އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ބުދަ ދުވަހުގެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ޕާޓީ އެޑްވައިޒަރ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ އާންމު މެމްބަރުންނެވެ.
މި ރަސްމިއްޔާތުގައި މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންނާއި، ކުރީގެ މެމްބަރުން ވެސް ބައިވެރިވި އެވެ.
އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ އެންމެ މުހިއްމު ރައުސްމާލުކަމުގައިވާ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނަށް އަރިސް ކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އިސްލާމީ ޞައްޙަ ޢަޤީދާގައި ދެމިތިބެ ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ރައްޔިތުންނަށް ހިތްފަސޭހަ ތަނަވަސް ދިރިއުޅުމެެއް މަގުފަހި ކޮށްދިނުމުގައި އެމްޑީޕީން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، ޤައުމާއި ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމުގައި އެ ޕާޓީން ދެމިއޮންނާނެ ކަމަށެވެ.

