އިންޑިއާގެ ސިފައިންކަމަށް ބުނެ ސޯޝަލް މީޑީއާގައި ދައުރު ކުރަމުންދާ ވީޑިއޯތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
ރާއްޖެ – އިންޑިއާ ދެމެދުވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ތިބިކަމަށް ބުނާ ސިފައިން އެއްކޮށް ފޮނުވާލާފައިވާކަމަށް ސަރުކާރުން ބުނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ، އިންޑިއާ ސިފައިންގެ މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތަކާ މެދު އިދިކޮޅުން ސުވާލު އުފައްދަ އެވެ. އަދި އޮފިސަރުންގެ ބަދަލުގައި ގެނައި މަދަނީ މީހުންނާ އިންޑިއާގެ ސިފައިންނާ ތަފާތެއް ނެތްކަމަށް ބުނެފައި ވެއެވެ.
އިންޑިއާގެ ސިފައިންކަމަށް ބުނެ ދޭތެރެއަކުން މީޑިއާތަކުގައި އެކި ވާހަކަ ދެކެވޭއިރު، މި ދެ ދުވަހަކު ވަނީ ޔުނިފޯމު އެޅި އޮފިސަރުންތަކެއްގެ ވާހަކަ ފެންމަތިވެފަ އެވެ. އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އެމްއެންޑީއެފްއިން މީޑިއާތަކަށް ބުނެފައި ވަނީ ދައުރު ކުރާ ވީޑިއޯގައި ފެންނަނީ ލަންކާގެ ޓްރެއިނިން އިންސްޓްރަކްޓަރުން ކަމަށެވެ. އަދި އެ މީހުން ރާއްޖެ އައީ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ޓްރެއިނިންއަށްކަމަށް މައުލޫމާތު ދިނެވެ.
އެ ވީޑީއޯ ދައުރުކޮށް، ބައެއް އާންމުން ދަނީ ސަރުކާރުން ސިފައިން ފޮނުވާލިކަމަށް ބުނެ ރައްޔިތުންނަށް ދިނީ ދޮގު މައުލޫމާތެއްކަމަށް ބުނެފަ އެވެ. އެކަމަކު އެ ތުހުމަތުތައް ސަރުކާރާއި، އެމްއެންޑީއެފް ވަނީ ދޮގުކޮށްފަ އެވެ.
އާންމުކޮށް ކުރާ އެ ތުހުމަތުތަކަށް ރައީސް މުއިއްޒު ވިދާޅުވީ، ކުއްލަ ހެދުމުގައި ނުވަތަ އެހެން އެއްވެސް ސިފައެއްގައި ވެސް ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ރާއްޖޭގައި ތިބުމުގެ ޖާގަ ދިވެހި ސަރުކާރުން ނުދޭނެކެމަށެވެ.

