ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ދެމުން ގެންދާ އެހީތަށް ދިހަ ގުނައަށް އިތުރުކޮށް، ފައިސާގެ އެހީ 50،000 ޑޮލަރަށް ބޮޑު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނަށް އެހީވުމަށް އދ. ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެމުން އައި ފައިސާގެ އެހީ 50،000 ޑޮލަރަށް އިތުރު ކުރުމަށް ނިންމާފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި ފަލަސްތީނަށް ރާއްޖެއިން ދޭ އެހީ މި އަހަރު 10 ގުނަ އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން ޒަމީރު އިއުލާނު ކުރެއްވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖެއިން ފަލަސްތީނަށް ދެމުން އަންނަނީ، މަހަކު 5،000 ޑޮލަރެވެ. އެހެން ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް އިޒްރޭލުން ވަރުގަދަކޮށްފައި ވާތީ ރާއްޖެއިން ވީހާވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމީކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރުތަކުގައި ދައުލަތުން ވާނީ މި ފަންޑަށް އަބަދުވެސް އެހީތެރިވެދީފަ.. އެގޮތުން ކޮންމެ އަހަރަކު ރަމްޒީ އެހީއެއްގެ ގޮތުގައި، 5000 ޑޮލަރު ދަނީ ދެމުން.. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ފަހުން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން، ފަލަސްތީނަށް ލިބުނު ގެއްލުންތަކުގެ އެހީއެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން 50،000 ޑޮލަރު.. އެއީ ކުރީގެ އަދަދުގެ ދިހަ ގުނަ ހަދިޔާ ކުރާ ގޮތަށް ނިންމަވާފަ..
ފައިސާ ހަވާލު ކުރާނެ ގޮތުގެ ތަފްސީލު ދެއްވައި ޒަމީރު ވިދާޅުވީ، ފައިސާ ހަވާލު ކުރާނީ ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ފައިސާ ހަވާލު ކުރުމުގެ މަރުހަލާއަށް ބޭނުންވާ އޮޑިޓިންއަށް މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސް އެލްއެލްބީ ހަމަޖައްސާފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ.
ތެލެތޯންއަށް ލިބޭ ފައިސާ ފަލަސްތީނަށް ހަވާލު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ، އދ ގައި އެކަމަށް ހާއްސަ ފަނޑު މެދުވެރިކޮށެވެ. މިއީ އދ. އިން ކޮންމެ އަހަރަކު ވެސް އޮޑިޓު ކުރާ ފަންޑެއްކަމުން ފައިސާ ހަވާލު ކުރުން ކުރިޔަށް ގެންދާނީ ވަރަށް ބޮޑަށް ޓްރާންސްޕޭރަންޓު އުސޫލުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި މަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ފަލަސްތީނަށް އެހީވުމުގެ ގޮތުން މުހިންމު ސިޔާސަތުތަކެއް ކަނޑައަޅުއްވާފައިވާކަމަށް ޒަމީރު ވަނީ ވިދާޅުވެފަ އެވެ.

