އަންނަ އޮގަސްޓު މަހު ބޮޑު ޑްރެޖަރ ގެނެސް، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން މިއަހަރު ތެރޭ އެއްކޮށް ހިއްކާ ނިންމާނެ ކަމަށް ސީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ ރާޖް އެސް މަނިވަންނަން ވިދާޅުވެއްޖެއެވެ.
ފޭސް 3 ގެ މަސައްކަތް ކުރިއަށްދާ ގޮތް އެޗްޑީސީން މީޑިޔާތަކަށް ދައްކާފައިވާއިރު ސީއެމްއެސްއިން ބުނެފައިވަނީ އޮގަސްޓުގައި އެ ކުންފުނީގެ ބޮޑު ޑުރެޖަރު ”ކުއީން އޮފް ނެދަލޭންޑްސް“ ގެނެވޭނެ ކަމަށެވެ. އެ ޑްރެޖަރަކީ 30،000 އެއް ފަހަރާ ކުރެވޭނެ ޑްރެޖަރެއް ކަމަށާއި އެހެންކަމުން މި ޕްރޮޖެކްޓް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
އެޗްޑީސީގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރު އަބުދުލް މުއިއްޒު ހަސަން ވިދާޅުވީ ޑްރެޖަރުތައް 24 ގަޑިއިރު މަސައްކަތް ކުރާއިރު އެހީވުމަށްޓަކައި ބާޖުތައްވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ހޮޅި އަޅާފައިވާ ސަރަހައްދުތަކުގައި އިތުރު ޓަގު ބޯޓުފަހަރުވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޢަބްދުލް މުޢިއްޒު ވިދާޅުވީ މަސައްކަތްކުރާ ސަރަހައްދުގައި އަދިވެސް އުޅަނދުތައް އަޅާފައި އޮތުމުން މަސައްކަތަށް ދަތިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.
ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

