އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކ. ގުރައިދޫގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
1976 ވަނަ އަހަރު ޤާއިމްކުރެވުނު ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 48 ވަނަ އަހަރީ ދުވަހު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވަރުގެ ތެރެއިން ކ. ގުރައިދޫގައި ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޙިދުމަތްތައް ފުޅާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ. އަދި ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދެވި، ތަމްރީނު އަދި ތެރެޕީގެ އެހީތެރިކަމާއިއެކު މުޖުތަމަޢުގެ އެހެން ފަރުދުންނާއި އެއް ހަމައެއްގެ މަތިން ފުރުޞަތު ހޯދައި ދިނުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށާއި މުޖުތަމަޢުގައި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މަރުކަޒުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙިދުމަތް ފޯރުކޮށް ދިނުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތްތަކަށް ޝުކުރުދަންނަވާ ކަމަށެވެ. މި ހަފްލާގައި މަރުކަޒަށް 20 އަހަރު ޙިދުމަތް ކުރައްވާފައިވާ 18 ފަރާތްތަކަށް ހަނދާނީ ޝީލްޑްސް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން އިޖުތިމާޢީ ގުޅުންތަކާއި ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ޕްރޮގުރާމް ތަކެއް މަރުކަޒުގައި ވަނީ ކުރިއަށް ގެންގޮސް ފައެވެ. އަދި 48 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކާއި މުވައްޒަފުން ގުޅިގެން ގިނަ ޙަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި މަރުކަޒުގައި ކުރިއަށް ގޮސްފައިވާ ހަރަކާތް ތަކަކީ:
މަޒުކަޒުގެ މުވައްޒަފުންގެ މެދުގައި ފުޓްސަލް މުބާރާތްތެއް ބޭވުން
ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ފައިގަތަޅާ މުބާރާތެއް ބޭވުން
އަހަރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން މަރުކަޒުގެ ގޯތިތެރެ ސާފުކުރުން
މަރުކަޒުގައި ގަސް އިންދުމުގެ ހަރަކާތް
ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ޙާއްސަކޮށްގެން 4 ތަމްރީނު ޕްރޮގުރާމެއް ބޭވުމަށް ހަމަޖެހިފައިވާއިރު ވަޒީރު ވަނީ މި ހަފްލާގެ ތެރެއިން އެކަން އިފްތިތާޙުކޮށްދެއްވާ ފައެވެ. މި ކޯސް ތަކުގެ ތެރޭގައި ހިނމެނިގެން ގޮސްފައިވަނީ ކުރެހުމުގެ ކޯހަކާއި، ސްކްރީން ޕްރިންޓިން ކޯހަކާއި، ފަހާ ކޯހެއްގެ އިތުރުން ކައްކާ ކޯހެކެވެ. މީގެ އިތުރުން ޢާއިލާތަކަށް ހަވާލުކުރުމަށް ތައްޔާރުވެފައި ތިބި، ފަރާތްތަކަށް ޕޮލިޓެކްނިކްއާއި ގުޅިގެން ކުރިއަށް ގެންދެވުނު ބޭސިކް ކޭކް ޑެކަރޭޝަން ކޯސް ފުރިހަމަކުރި ބައިވެރިންނަށް މި ހަފްލާގެ ތެރެއިން ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

