އިޒްރޭލުގެ ޕާސްޕޯޓު ބޭންކޮށް، އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ކުރަމުންދާ މަސައްކަތަށް ދެކޮޅު ނުހައްދަވާކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ހަޔާރަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.
ފައިރޫޝް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ގެންނަ އިސްލާހާއި ގުޅުވައި އޭނާ ދެއްކެވި ވާހަކަ އާންމުނަށް ރަނގަޅަށް ފަހުމު ނުވެ އޮޅުންތަކެއް އަރާފައިވާކަމަށެވެ. ފައިރޫޝް ވިދާޅުވީ އޭނާގެ ޕޯސްޓުގެ މާނަ ގިނަ ބަޔަކަށް އޮޅި، ސައްހަ ނޫން ވާހަކަތައް ފެތުރެމުންދާކަމަށާއި ކޮންމެ ގައުމަކުން ވެސް އިޒްރޭލުން ހިންގާ ގަތުލުންއާންމު ހުއްޓުވުމަށް މަސައްކަތްކޮށް އެޅެން ހުރި ފިޔަވަޅުތައް އަޅަން ޖެހޭކަމަށެވެ.
އިޒްރޭލުގެ ރައްޔިތުންގެ އަތުގައި ޑުއަލް ޕާސްޕޯޓު އަތުމުގެ ސަބަބުން، ގާނޫނަށް ބަދަލު ގެނައި ނަމަވެސް އެ މީހުންނަށް މިގައުމަށް އެތެރެވުމުގެ ފުރުސަތު އެބައޮތްކަމަށް ފައިރޫޝް ވިދާޅުވި އެވެ.
ބްލޭންކެޓް އިމިގްރޭޝަން ބޭންއަކީ ކޮމްޕްލެކްސް ސިޔާސަތެއްކަމަށް ފައިރޫޝް މީގެކުރިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އާންމުންގެ ހިތްހަމަނުޖެހުން އައީ އެ ވާހަކައިގެ ސަބަބުންކަމަށް ބެލެވޭކަމަށާއި އެކަމަކު އޭނާގެ އެ ވާހަކަ ބިނާވަނީ އިންޓަނޭޝަނަލް ސެކިއުރިޓީއާއި ގުޅޭގޮތުން ލިބިފައިވާ އިލްމާއި ތަޖުރިބާއަށްކަމަށް ފައިރޫޝް ވިދާޅުވި އެވެ.


One Response
ޑުއަލް ސިޓިޒެންޝިޕް އޮންނާތީ އެހެން ގައުމެއްގެ ޕާސްޕޯޓްގަ ރާއްޖެ އެެތެރެވުން އެއީ އެހެން މައްސަލައެކެވެ. ޖުމްލަ ކޮށް ފިޔަވަޅު އަޅަނީ އިޒްރާއިލްގެ ވަކި ވަކި ރައްޔަތަކަށް ނޫނެވެ. ފިޔަވަޅު އަޅަނީ ގައިރުގާނޫނީ ދައުލަތް އިޒްރާއީލާ ދެކޮޅަށެވެ. އިޒްރާއިލްގެ އަނިޔާވެރި ސަރުކާރާ ދެކޮޅަށެވެ. ވަކި ވަކި މީހުންނާ ދޭތެރެ ފިޔަވަޅު އަޅާނަމަ ޔަހޫދީ ދައުލަތުގެ ވެރިންނާއި އަސްކަރީ ވެރިންނާއި ޖަރީމާ ހިންގަމުންދާ އަދި ހިންގާފައިވާ އޮފިސަރުން ނަށް ފިޔަވަޅު އެޅިދާނެއެވެ. އެފަދަ މީހުން އެއްވެސް ޕާސްޕޯރޓެއްގަ ރާއްޖެ އެތެރެ ނުވެވޭ ގޮތް ހަދަަން ވީއެވެ. ރާްްއްޖެ އަކީ ކުޑަ ގައުމެކެވެ. ކުރެވޭނީ ވެސަ ކުޑަ ކަމެކެވެ. އާރާއި ބާރާއި ތެލާއި މުއްސަދިކަން އޮތް އަރަބި ގައުމުތަކަށް މިވަރުކަމެއް ވެސް ކޮއްލާކަށް ނުކެރެއެވެ.