ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން ޖުލައި 20 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާގޮތުން ޖުލައި މަހުގެ 20ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަގައިކަމަށެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ މައްޗަންގޮޅި މެދު ދާއިރާ އަދި ހުޅުމާލެ ދާއިރާ އަދި ކުރިމަތިލާ މީހުންގެ ތެރޭގައި ގުރުއަތު ނެގުން އިލެކްޝަންސް ކޮމިޝަނުގެ އިމާރާތުގައި ކުރިއަށް ގެންދާނެކަމަށް މައުލޫމާތު ދީފައިވާއިރު ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ މެމްބަރުގެ އިތުރުން ފ. ބިލެތްދޫ ކައުންސިލް ރައީސްގެ މަގާމަަށާއި ރ. ރަސްމާދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިޔަކަށް ވާދަކުރުމަށްވެސް ހުޅުވާލެވިފައިވާކަން ހާމަކުރިއެވެ.
އެ ކޮމިޝަނުންވަނީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަށް އެދިފައެވެ. އަދި ހާޒިރުވެވެން ނެތް ހާލަތުގައި ކެންޑިޑޭޓުގެ ފަރާތުން ވަޑައިގަންނަވާ މީހަކު ބަޔާންކޮށް ސިޓީއަކާއިއެކު އެ މީހެއް ފޮނުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. އަދި ކެންޑިޑޭޓުގެ ފަރާތުން މީހަކަށް ހާޒިރު ނުވެވޭ ހާލަތުގައި އެކަން ކުރާނީ އިލެކްޝަންސްއިން ކަމަށްވެސް ބުނެފައިވެއެވެ.

