ދިވެހިރާއްޖެއަކީ ރަސްރަސްކަލުންގެ ޒަމާނުއްސުރެންވެސް ސިޔާސީ ތާރީޙެއް ބިނާވެފައި އޮންނަ ޤައުމެކެވެ. ރަސްރަސްކަލުންނާއި ސުލްތާނުންގެ ޒަމާން ނިމި ފަސްދީ ގޮސް، މިހާތަނަށް އައިއިރު މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ވަރަށް ބަޑެތި ބަދަލުތަކެއް އައިސްފައެވެ. މިއަދު ޑިމޮކްރެސިއާއި ހަމައަށް ވާސިލްވެފައިވާއިރު، ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހި ރާއްޖެއަކީ ވެރިކަމުގައި ހުދުމުޙުތާރު ވެރިންތަކެއްވެސް ރާއްޖޭގެ ތާރީހުގައި ފެންނަން އޮތް ޤައުމެކެވެ. ގިނަ ބާރުތަކެއް ކަހަލަ ގޮތަކަށް ޖަމާވެފައި ހުރީ ވެރިކަމުގައި އޭރު ތިބި ބައެއްގެ އަތް މައްޗަށެވެ. މިކަންކަން މާޒީވެގޮސް، ރާއްޖޭގައި ޑިމޮކްރެސީގެ ކުލަ ޖެހެންފެށީ ވިހިވަނަ ޤަރުނުގައި ދިވެހިންނަށް ތަޢާރަފްވި، ވެރިކަމެއް ހިންގުމުގެ އައު އޮނިގަނޑެއްގެ ސަބަބުންނޭ ބުނުމުން، ޤަބޫލު ނުކުރާނެ އެއްވެސް ބަޔަކު މިއަދު ނުހުންނާނެއެވެ.
ހިޖުރައިން 1932 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ލިޔެވުނު ޤާނޫނުގެ ދަށުން ވެރިކަމުގައި ހުރުމަށް މުއްދަތެއް ކަނޑައެޅިގެން ދިޔައެވެ. ކަން މިހެން އޮތް ކަމުގައިވީ ނަމަވެސް އެއިރުވެސް ވެރިކަމުގެ ހުރިހާ ބާރެއް ކަހަލަ ގޮތަކަށް ބާއްވަމުން އައީ އެ އިރެއްގައި ވެރިކަމާއި ވަޑައިގެން ހުންނެވި ބޭފުޅެއްގެ އަތްޕުޅުގަ އެވެ. ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމަށްފަހު، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ރާއްޖޭގެ ވެރިކަމާއި ހަވާލުވުން ވެގެން ދިޔައީ އިހުގެ ޒަމާނަށް އަޅައި ބަލާއިރު ރާއްޖެ ނުދެކޭ އެތައް ދިމާލަކަށް ދޮރު ހުޅުވިގެން ގޮސް ހާރިޖީ ސިޔާސަތު އިންތިހާއަށް ފުޅާވެގެން ދިޔަ ކަމަކަށެވެ.
ވެރިކަމުގެ ތެރެއަށް މިއަދު ނަޒަރު ހިންގާލާނަމަ، ޑިމޮކްރެސީގެ ހަމަތަކާއި ޙިލާފު އެތައްކަމެއް ހިނގާ ދިޔަ ނަމަވެސް ޤައުމު އޮތީ އިޖްތިމާއީ ގޮތުން އަމާންކަމާއި ހުލްޤު ހެޔޮ ވެރިކަމެއް ގޮތުގައެވެ. މަލްޓި ޕާޓީ ސިޔާސީ ނިޒާމެއް އުފަންވެގެން އައިސް، ޤައުމެއްގެ ވެރިކަމުގައި އެއް ބޭފުޅަކު އެހާ ގިނަ އަހަރުތަކެއް ވަންދެން ދެމި ހުންނެވުމަކީ އެކަމުގެ އެންމެ ރަނގަޅުގޮތް ނޫންކަން ހާމަ ވުމާއި ހަމަޔަށްވެސް، ބާރުތައް ހިފަހައްޓަވާއި ސުލްހަވެރިކަމާއެކު ޤައުމު ހިންގަވަމުން ގެންދިޔައެވެ.
ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމޭ ކިޔާ އެއްޗެއް އޮންނަކަން ރައްޔިތުންނަށް ހާމަވެ، ރައްޔިތުންގެ އާންމު ވޯޓަކަށް ހުށަހެޅިގެން ދިޔައެވެ. ރައްޔިތުންގެ މެދުގައި ވޯޓުލުމަށް ދިވެހިން ނިންމައި، ީ މި ޤައުމުގެ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމެއްގެ ގޮތަށް ބަދަލުވެގެން ދިޔައެވެ. 2008 ވަނަ އަހަރު އިންތިޙާބުން ލިބުނު ނާކާމިޔާބީއާއެކު ކުރީގެ ރައީސް މައުމޫނުގެ 30 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް އައެވެ. މި އިންތިޙާބަށްފަހު ދިވެހި ޤައުމުއާއި ހަވާލުވެ ވަޑައިގެންނެވީ، އެއިރުގެ އެންމެ މަޤްބޫލު ސިޔާސީ ލީޑަރ، މުހަންމަދު ނަޝީދު އެވެ.
