އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުން ސަލާމަތް ކުރުމަށް، ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި ދުއާ ކުރުމަށް ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.
އަރަފާތު ބިމުގައި ހުންނަ މަސްޖިދުއްނަމިރާގައި މިއަދު ހައްޖު ހުތުބާ ދެއްވީ މަސްޖިދުލް ހަރަމްގެ އިމާމު އަލްގާރީ ޑރ. އައްޝައިހް މާހިރު ބިން ހަމަދު އަލްމުޢައިގިލީ އެވެ.
ހައްޖު ހުތުބާގައި މިއަދު ގޮވާލާފައި ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާ ނުކުރުމަށާއި، ގެއްލުމެއް ދިނުމުގެ ވިސްނުމުގައި އަނެކާއާއި މެދު އަމަލު ނުކުރުމަށެވެ.
ހުތުބާގައި ބުނީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިނގަމުން ގެންދާ ލާއިންސާނީ އަނިޔާތަކުން އެ މީހުން ސަލާމަތްކޮށްދެއްވުމަށް އެދި ހައްޖު ދުވަހު ދުއާ ކުރަން ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް އެއްބަޔަކު އެއްބަޔަކު އަނެއް ބައެއްގެ މަސްލަހަތު ރައްކާތެރި ކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
ފާސިދު ކަންކަމުން ދުރުހެލިވުމަށް ގޮވާލައި ހުތުބާގައި ބުނީ، އެކަކަ އަނެކަކަށް އަދުލުވެރިކަން ގާއިމު ކުރަން ޖެހޭ ކަމަށެވެ. އަދި މައިންބަފައިންނަށް އިހުތިރާމް ކުރުމަށް ވަނީ ދަރިންނަށް އިލްތިމާސްކޮށްފަ އެވެ.
އިންސާނުން ބައިބައި ކުރުވައި، ފިތުނަ އުފެއްދުމަށް ޝައިތޯނާ ކުރާ މަސައްކަތްތަކާއި، އެ މަގްސަދު ހާސިލުވިޔަ ނުދިނުމަށް ވެސް ހުތުބާގައި ގޮވާލި އެވެ. އެއްވެސް މީހަކީ ހިޔާނަތްތެރިންގެ ގޮތުގައި ހިމެނޭ، އިންސާފު ގާއިމު ނުކުރާ މީހަކަށް ނުވުމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އެއީ އެ މީހަކީ ހުކުމެއް ކުރާ މީހެއް ނަމަ، އިންސާފުވެރިކަމާއި އެކު ހުކުމަކަށް ވާސިލުވުމަށްކަމަށް ވެސް ބުނެފައި ވެއެވެ.
ފަލަސްތީނުގެ މުސްލިމް އަހުންގެ ހައްގުގައި ދުއާ ކުރުމަށް އިލްތިމާސްކޮށް ހުތުބާގައި ބުނެފައި ވަނީ، ދުއާ ކުރުމަށް އެންމެ މުނާސަބު ބަޔަކީ ހައްޖުވެރިން ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ދާ ލާއިންސާނީ އަނިޔާތަކުން އެ މީހުން ސަލާމަތްކޮށްދެއްވަން، ދުއާކޮށްދެއްވުމަށް ހުތުބާގައި ބުންޏެވެ.
އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން، ފަލަސްތީނުގެ ރައްޔިތުން އުޅެން ޖެހިފައިވާ ހާލަތުން ސަލާމަތްތެރިކަން ހޯދައިދޭން ހުރިހާ މުސްލިމުން ވެސް މަސައްކަތް ކުރުމަށް ހުތުބާގައި އިލްތިމާސްކުރި އެވެ.
މިއަދުގެ ހުތުބާގައި ވަނީ ހައްޖުގެ އަޅުކަމުގެ ވަގުތުތަކުގައި ގުރުއާން ކިޔެވުމަށާއި، ދުއާ ކުރުމާއި ޒިކުރު ކުރުމަށް ގިނަ ވަގުތު ހޭދަ ކުރުމަށް ގޮވާލާފަ އެވެ. އަދި ތަގުވާވެރިވެ ރިވެތި އަހުލާގު ދަމަހައްޓައި، އާމާންތްތެރިކަމާއި ތެދުވެރިކަން އިސް ކުރުމަށް ހުތުބާގައި ގޮވާލި އެވެ.

