ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ވަން ލިޒިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރައީސް މުއިއްޒުގެ އުފަންދުވަހުގެ މުނާސަބަތުގައި އެމަނިކުފާނަށް ޗައިނާގެ ރައްޔިތުންގެ ނަމުގައި އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ނަންފުޅުގައި ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެއް އަރުވާފައެވެ.
މި ސިޓީފުޅުގައި ޗައިނާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރައްވައި، އަދި ދެ ގައުމު ރައްޔިތުން ގުޅިގެން ބިނާކުރަނިވި މުސްތަޤްބަލެއް ގާއިމުކުރުމުގެ ޝައުޤުވެރިކަންވެސް މި ސިޓީފުޅުގައި ފާޅުކުރައްވާފައިވެއެވެ.
ޗައިނާގެ ސަފީރުގެ އަތްޕުޅުން މި ސިޓީފުޅު ރައްދުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މި ސިޓީ ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ އުފަންދުވަހަކީ ވެސް މިއަދުކަމަށް ވާތީ، އެމަނިކުފާނަށް ރައީސް ލިޔުއްވާފައިވާ މެސެޖް ރައްދުކޮށްދެއްވުން އެދި ޗައިނާގެ ސަފީރާ ޙަވާލު ކުރައްވާފައެވެ. މި މެސެޖުގައި ރައީސް މުއިއްޒު ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ޗައިނާގެ ރައީސަށް އުފާވެރި އުފަންދުވަހަކަށް އެދިވަޑައިގެން ތަހުނިޔާ ކިޔުއްވައިފައެވެ.
މި ބައްދަލުވުމުގައި، ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ކުރިމަގުގައި ތަރައްޤީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލު ކުރެއްވިއެވެ.
މީގެ އިތުރުން ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ޗައިނާއިން އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވާފައިވެއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް މުއިއްޒުއާއި ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް ވަނީ ވިދާޅުވެފައެވެ.

