އުމުރުން ދުވަސްވުމުގައި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަޝްވަރާތައް ކުރިޔަށްދިޔަ ސައުތު އީސްޓް އޭޝިއާގެ ސަރަހައްދީ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށް ޢިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ޢިޢުލާން ކޮށްފިއެވެ.
މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މި މަހުގެ 12 އިން 23 އަށް އިންޑިޔާގެ ނިޔުދިއްލީގައެވެ. މި ބައްދަލުމުގައި 10 ޤައުމަކުންވަނީ ބައިވެރިވެފައެވެ. ސައުތު އީސްޓް އޭޝިއާގެ ސަރަހައްދީ ބައްދަލުވުމުގައި މި ވުޒާރާގެ ފަރާތުން ބައިވެރިވެފައިވަނީ އެލްޑާލީ ރައިޓްސް އެންޑް ވެލްބިއިންގް ސެކްޝަނުގެ ފަރާތުން ވަޒީރުގެ ނާއިބު އާމިނަތު އިސްމާއިލް އާއި އަދި ޞިއްޙީ ވުޒާރާގެ މަންދޫބުންވެސް ވަނީ ބައިވެރިވަޑައިގަތް ފައެވެ. އަދި މި ބައްދަލުމުގައި އުމުރުން ދުވަސްވީ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ރާއްޖޭގައި އެކުލަވައިލައިފައިވާ އެކި ސިޔާސަތުތަކާއި އިސްރަށް ވެހިންނަށް ފޯރުކޮށްދޭ ތަފާތު އެކި ޙިދުމަތްތަކާއި ގުޅޭ ގޮތުން ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ދުނީގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ބައްދަލުމުގައި އިސްރަށްވެހިންނަށް ދުޅަހެޔޮކަން ކަށަވަރު ކުރުމުގައި އަދި އެފަރާތްތަކަށް ޚާއްސަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި، މިކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލައި ފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ ތަޖުރިބާތައް ޙިއްސާކޮށްފައިވެއެވެ.
އިސްރަށްވެހިންނަކީ މުޖުތަމަޢުގައި އުފާވެރި، ދުޅަހެޔޮ، އަބުރުވެރި، ރައްކަތެރި އަދި މުޖުތަމަޢުގެ ކޮންމެ ކަމެއްގައި އެ ފަރަތްތަކުގެ ބައިވެރިވުން އޮތް ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވައެވެ. އެ ވުޒާރާއިން ބުނެފައިވަނީ މި ބައްދަލުވުމުން ހާސިލްކުރުވޭ އެންމެ މުޙިންމު ކަމަކަށް ވާނީ އިސްރަށްވެހިންގެ ދުޅަހޮޔޮކަމާއި ބެހޭ ސަރަހައްދީ އޮނިގަނޑެއް އެކުލަވާލުން ކަމަށެވެ.

