ރިޔާސީ އިންތިހާބުގެ ސިޔާސަތުގައި ހިމެނޭ އިގްތިސާދީ އެޖެންޑާގައި ހިމަނާފައިވާ މަސައްކަތްތަކުގެ ތެރެއިން ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގައުމުގެ ކަންކަން ބޮއްސުންލައިގެން ގޮސް މިނިވަންކަން، އަނދަވަޅަކަށް ވެއްޓުމަކީ ދިވެހި ރައްޔިތުން އަޅުވެތިކަމަށް ނޫނެކޭ ބުނެ ދިވެހިންގެ ރާއްޖެއަކަށް މިސްރާބު ޖެހަން ޖެހުނު ސަބަބުކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި 2023 ގައި އޮތް ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން އިހުތިޔާރު ކުރި މަގަކީ ވެސް އެއީކަމަށާއި، އެހެންކަމުން ރައްޔިތުން ކުރާ އުންމީދުތަކާއި ދެކެން ބޭނުންވާ ބަދަލުތައް ގެނެސްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން ރައްޔިތުންގެ ނިންމެވުމާ އެއްގޮތަށް، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރު ހިންގުމަށް މަސައްކަތް ކުއިރިއިރު އެތައް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރަމުން ދިޔަ ދަތިތައް… އެއީ މާ ދުރު ނޫން ހިސާބަކުން ފެންނާން އޮތް ހަގީގަތް، އެހެން ނަމަވެސް އަޅުގަނޑުމެންގެ ހީވާގި، ލީޑާޝިޕާއި އެކުވެރި ހުރިހާ ބޭފުޅުންނާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އަދި ވަކިން ހާއްސަކޮށް އޭރު އެކަން ހިނގަމުން ދިޔަ ގޮތް ކަމުނުގޮސްގެން ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތް ހިޔާރު ކުރައްވައި އަޅުގަނޑުމެންނާ ގުޅުނު އޭރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ އޭރުގެ މެމްބަރުން..
މިރޭގެ ބައްދަލުވުމުގައި ވެސް ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ރައްޔިތުންގެ މަޖިލިސް އިސް ދައުރެއް އަދާ ކުރަން ޖެހޭކަމަށާއި، މީގެ ދެ މަސް ކުރިން ވެސް އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ އެއީ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެކަން ގަބޫލުކޮށް، ސަރުކާރަށް ދިން ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދެން އޮތީ ބާރުމިނުގައި މަސައްކަތް ކުރިޔަށް ގެންދިއުން ކަމަށެވެ. އަދި ކުރިިން ކުރިމަތި ކުރި ގޮންޖެހުންތަކުގެ ސަބަބުން ހައްލު ނުކުރެވި ހުރި ކަންތަކުން އަރައިގަތުމަށް ވެސް މަސައްކަތްތައް ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑު އެންމެ ފުރަތަމަ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް އިއުލާނުކޮށް، އެންމެ ފުރަތަމަ މެނިފެސްޓޯ އިއުލާނުކޮށް ބޭއްވުނު ބައްދަލުވުމުގައި އިއުލާނު ކުރި އިގްތިސާދީ އެޖެންޑާގައި އޮތް ގޮތަށް ފެށި މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވީތީ ވަރަށް ރަނގަޅު
ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވައުދާއި އެއްގޮތަށް ސަރުކާރުން ވަނީ ފައިސާ ޗާޕު ކުރުން ހުއްޓާލި ކަމަށެވެ. އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން އެޅި ފިޔަވަޅަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން މަރުބާ ކިޔާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އިންތިހާބެއް ކުރިޔަށް އޮތްވައި، ސަރުކާރުން އެފަދަ ނިންމުމެއް ނިންމުން އެއީ ހިދުމަތް ކުރުމުގެ ވިސްނުން ގެންގުޅޭ ސަބަބެއްކަން އެނގޭ ފިޔަވަޅެއްކަން ވޯލްޑް ބޭންކު ފަދަ އިދާރާތަކުން ފާހާގަކުރިކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ފައިސާ ޗާޕުކޮށް، ކުރިޔަށް ދިއުމަކީ ފަސޭހަކަމަކަށް ވީސްކަމަށެވެ. އެހެން ނަމަވެސް ފަސޭހަ މަގެއް ހޯދުމުން ލިބޭ ހިތްހަމަޖެހުން މާ ރަނގަޅުވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި، ސަރުކާރު ހިންގާފައި ވަނީ ފައިސާ ޗާޕު ކުރުމެއް ނެތި ލޯނުތައް ނުނަގަ އެވެ.

