ސަރުކާރު ބައެއް ކުންފުނިތަކުގެ ގަވާއިދުތަކުގެ ސަބަބުން ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމަށް ދަތިކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ”ސަންގު ޓީވީ“ ގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ނެޝަނަލް ޑިވެލޮޕްމެންޓް ޕްލޭނެއް ނެތުންކަމަށެވެ. ރާއްޖެ އިދާރީ ގޮތުން ހިންގުމަށް އެންމެންނަށް އެއްބަސްވެވޭ އެއް ނިޒާމެއް ނެތުން މޭޔަރު ފާހަގަކުރެއްވީ ކަންބޮޑުވުމެއްގެ ގޮތުގައެވެ.
2011 ވަނަ އަހަރު ތައާރަފު ކުރެވިގެން އައި ލާމަރުކަޒީ ނިޒާމަކީ އޭގެ ހެތްކެއްކަމަށް ފާހަގަކޮށް މޭޔަރު ވިދާޅުވީ، މި ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ބާރުތަކެއް ދޫކޮށްލުމަށްފަހު 2017 ވަނަ އަހަރުގެ ތެރޭގައި އަނެއްކާވެސް ބެކްވާޑް މޫވްމެންޓެއް އައިކަމަށެވެ. އެގޮތުން ސަބަބުވެރި އުޒުރެއް ނެތިވެސް އޭރު ކައުންސިލްތައް ސަސްޕެންޑް ކުރެވުނުކަމަށާއި، ނަމަވެސް 2020 ވަނަ އަހަރުގެ ތެރޭގައި އަނެއްކާވެސް ކައުންސިލްތަކަށް ބާރުތަކެއް ލިބިގެންދިޔަކަމަށް މޭޔަރު ވިދާޅުވިއެވެ.
މި ނިޒާމު އަދިވެސް އެންމެ ފުރިހަމަނޫންކަމަށް ފާހަގަކޮށް މޭޔަރު ވިދާޅުވީ ގައުމެއް ޑިމޮކްރަސީގެ ޅަފަތުގައި އޮންނައިރު، ލާމަރުކަޒީ ނިޒާމަށް ފަރިތަވުމަށް ދުވަސް ނަގާނެކަމަށެވެ.
އަޅުގަނޑު ގަބޫލު ކުރަނީ ދިވެހިރާއްޖެ އަދި ރައްޔިތުންގެ ވިސްނުންވެސް މިދަނީ ލާމަރުކަޒީ ނިޒާމަކުންނ،ޭ ދިވެހިރާއްޖެ އެންމެ ރަނގަޅަށް ރައްޔިތުންނާއި ގާތުން ވެރިކަން ހިންގޭނީ. އެގޮތަށް ވިސްނުން ބަދަލުވެއްޖެހެން އަޅުގަނޑަށް ހީވަނީ. އެހެންކަމުން މިހާރު ގާނޫނުގައި އެބަހުރި، ހަގީގަތުގައި ގާނޫނުގައި ބުނެފަ ބަޔާން ކޮށްފަ ބައެއް ކަންތައްތައް. އެހެން ނަމަވެސް ނަމެއްގެ އެ ކަންތައްތައް މިހުރީ.
އާތިފް ވިދާޅުވިއެވެ.
ގާނޫނުގައި ނަމެއްގައި ބަޔާންކޮށްފައި ހުރި ކަންތައްތަކެއް އެބަހުރިކަމަށް ފާހަގަކޮށް އާތިފް ވިދާޅުވީ، އެހެން ވުޒާރާއެއްގެ ނުވަތަ ތަނެއްގައި އޮންނަ ގަވާއިދެއްގެ ސަބަބުން ތަންފީޒު ކުރުމަށް އުނދަގޫ ކަންތައްތަކެއް ލާމަރުކަޒީ ގާނޫނުގައި އެބަހުރިކަމަށެވެ. ގާނޫނުގައި އޮންނަ ގޮތުންނަމަ އެތަނެއްގެ ޔުޓިލިޓީ ހިދުމަތްތައް ދޭން ޖެހޭނީ އެތަނެއްގެ ކައުންސިލުންކަމަށް ގާނޫނުގައި އޮތް ނަމަވެސް، ބައެއް ހިދުމަތްތައް އެސްއޯއީތަކުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން ދެމުން ގެންދާކަމަށް މޭޔަރު ވިދާޅުވިއެވެ.
