މި ހިނގާ ޖޫން މަހުގެ މެދުތެރެއިން ބޮޑު އީދު ޗުއްޓީއާ ދިމާވި ނަމަވެސް، 2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ކަމުގައިވާ 30 ޖޫން 2024 އަށް ބަދަލެއް ނާންނާނެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިއުލާނުކޮށްފިއެވެ.
މީރާއިން ނެރެފައިވާ އިއުލާނުގައި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް، 2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭތޯ ބެލުމަށްފަހު، ސުންގަޑިއަށް ބަޔާން ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރޭގައި މާލީ ހިސާބުތައް އޮޑިޓްކޮށް، އިންކަމް ޓެކްސް ބަޔާނާއިއެކު އޮޑިޓަރުގެ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތަކުން މި ލިޔެކިއުންތައް ދުރާލާ ތައްޔާރުކޮށް، ސުންގަޑިއައް ބަޔާން ހުށަހެޅޭނެ ގޮތަށް މަސައްކަތްތައް ރާވާ ތަރުތީބުކުރުމުގެ މުހިންމުކަން މީރާ އިން ފާހަގަކޮށްފައިވެއެވެ.
2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ ބަލަން ބޭނުންވާ ފަރާތްތަކުން، މީރާގެ ވެބްސައިޓުގައިވާ އިންޓަރެކްޓިވް ގައިޑު މެދުވެރިކޮށް ފަސޭހަކަމާއެކު ބަލާލެވޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރުމަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން، ނުވަތަ މީރާގެ އީމެއިލް އެޑްރެސް 1415@mira.gov.mv އަށް އީމެއިލް ކުރައްވައިގެން ބަޔާން ތައްޔާރުކުރުމަށް އެހީ ހޯދުމަކީ މީރާގެ ވަރަށް ބޮޑު އެދުމެކެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން މީރާއިން ދަނީ މިވަގުތު ވެސް ހާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދަމުންނެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ، ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

