ބޮޑެތި ގައުމުތަކުގެ ކުރިއެރުމުން ކުދި ގައުމުތަކަށް ވެސް ފައިދާ ކުރާނެކަން ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ އެއްބާރުލުމުން ސާބިތުވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަމާ ޑާވޯސް ފޯރަމްގައި ބައިވެރިވުމަށް ޗައިނާގައި މިވަގުތު ހުންނެވި، މިނިސްޓަރ ސައީދު ބެއިޖިންގ ޑެއިލީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމަށާއި، އެ ގަުއމުގެ އިތުރު ސިޓީތަކުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް ވެސް އިތުރުކޮށްފައިވާ ކަމަށެވެ. ސައީދު ވިދާޅުވީ މިއީ ވިޔަފާރިއާއި އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރާއްޖޭގައި އިންވެސްޓްކޮށް އިމާރާތް ކުރާ ޗައިނާގެ ގިނަ ވިޔަފާރިތަކެއް ހުރިއިރު، ރާއްޖެ ފަދަ ކުދި ގިނަ ގައުމުތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ޓަކައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި އެ ގައުމުތަކުގެ ރެޒިލިއަންސް ހަރުދަނާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އިން ދެމުން ގެންދާ އެހީތެރިކަން ސައީދު ވަނީ ފާހަގަކުރައްވާފަ އެވެ.
ސައީދު ވިދާޅުވީ ރާއްޖެ ފަދަ ގައުމަކަށް ޗައިނާގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިންމު ކަމަށާއި ރާއްޖެއަކީ ވަރަށް ކުޑަ އިގްތިސާދެއް އޮތް ގައުމެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވީ ނަމަވެސް، އިންޑިއާ ކަނޑުގެ މެދުގައި އޮންނަ ކަނޑުގެ ބާރަކީ ވެސް، އިރުމައްޗާއި ހުޅަނގު ގުޅާލުމުގެ މުހިންމު ރޯލެއް އޮތް، ނުހަނު ފުދުންތެރިކަން ބޮޑު ގައުމެއް ކަމަށެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ ބެއިޖިންއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ގިނަ ފަހަރަށް ލިބިވަޑައިގަންނަވާ ކަމަށާއި އެކުވެރި، ފެހި، ސާފު އަދި ހިތްގައިމު މި ސިޓީ ވަރަށް ކަމުދާ ކަމަށެވެ.

