ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ފައިދާއިން 80 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެސްޓީއޯ ބުނެފައި ވަނީ ފައިދާއިން 80 ރުފިޔާ ބަހަން ހުށަހެޅީ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.
މިއަދަދު ހިއްސާދާރުން ފާސްކޮށްދިނުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެކަމަށް އެސްޓީއޯ ބުންޏެވެ.
އަދި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެ ހުށަހެޅުން ފާސްކުރުމުން، އެ ނިންމުން ތަންފީޒު ކުރެވޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓާރގައި 4.13 ބިލިއަން ރުފިޔާ ޖުމުލަކޮށް ލިބިފައިވާކަމަށް އެސްޓީއޯގެ ކުއާޓާލީ ރިޕޯޓުން ދައްކަ އެވެ. ކުންފުނީގެ ކުއާޓަރލީ ރިޕޯޓުގައިވާގޮތުން، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ލިބިފައިވަނީ 4.44 ބިލިއަން ރުފިޔާއެވެ. އަދި ދެވަނަ ކުއާޓާރގައި 03.8 ބިލިއަން ލިބުނުއިރު، ތިންވަނަ ކުއާޓާރގައި 4.13 ލިބިފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާރގައި ލިބުނު އަދަދަށްވުރެ މި އަހަރު ލިބުނު އަދަދު 493 މިލިއަން ރުފިޔާ ދަށެވެ. މިދިޔަ އަހަރު ލިބުނީ 4.63 ބިލިއަނެވެ.
ތިން ވަނަ ކުއާޓާރގައި ކުންފުނީގެ އޮޕަރޭޓިންގް ޕްރޮފިޓެއްގެ ގޮތުގައި 390 މިލިއަން ފާހަގަކޮށްފައިވާއިރު، ޓެކްސް އަދި އެހެނިހެން ހަރަދުތައްވެސް ހަލާސްކުރުމަށްފަހު 271 މިލިއަންގެ ސާފު ފައިދާ ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ. މިދިޔަ އަހަރަށްވުރެ މި އަހަރުގެ ތިންވަނަ ކުއާޓާރގައި ސާފު ފައިދާވެސް އިތުރެވެ. 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓާރގައި ލިބުނީ 168 މިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.

