ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް މި ވުޒާރާއާއި ކެއަރ ސޮސައިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކެއަރ ސޮސައިޓީގެ ފަރާތުން، އިޖުތިމާއީ އަދި އާއިލީތަރައްގީ އާއި ބެހޭ ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދިވަޑައިގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށް ކަމަށް އެ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.
ދެމަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، މަސައްކަތަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، މަސައްކަތުގެ މާޙައުލަށް ނެރުމުގެ މައިގަނޑު އެއް މަޤްޞަދަކީ މިފަދަ ފަރާތްތަކުން އެހެން ފަރާތްތައް ހިތްވަރު ލިބިގަނެ، ކޮންމެ ފަރާތަކީވެސް މުޖުތަމަޢުގައި ބޭނުންތެރި ފަރާތަކަށް ހެދުން ކަމަށް ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ތަނުގައިވެސް އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

