ރާއްޖެއަށް ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ގާނޫނުން މިހާރު ކަނޑައަޅާފައިވާ ލިމިޓު އުވާލުމަށް ހުށަހަޅުއްވާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި މިއަދު އިހުސާން ވަނީ، މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ހަވާލު ކުރެވިފައިވާ ޒިންމާ އަދާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފަ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް އޮޕަރޭޝަން ”ކުރަނގި“ ގެ ނަމުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން މިހާރުވެސް ދަނީ ކުރަމުންނެވެ.
މި އޮޕަރޭޝަންގެ ދަށުން ބަޔޮމެޓިކް ދާޓާގެ އެކްސެސް މިވަގުތު އޮތީ ފުލުހުންނާއި އިމިގްރޭޝަން އަދި ހޯމްލޭންޑް އެންޑް ސެކިއުރިޓީ އަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ރަށްރަށަށް އަރާ ބިދޭސީން ދެނެގަތުމަށްޓަކައި ރަށްރަށުގެ ކައުންސިލް ތަކަށް ލިމިޓެޑް އެކްސެސް ދޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބަންގްލަދޭޝްގެ ލޭބަރުންގެ މައްސަލައިގައި ކޮމިޓީގައި މިއަދު އިހުސާން ފާހަގަ ދެއްކެވީ މެމްބަރުންގެ ސުވާލުތަކަށް ދެއްވި ޖަވާބުގަ އެވެ. ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ވަކި މިންވަރެއް ކަނޑައަޅާފައި އޮތް ސަބަބާއި އެއީ ވަކި ގައުމެއްގެ ބަޔަކަށް ތަފާތުކުމާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިވަގުތު ރާއްޖޭގައި އޮތް ލޭބަރުންގެ ޑިމާންޑާއި ކުރިއަށް އޮތް ތަނަށް އަންދާޒާކުރެވޭ ޑިމާންޑަށް ބަލާއިރުގައި، ބަންގްލަދޭޝްގެ 100،000 ލޭބަރުންގެ ލިމިޓަކީ އުވާލަން ޖެހޭ ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް އެ ލިމިޓު އުވާލަން ވާނީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ފަހުގައި ކަމަށާއި އެހެން ނޫން ނަމަ އެއީ ކުރަން ރަނގަޅު ކަމެއްނޫން. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ބަންގްލަދޭޝް ލޭބަރުންގެ ލިމިޓު އުވާލުން ބަރޯސާވަނީ ދެ ކަމަކަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި އެކަންކަން ނިންމަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ގޭންގުތަކާ ގުޅުން އޮންނަ 400 އެއްހައި ކުޑަކުދިން އެބަތިބި ކަމަށާއި އެ ކުދިންނަށް މިހާރުން މިހާރަށް އަޅާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ، ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ގާނޫނުތައް އިސްލާހުކޮށް، ފުލުހުންނަށް ބާރުވެރިކަން ދީގެން ކަމަށާއި ގޭންގުތައް ހުއްޓުވަން މައިގަނޑު ދެ ކަމެއް ކުރަންޖެހޭކަމަށެވެ. އެގޮތުން، އެއް ކަމަކަށް ގޭންގުތަކަށް ފައިސާ ލިބޭނެ މަގުތައް ބަންދުކުރަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި، ދެން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ގޭންގުތަކަށް ރެކްރޫޓުކުރާ ކުދިން ހުއްޓުވުމެވެ.