މި އިންތިޙާބަށްފަހު ރާއްޖޭގެ ސިޔާސީ ވައްޓަފާޅިއަށް ބަދަލުތަކެއް އައެވެ. ދުލުގެ މިނިވަންކަން ލިބި، ހަގީގީ މިނިވަންކަން ދިވެހިންނަށް ތަޖުރިބާ ކުރެވެންފެށީ 2008 ގެ ފަހުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ނުވިސްނޭ އުމުރުގެ ދަރިވަރުންނަށް އޮތް ނުގުޑާ ގަވައިދުތައް ލުއިތަކެއް ލިބި، މަދަރުސާއިން ކިޔަވައި ދިނުމުގެ ވައްޓަފާޅު ބަދަލު ވެގެން ދިޔައެވެ.
އެމްޑީޕީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ޤާއިމް ކުރުމަށް ވައުދުވެވަޑައިގެންނެވި ކަންކަމަކީ ކޮންމެ ފަރުދަކަށްވެސް މިއަދު އެކަމެއްގެ މަންފާ އިންތިހާއަށް ކުރާނެ ކަމެއްކަން ހަމަ ޔަޤީނެވެ. އާސަންދަ ތައާރަފްކޮށް، ބޭސް ސިޓީއަށް ސަލާންޖެހުމަކަށް ނިމުމަކަށް އައެވެ. ވަކި ފަރުދަކަށް ނުރުހިފަ ބަހެއް ބުނެވުނީތީ ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާން ނުޖެހޭނެ ވަރަށް ކޮންމެ ދިވެހި ފަރުދަކަށްވެސް ހަމަހަމަ ކަންމަތީ ބަސް ބުނުމުގެ މިނިވަންކަން ލިބިގެން ދިޔައެވެ. ޝަރުއީ ނިޒާމުގައި ހުރި އަނދަވަޅުތައް މަރާމާރުކޮށް، އާރާސްތު ވެގެން ދިޔައެވެ. ރަށްރަށުގެ ކަންކަން ހިންގާ ބެލެހެއްޓުމަށްޓަކައި، ލާމަރުކަޒީ އުސޫލުތަކެއް އެކުލަވާލައި، ކުޑަކަތީބާއި ބޮޑުކަތީބުގެ ބާރު ނައްތާލެވި، ރައްރަށުގެ ވެރިން ރައްޔިތުން ގުޅިގެން އިންތިޙާބަކުން ހޮވާ ވެރިޔަކު ބެހެއްޓުމުގެ އުސޫލެއް އެކުލަވާ ލެވިގެން ދިޔައެވެ. މީގެ އިތުރުން ދިވެހިރާއްޖެއަށް ޖީ.އެސް.ޓީ ތައާރަފްކޮށް، އިސްރައްވެހިންނަށް ޢިނާޔަތް ދިނުމާއި، ކިޔަވާ ކުދިންގެ ފޮތްލިސްޓު ސަރުކާރުގެ ފަރާތުން މުޅިން ހިލޭ ލިބޭނެ މަގު ރައްޔިތުންނަށް ތަނަވަސް ކޮށްދެއްވިއެވެ.
އެހެނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ހެއްދެވުނު ގޯސްތަކެއްގެ ސަބަބުން، އެމަނިކުފާނު 2012 ގައި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުން އިސްތިޢުފާ ދެއްވިއެވެ. ރާއްޖޭގެ ވެރިކަން އެ ހިސާބުން ފެށިގެން ހިންގަމުން ގެންދެވީ ރައީސް ނަޝީދުގެ ދައުރުގައި ނައިބު ރައީސަކަށް ހުންނެވި. ޑރ. މުހަންމަދު ވަހީދު ހަސަން އެވެ. އެމަނިކުފާނު ގެ ވެރިކަން ނިމުމަކަށް އައީ 2013 ގައި ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، އެ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވުމާއި ހިސާބުން ނެވެ. އަދި މިއަދާ ހަމައަށް އައިރުވެސް ރާއްޖެ މި އާރާސްތުކުރަނީ 2008 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި، ރައީސް މުހަންމަދު ނަޝީދު އަޅާދެއްވި ބިންގާ މަތީގައޭ ބުނުން ބޭ އިންސާފަކަށް ނުވާނެކަން ހަމަ ޔަޤީނެވެ.

