ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފަތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ޝަމްނާޒްއާއިއެކު އިތުރު 2 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
މި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތު ޝަމްނާޒްގެ މައްޗަށް ކުރެވޭކަމަށް ސޯޝަލް މީޑީއާގައި ވަނީ އަޑު ފެތުރިފައެވެ.
މީގެ ކުރީގައި ޝަމްނާޒް ވަނީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމު އަދާ ކުރައްވާފައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ފަހުން ވަނީ އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފައެވެ.

