ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޠާނަވީ ތަޢުލީމުން ފެއިލްވުމަކީ ތަޢުލީމީ ޙަޔާތުގެ ނިމުމެއް ނޫން!

ޠާނަވީ ތަޢުލީމުން ފެއިލްވުމަކީ ތަޢުލީމީ ޙަޔާތުގެ ނިމުމެއް ނޫން!
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާސީ އައު އަހަރު ފެށިގެން ކުރިއަށް ދާއިރު އިމްތިހާނުތަކާއި ހަމައަށް ތައްޔާރުވުމައިގެން ދަރިވަރުން ބުރަ މަސައްކަތް ކުރެއެވެ. އޯލެވެލް ގައި ކިޔަވާކުދިންގެ އުންމީދަކަށް ވެގެންދަނީ ގިނަ ފަހަރު، މަދުވެގެން 5 މާއްދާއިން ފާސް ވުމެވެ. އަނގަ ބަހަކަށްވެފައި އޮންނަނީ 5 މާއްދާއިން ފާސް ވެއްޖެ ނަމަ އެއީ އިތުރަށް ތަޢުލީމައިގެން ކުރިއަށް ދިއުމަށް އޮންނަ ހަމަ އެކަނި އުންމީދު ކަމަށެވެ. މަދުން ނަމަވެސް ޖީ.ސީ.އީ އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ނުލިބިއްޖެނަމަ އެ ކުއްޖަކީ ފެއިލްވެފައިވާ ކުއްޖެއް ކަމަށްބަލައި، ކިޔެވުމުގެ ވެށިން އެކަހެރިކޮށް މަސައްކަތުގެ މައިދާނަށް ފޮނުވާލާ މަންޒަރު އާންމު ގޮތެއްގައި ފެނިގެން ދެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ހަޤީޤަތުގައިވެސް މިއީ ރަނގަޅު ވިސްނުމެއްތޯއެ؟

ރާއްޖޭގެ ތަޢުލީމީ ނިޒާމު ބިނާވެފައި އޮންނަނީ ޖުމުލަ 10 ލެވެލްއެއްގެ މައްޗަށެވެ. ގުރޭޑް 7 ނިންމުމަށްފަހު ކޮންމެ ކުއްޖަކުވެސް ވެގެންދަނީ ލެވެލް 3 ގެ ކޯހެއް ހެދުމަށް ޝަރުތު ހަމަވެފައިވާ ކުއްޖެއް ކަމުގައިއެވެ. އެހެން ގޮތަކަށް ބަލާނަމަ، ޖީ.ސީ.އީ އޯލެވެލްއިން އެންމެ މަތީ ނަތީޖާ ހޯދާ ކުއްޖާއަށްވެސް މި ހާސިލް ކުރެވެނީ، ރާއްޖޭގެ އެމް ކިއު އޭ ލެވެލްގެ ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓެކެވެ. އެހެން ނަމަވެސް ގިނަ ފަހަރު ބައެއް ދަރިވަރުންނަށް ހުރިހާ މާއްދާއެއް އެއްކޮން ކިޔެވުން ދަތިކަމަކަށްވެ، ފަހު އިމްތިހާނުގައި ފާސް ނުވާތަން ދިމާވެއެވެ. މިގޮތަށް ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ، ކޮންމެ ކުއްޖަކީވެސް އުފެދުމުގައި ތަފާތު ހުނަރެއް ލިބިފައިވާ ކުއްޖަކަށް ވުމެވެ. މިކަމުގެ މިސާލަކަށް ބަލައިލާނަމަ، އެންމެ މަތިން ފާސް ނުވި ނަމަވެސް ކުރިއަށް އޮތް މުސްތަޤުބަލުގައި، އެ ކުއްޖާއަކީ ދިވެހި ޤައުމަށް ރީތި ނަންތަށް ހޯދައިދޭ ކުދިންނަށް ވެގެން ދާ ފަހަރު މަދެއް ނޫންނެވެ.

