މިދިޔަ އަހަރު އޭޕްރީލް 7 ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލާގައި ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެ ދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލާގައި އެ ރަށު ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. އޭގެތެރޭގައި ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރާއި ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒާއި ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް ހިމެނެއެވެ. އެ ތިން މީހުންގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކި ވަކިންނެވެ.
މި ތިން އަޑު އެހުމުގައިވެސް ނިންމީ، ދައުލަތުން އެދުނު ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދިނުމަށެވެ. ދައުލަތުން އެދުނީ ބައެއް ހެކިތައް އެއްކޮށް ސިއްރުކޮށްދިނުމަށެވެ. އަދި ބައެއް ހެކިތަކުގެ ވަކި މިންވަރެއް ސިއްރު ކޮށްދިނުމަށްވެސް އެދިފައިވެއެވެ.
މީގެ ތެރޭގައި ސިއްރު ހެކިންގެ ބަޔާންތައް ހިމެނެއެވެ. އަދި ނައީމާގެ މަރުގެ މައްސަލާގައި ނަގާފައިވާ ފޮޓޯތައްވެސް ހިމެނެއެވެ.
މި މައްސަލައިގެ އަޑު އެހުމުގައި އުވާއަށް ޖަވާބުދާރީވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެން ބާއްވާ އަޑުއެހުމެއްގައެވެ. ދެން ޝަރީއަތް ބޭއްވޭނެ ތާރީހެއް ފަހުން ކަނޑައަޅުއްވާނެ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ. އެއީ ކޯޓުގެ ހާލަތު ހުރި ގޮތުގެ ސަބަބުން ކޮންމެ ދުވަހު ޝަރީއަތްތައް ބޭއްވުމަށް ދަތިތަކެއް ހުރުމުންނެވެ.
މައްސަލައިގައި ދައުވާ އުފުލާފައިވާ ބައެއް ފަރާތްތަކުގެ ޝަކުވާތަކެއް ހުރިއެވެ. އެގޮތުން ފަވާޒު ވަނީ އޭނާއަށް ލިބެންޖެހޭ ސިއްހީ ހިދުމަތްތައް ލިބުމުގައި ލަސްކަން ފާހަގަ ކޮށްފައެެވެ.
މީގެ އިތުރުން ދިފާއު ބިނާ ކުރުމަށް ވަކީލާއި މުވައްކިލާ ދެމެދު އެކަށީގެންވާ މިންވަރަށް ވާހަކަދެއްކޭނީ އޭނާއަށް ބޭނުންވާ ނަފްސާނީ ފަރުވާ ލިބޭނެ ގޮތް ހަމަޖެހުމުން ކަމަށްވާތީ އެކަން ހަމަޖައްސައި ދިނުމަށް ދިފައީ ވަކީލު އަހުމަދު ޔާމީން އެދިވަޑައިގެންނެވިއެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ނައީމާ މޫސާ މަރާލީ އޭނާގެ ބޮލުގައި ސިހުރުގެ ތުހުމަތު އަޅުވައި އެކަމުގެ ބަދަލުހިފުމަށް ކަމަށެވެ.

