދޭ ވާހަކައެއް ނަގައިގަނެވޭނީ އެ ބަލާ މީހާއަށާއި އާޓިސްޓަށް ކަމަށެވެ. އަދި އެންމެނަށް ދައްކުވައިދެނީ އެއް ވާހަކައަކަށް ނުވެ ހިނގައިދާނެކަން ފާހަގަކުރެއްވި އެވެ.
ކުރެހުމަކީ އެ ބަލަން ދާ މީހަކަށް، މާނަ ނަގައިގަނެވޭނެ ފަދަ އާޓެއްކަމަށް ވެސް އަސްވާޑު ވިދާޅުވި އެވެ. އަދި ބައެއް ފަހަރަށް ކުރެހުންތަކާއި މީހުންގެ ދިރިއުޅުމާ ވެސް ވަރަށް ބޮޑަށް ގުޅުވާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވީ އުންމީދަކީ ޖުލައި 26 ގެ މައުރަޒުން، މޮޅެތި އާޓުތައް ފެނުން ކަމަށެވެ. އަދި އާދަޔާ ހިލާފު މާނަތަކެއް ނެގޭނެފަދަ ރަނގަޅު ކުރެހުންތަކެއް ފެންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި އެވެ.

