ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަންދުވަހުގެ ފުޅަނދު ބުރުގެ ޚަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖޫމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަަކައި ސިޔާސީ މަޤާމްތަކާއި މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ކުރިއަށްގެންދާ ފުޅަނދު ބުރުގެ ޚަރަކާތްތައް މިއަހަރު ކުރިއަށް ނުގެންދާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާކަމަށްވުމުން ގިނަ މާލީ އިސްލާހުތަކެއް ހުށައެޅުމަށް ނިންމާފައިވާކަން ފިނޭންސް މިނިސްޓަރ ޑރ މުހައްމަދު ޝަފީގުވަނީ ހާމަކުރައްވާފައެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާކުރެއްވިގޮތުން ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުންވަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ރިކަރެންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާކަމަށާއި އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދުތައް މަދުކުރުމުގެ އިތުރުން އެކި މުނާސަބާތަކުގައި ބާއްވާ ހަފްތާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށްވެސް ހިމަނާފައިވާނެކަމަށެވެ.
ރައީސް ވިދާޅުވީ އިސްވެ ދެންނެވި ގޮތަށް އަމަލުކޮށް ކުރިއަށް އޮތް މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަންވެސް ނުބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހަމައެކަނި ބާއްވާނީ މިނިވަން ދުވަހުގެ ޖަލްސާއެއް ކަމަށާއި އެތައް ގުނައަކުން ހަރަދުތައް ކުޑަކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައިވާކަމަށެވެ. ރައީސް ވިދާޅުވީ، ބަޔާންކުރެއްވި ފިޔަވަޅުތަކުގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަޅުއްވާނެކަމަށެވެ.

