މާފުށީ ޖަލުގައި ނިޔާވި މުހައްމަދު ޖަމީލު ބަންދުކޮށްފައި ހުރީ ރާއްޖޭގެ އިއްޒަތްތެރިން ބަންދުކުރުމަށް ގާއިމުކޮށްފައިވާ ޔުނިޓުގެ ގޮޅިއެއްގައިކަމަށް ކަރެކްޝަންސްއިން ބުނެފިއެވެ.
މާފުށި ޖަލުގައި ހުރި ގައިދީއަކު ނިޔާވި މައްސަލައިގައި މައުލޫމާތު ދެމުން ކަރެކްޝަންއިންވަނީ ނިޔާވެފައިވާ ޖަމީލުއަށް ހައިސެކިއުރިޓީ ޒޯނުގައި ގިނަ އަދަދެއްގެ ގައިދީންނާއިއެކު ތިބުމުގައި ނުރައްކާތައް ހުރުމުންނާއި އޭނާއަށް އުނދަގޫތައް ހުރިކަމަށްވުމުން ރައްކައުތެރިކަމަށްޓަކައި ސެކިއަރ ޒޯނަކަށް ބަދަލުކުރިކަން ހާމަކޮށްފައެވެ.
ކަރެކްޝަންސްއިން ބުނެފައިވާގޮތުން އެ ޔުނިޓުގައި މުހައްމަދު ޖަމީލާއިއެކު ތިން ގައިދީއަކު ތިބިކަމަށެވެ. އަދި ކުރިން ސަރުކާރުގެ އިއްޒަތްތެރިންގެ މައްޗަށް ހުކުމް ކުރުމުން އެ މީހުން ބޭތިއްބުމަށްޓަކައިވެސް ބޭނުންކުރަނީ އެ ޔުނިޓުކަމަށާއި އެ ޔުނިޓުގެ ގޮޅިތަކުގައި އޭސީގެ އިތުރުން އެނދެއްވެސް ހުންނާނެކަމަށް މައުލޫމާތު ދީފައިވެއެވެ.
އެހެންނަމަވެސް މުހައްމަދު ޖަމީލު އެ ޔުނިޓަށް ބަދަލުކުރުމުން ޔުނިޓުގެ އޭސީ ހަލާކުކޮށްލިކަމަށާއި އެނދު ބަހައްޓަން ބޭނުން ނުވާކަމަށް ބުނުމުން ކަރެކްޝަންއިންވާނީ ނަގާލާފައިކަމަށް ބުނެފައިވެއެވެ. އެ މުހައްސަސާއިން ބުނެފައިވާގޮތުން އެ ޔުނިޓުގައި ހުރި އެނދާއި އޭސީ އަދި އެހެެނިހެން ތަކެތި އެތަނުން ނަގާލީ ޖަމީލު އެކަމަށް އެދުމުންކަމަށާއި އެތަނަކީ ބޭނުންވާ ވަގުތެއްގައި ހާލަތު ބަލާލެވޭނެ ގޮތަށް ކެމެރާވެސް ހަރުކުރެވިފައިވާ ތަނެއްކަމަށްވެސް ބުނެފައިވެއެވެ.
ކަރެކްޝަންއިން ބުނެފައިވާގޮތުން އެ ތަނުގައި ހުރި ކެމެރާވެސް ހަލާކުކޮށްލިކަމަށެވެ. އެހެންކަމުން ދެވަނަ ކެމެރާއެއްވެސް ހަރުކުރިކަމަށާއި ނުފެންނަ ގޮތް ހެދުމަށްޓަކައި ޖަމީލުވަނީ އޭގައި ދަތް އުނގުޅާ ބޭސް އުނގުޅާފައިކަމަށްވެސް ބުނެފައިވެއެވެ. އަދި މިއަދު ހާމަކުރި ޖަމީލު ހުރި ގޮޅީގެ މަންޒަރުތައް ފުސްކޮށް ފެންނަނީ އެ ސަބަބާއި ގުޅިގެންކަމަށްވެސް ހާމަކޮށްފައިވާއިރު ފަހުން ކެމެރާ ބަދަލުނުކުރީ އެވަރުން ޔުނިޓުގެ ހަރަކާތްތައް ފެންނާކަމަށްވުމުންނާއި އަނެއްކާ ކެމެރާއަށް ހަރުކުރުމުންވެސް ހަލާކުކޮށްލުމުގެ ފުރުސަތު އޮތުމުންކަމަށްވެސް ބުނެފައިވެއެވެ.