މި ހިދުމަތްތައް ދިނުމުގެ ގާނޫނީ ޒިންމާ އޮންނަނީ ކައުންސިލަށްކަމަށްވުމުން އެ ކުންފުނިތަކުން ދޭ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއްކަމަށް ފާހަގަކޮށް އާތިފް ވިދާޅުވީ، މިކަމަށް އޮތް ހައްލަކީ ކައުންސިލާއި އެ ކުންފުނިތަކާއި ދެމެދު އެއްބަސްވުމެއް އެކުލަވާލާފައި އޮތުންކަމަށެވެ.
މީގެ އިތުރުން އާތިފް ވިދާޅުވީ ސޮވްރިން ގެރެންޓީ ދިނުމަކީ ހަމައެކަނި މައި ސަރުކާރަށް އޮންނަ ބާރެއްކަމުން ލިބުން ބައެއް ފައިނޭންސްތައް ކުރިއަށް ނުގެންދެވި އެބަހުރިކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުގެ މަސައްކަތުން ތުރުކީ އަދި ޗައިނާއިންވެސް ފައިނޭންސް ހޯދާފައިވާކަމަށް ފާހަގަކޮށް އާތިފް ވިދާޅުވީ، އެ ތަނެއްގެ ޖީޑީޕީގެ ނިސްބަތުން ދަރަނިވެރިވެވޭނެ ފުރުސަތުތަކެއް ފަހިކޮށްދީފައި އޮންނަންޖެހޭކަމަށެވެ.
ގާނޫނުގައި ކައުންސިލްތައް ދަރަޖަ ކުރެވިފައި އޮންނަނީ އެންމެ ދަށުގައިކަމަށްވުމުން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ބޭނުންވާ މުވައްޒަފުން ނެގުމުގައި ކައުންސިލަށް ދަތިތައް އެބައޮތްކަމަށް މޭޔަރު ވިދާޅުވިއެވެ. އެކަށީގެންވާ މުސާރައެއް މިހެން ނަގާ މުވައްޒަފުންނަށް ނުދެވޭތީ މުވައްޒަފުން ހޯދުމުގައިވެސް ދަތިތައް އެބަހުރިކަމަށް ފާހަގަކޮށް އާތިފް ވިދާޅުވީ މިއީ ގާނޫނުގެ ތެރެއިން ހައްލު ލިބެން ޖެހޭކަންކަންކަމަށެވެ.
އަތޮޅު ކައުންސިލްތައް އުފެދިފައި އޮތީވެސް އެންމެ ރަނގަޅަށްކަމަށް ގަބޫލު ނުކުރާކަމަށް އާތިފް ވިދާޅުވިއެވެ. އަތޮޅު ކައުންސިލްގެ ރައީސްއަކީ މުޅި އަތޮޅުގެ ރައްޔިތުންގެ ވޯޓާއިއެކު އިންތިހާބު ކުރާ މީހެއް ނަމަވެސް، އަތޮޅު ކައުންސިލެއްގެ އިހުތިސާސެއް ނޯންނަކަމަށް ފާހަގަކޮށް އާތިފް ވިދާޅުވީ، އެއްވެސް ބާރެއް އަތޮޅު ކައުންސިލްތަކުގެ ނޯންނަނެކަމަށެވެ. ސިފަވަނީ ”ދަތް ނެތް މިޔަރެއް“ ކަމަށް އާތިފް ވިދާޅުވިއެވެ.

