ދިވެހިރާއްޖޭގެ މައި އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް، ޚިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރުގައި ފަޔަރ އެންޑް ރެސްކިޔުގެ ޤާބިލުކަން އިތުރުކޮށް، އެންމެ ޒަމާނީ ޓެކްނޮލޮޖީއާ، އެންމެ އިތުބާރުހުރި ވަޞީލަތްތައް ޤާއިމުކޮށްދެއްވާނެކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަޔަރ ސްޓޭޝަން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަންކަމުގައި ފާހަގަކުރައްވައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގައި އެއަރޕޯޓްގެ ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތުގެ ދައުރު ވަރަށް ބޮޑުކަމަށް ވިދާޅުވިއެވެ. އަދި އެއީ ރާއްޖެއަށް އަންނަ ބޭރުގެ ފްލައިޓްތައް އިތުރުވުމާ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރީން ގިނަވުމުގައި، އެއަރޕޯޓުގެ ސަލާމަތީ ކަންކަމަށް އޮންނަ އިތުބާރު މުހިންމު ދައުރެއް އަދާކުރާތީކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަލިފާނުގެ ހާސިދާއެއް ހިނގާދާނެތީވެ، އަބަދުވެސް ތިޔަ ބޭފުޅުން ތި ތިއްބަވަނީ ކަމަރު ބަންނަވައިގެން ތައްޔާރީ ހާލަތެއްގައި. ގައުމުގެ ދުލުން ތިބޭފުޅުންގެ ހިދުމަތަށް ގޮވާލާނެ ވަގުތަކީ ކޮބައިތޯ ނޫނީ ހާލަތަކީ ކޮބައިތޯ ބެލުމަށް އަބަދުވެސް ތި ތިއްބަވަނީ ތައްޔާރަށް. އެހެންކަމުން އަޅުގަނޑު ހިތުގެ، ވަރަށް ހިތް ހަމަ ޖެހުމާއިއެކީގައި، އުފަލާއި އެކީގައި، ތިބޭފުޅުންގެ ތި ހިދުމަތް ފާހަގަކޮށް ޝުކުރު ދަންނަވަން.
އެހެންކަމުން އެ ޚިދުމަތްތެރިން އެކަމުގައި ސާބިތުކަމާ އެކު ދެމިތިއްބެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތުގައި 31 އަހަރު ހޭދަކުރެއްވި މި ޚިދުމަތުގެ ބާނީއެއްކަމަށްވާ އަލްމަރުހޫމް އަޙްމަދު ފަޔާޒުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެއެވެ. އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތް ދިވެހިރާއްޖޭގައި ފުޅާކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ.
އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވި ފަޔަރ އެންޑް ރެސްކިޔުގެ އައު ސްޓޭޝަން ތަރައްޤީކުރުމުގައިވެސް އިސްދައުރެއް އަލްމަރުހޫމް އަޙްމަދު ފަޔާޒު އަދާކުރެއްވިއެވެ. އަދި އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތަށް މީހުން ތަމްރީނުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ.