ހެނދުނު ހަތަކުން ފެށިގެން ރޭގަނޑުގެ ނުވައެއް ޖަހަންދެން އެ ޔުނިޓުގެ ގޮޅިތައް ހުންނާނީ ހުޅުވާފައިކަމަށްވެސް ބުނެފައިވާއިރު، ޔާޑަށް ދެވޭކަމަށްވުމުން ގައިދީން ހަރަކާތްތެރިވާނީ އެތަނުގައިކަމަށާއި ކެއުމުގެ ކަންކަން ކުރިއަށްދާނީ އެކަމަށް ހާއްސަކޮށްފައިވާ ސިޓިންގް ރޫމެއްގައިކަމަށް ކަރެކްޝަންއިން ބުނެފައިވެއެވެ. އަދި އުސޫލުތައް އޮންނަ ގޮތުން ގައިދީއަކު އެއްކޮށް ”ލޮކް“ ކޮށްގެން ގެންގުޅޭނަމަ އެ މީހެއްގެ ހާލަތު ގަޑިއަކު އެއްފަހަރު ބަލަމުންދާނެނަމަވެސް އެ ޔުނިޓަކީ ހުޅުވާލެވިފައިވާ ޔުނިޓަކަށްވުމުންނާއި ގައިދީންނަށް އެކަކު އަނެކާއާއި ބައްދަލުކުރެވޭކަމަށްވުމުން ގަޑިއަކު އެއްފަހަރު ވަދެ ކޮންމެ ގައިދީއެއްގެ ހާލަތު ނުބަލާކަމަށް ބުނެފައިވެއެވެ.
ޖަމީލު ނިޔާވި ދުވަހުވެސް ހަތެއް ޖެހިއިރު ގޮޅިތައް ހުޅުވާލިކަމަށާއި އެގަޑީގައި ޖަމީލު ނަމާދަށް ހުރި މަންޒަރު ފެނުމުން އަމަލުކުރާ އާންމު އުސޫލާއި އެއްގޮތަށް އިތުރު ތަކުލީފެއް ނުދޭކަމަށް ބުނެފައިވެއެވެ. އަދި ކާންދިނުމުގެ ގޮތުން ހާއްސަކޮށްފައިވާ ގައިދީ ގޮސް ކާތަކެތި ހަވާލުކުރުމަށް ބެލިއިރުވެސް ސަޖިދައިގައި އޮތް މަންޒަރު ފެނުމުން އެތަނުގައި ހުރި ކަބަޑެއްގެ މަތީގައި ކާތަކެތި ބަހައްޓާފައި ކާތަކެތި ހުރިކަމަށް ބުނެލުމަށްފަހު ނުކުމެގެން އައި ކަމަށްވެސް ބުނެފައިވެއެވެ.
ކަރެކްޝަންއިން ބުނެފައިވާގޮތުން އެއީ ނުވަގަޑި ފަނަރަ ހިސާބުގައިކަމަށާއި އެގާރަ ގަޑި ތިރީސް ހިސާބުގައި އޮފިސަރުން ގޮސް އޭނާގެ ހާލަތު ބަލާލީ އިތުރަށް އޭނާ ބޭރަށް ނުނުކުންނަ ކަމަށްވުމުންކަމަށްވެސް ބުނެފައިވެއެވެ. އަދި މޫވްމެންޓެއް ނުފެނުމުން އޭނާއަށް އެޓެންޑުކޮށް ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތްތައް ފެށިކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