އަބަދުވެސް ވިސްނަންވި މުހިންމު އެއކަމަކީ، އެހެން ބަޔަކު ތައްޔާރު ކުރާ މަންހަޖަށް ދަރިފުޅު ފެއްތުމުގެ ބަދަލުގައި، ދަރިފުޅު ގައިގަ ހުރި ހުނަރު ދެނެގަނެ އެ ހުނަރު ކުރިއަރުވަން މަސައްކަތް ކުރުމެވެ. ޖީ.ސީ.އީ އޯ ލެވެލް ގައި ފެއިލްވި ނަމަވެސް ދެން ކުރިއަށް ދެވެން އޮތް މަގަކީ ކޮބާތޯ ބަލައި ހަލާލު ގޮތުގައި އާމްދަނީ ހޯދޭނެ އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫންކަމުގައި ދަރިންނަށް ވިސްނައި ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރަނގަޅު މިންވަރެއްގެ އާމްދަނީ ލިބޭ ބައެއް ދާއިރާތަކަށް ބަލައިލާ ނަމަ، ޑައިވިން، ވޯޓާ ސްޕޯޓްސް ފަދަ ދާއިރާ ތަކަކީ ރާއްޖޭ ކަހަލަ ފަތުރުވެރި ގައުމަކަށް ވަރަށް މުހިންމު ދާއިރާ ތަކެވެ. މި ދާއިރާ ތަކުގެ ތަމްރީނަކީ ސްކޫލް ދައުރުގައި ތަމްރީނު މަދު ދާއިރާ ތަކަށް ވީ ނަމަވެސް މިއީ ސިއްހީ ގޮތުގައި ބަލާނަމަ ކަސްރަތު ލިބި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް ފަސޭހަ ތަކެއް ވާނެ ދާއިރާއެކެވެ. އަދި އެހެންމެ ދަނޑުވެރިކަމަކީ މަޑުމަޑުން ނަމަވެސް އެ ދާއިރާއަށް ޒުވާނުން ނިކުންނަމުން އަންނަ ދާއިރާ އެކެވެ. ކާބޯތަކެތީގެ ދާއިރާއަށް ބަލައިލާނަމަ، ރާއްޖޭގައި ބޮޑަށް ބަރޯސާވެފައި މި ވަނީ ބޭރުން ލިބިދޭ ކާނާއަށެވެ. ސަބަބަކީ ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުން މަދުވުމާއި ރާއްޖޭގައި ތަރުކާރި މޭވާ ހައްދާނެ ދިވެހިން މަދު ވުމެވެ. ރާއްޖެއިން ބޭރުން ގެންނަ ކާބޯތަކެތި ރައްކާތެރި ކަށަވަރުކުރުމަށް އެ ތަކެތީގެ ސާންޕަލް ނެގުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

ގެދޮރު އިމާރާތް ކުރުމުގެ ދާއިރާއަށް ބަލައިލާނަމަ، މިއަދު ގެދޮރު އިމާރާތްކުރާ ދިވެހި ޒުވާނުން މަދުކަން ފާހަގަކުރެވެއެވެ. ދިވެހިންގެ ބަދަލުގައި އެތައް ބިދޭސީންއެއް އެ މަސައްކަތްކުރާ ތަން ފެނެއެވެ. ދުނިޔޭގައި ކުރިއަރައިފައިވާ ޤައުމުތަކަށް ބަަލައިލާއިރު އެ ޤައުމުގައި އެ މަސައްކަތްތަކަށް ނިކުމެ އުޅެނީ އެ ޤައުމެއްގެ ދަރިންނެވެ. ނަމަވެސް މިފަދަ މަސައްކަތްތަކުގައި ދިވެހިން މަދުވުމަކީ ހިތާމަހުރި ކަމެކެވެ. މި ފާހަގަކޮށްލެވުނު ކޮންމެ ދާއިރާއަކީވެސް ވަރަށް ރަނގަޅު އާމްދަނީއެއް ހޯދިދާނެ ދާއިރާ ތަކެކެވެ. ނަމަވެސް ކޮންމެ ފަރާތަކުންވެސް ވިސްނުން ގެންގުޅެންވީ ޖީސީއީ އިން ފާސް ނުވި ނަމަވެސް އުންމީދު ގެއްލުވާނުލާ ދަރިފުޅަށް ކުރިއަށް ދެވެން އޮތް ދާއިރާއެއް ހޯދައިދީ، އެމަގަކުން ކުރިއަށް ދިއުމަށް ހިތްވަރު ދިނުމާއި އެ ކަމުގައި އެއްބާރުލުން ދިނުމެވެ.

ދިވެހި ރާއްޖޭގެ ތައުލީމީ މަންހަޖުގެ ތެރެއިން، އެކި ދާއިރާތަަކަށް ނިކުންނަން ބޭނުންވާ ދަރިވަރުންނަށް އެ ދާއިރާއެއްގެ އެންމެ އަސާސީ ފެންވަރު ސާނަވީ ތައުލީމްގެ ތެރެއިން ލިބޭނެ މަގު ފަހިވުން ވަރަށް މުހިންމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: