ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ޙިއްސާވުމަށް ސްޓެލްކޯއިން އިސްނަގައިގެން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގުޅިގެން ހާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ ވިދާޅުވީ ކޮންމެ އަހަރަކު ވެސް ސްޓެލްކޯއިން އިސްނަގައިގެން ކުންފުނިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ހިންގާ ކަމަށެވެ. އަދި ސްޓެލްކޯގެ މުވައްޒަފުން ހޮސްޕިޓަލްތަކާއި ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުނީގެ އަމާޒަކީ، ކޮންމެ އަހަރަކު ވެސް މިފަދަ ޕްރޮގްރާމްތައް ހިންގުންކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ މި އަހަރުގެ ޕްރޮގްރާމްގައި ސަތޭކައެއްހާ މުވައްޒަފުން ބައިވެރިވާކަމަށެވެ.
މިއީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ހިއްސާވުމަށް ސްޓެލްކޯއިން އިސްނަގައިގެން އެމްބީއެސްއާ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ސްޓެލްކޯއިން ބުނީ އެކި މުނާސަބުތުތަކާއި ގުޅުވައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުންފުނިން ހިންގާކަމަށެވެ.
ސްޓެލްކޯއިން ބުނީ މިފަދަ ދާއިރާތަކުން މުޖްތަމައުއަށް ހިދުމަތް ކުރުމަށް އިސްނެގުމަށް ކުންފުނީގެ މެނޭޖްމަންޓުން އިސްކަން ދޭކަމަށެވެ. އަދި މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން، މިފަދަ ކަންކަމުގައި އަބަދުވެސް ލިބޭކަމަށް ސްޓެލްކޯއިން ބުންޏެވެ.

