ރާއްޖޭގެ ދަރަނިތައް މަތިވުމުގެ ސަބަބުން ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިން ޓްރިޕަލް ސީ ޕްލަސްއަށް ދަށް ކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ރާއްޖޭގެ ސޮވެރިން ކްރެޑިޓް ހަދާފައިވާ ފިޗުން ނެރުނު ރިޕޯޓުގައި ވަނީ ބެރު ފައިސާގެ ދަތިކަން ހުރުމާއި ދަރަނި މަތިވުމުގެ ސަބަބުން އެންމެ ފަހުން ދީފައިވާ ބީ ނެގެޓެވިން ސީސީސީ ޕްލަސްއަށް ދަށް ކުރާކަމަށެވެ. ރާއްޖޭގެ ރޭޓިން ދަށް ކުރި ސަބަބެއްކަމަށް ފިޗުން ބުނެފައި ވަނީ ބޭރުގެ ފައިނޭންސިން އަދި ލިކުއިޑިޓީ ހާލަތު ރަނގަޅު ނުވުމެވެ. މިއާއި އެކު ރާއްޖޭގެ ރިޒާވް ދަށްވުމާއި ބޭރުގެ ދަރަނި މަތިވުމަކީ ވެސް އޭގެ ސަބަބެއްކަމަށް ވަނީ ބުނެފަ އެވެ.
އައު ސަރުކާރަށް ދަރަނި އަދާކުރުމުގައި ގޮންޖެހުންތަކެއް ދިމާވުމުގެ ސަބަބުން، ރީފައިނޭންސިންއަށް ގޮންޖެހުން ބޮޑުވުމުގެ ފުރުސަތު އެބައޮތްކަން ފިޗުން ފާހަގަކުރި އެވެ. އަދި ރާއޖޭގެ ޖުމްލަ ރިޒާވް ވަރަށް ބޮޑުތަނުން ދަށްވެ 492 އަށް ވެއްޓުން އެއީ ރޭޓިން ދަށްކުރި ސަބަބެއްކަމަށް ފިޗުގެ ރިޕޯޓުގައި ވެއެވެ. ފިޗުން ރޭޓިން ދިނުމުގެ ކުރިޔަށް ވެސް ސަރުކާރުން އޮތީ، ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ނިންމިކަން އިއުލާނުކޮށްފަ އެވެ. މޯލްޑިވްސް މަނިތަރީ އޮތޯރިޓީއާއި، އާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އައި ނަމަވެސް ދައުލަތެއްގެ ގޮތުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެބަހުރިކަން އެނގެ އެވެ.
ހާލަތުން އަރައިގަތުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ސަރުކާރުން ނިންމާފައި ވަނީ ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ހޭދަތައް ބޮޑު ދަތުރުތައް މަޑުޖައްސާލުމުގެ އިތުރުން ސަރުކާރުން ބޮޑެތި އިވެންޓުތައް ނުބެއްވުމެވެ. ނުވަތަ ކުރާ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކުރުމެވެ. އަދި ދައުލަތުގެ ހަރަދު މެނޭޖު ކުރުމާއި ބެހޭ ބިލުގެ މަސައްކަތް ވީހާވެސް އަވަހަށް ތަޅުމުން ނިންމުން ހިމެނެ އެވެ.
މި ނިންމުންތަކަށް ދާން ޖެހުނީ ސަރުކާރަށް ހަ މަސް ތެރޭގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުންކަމަށް އިދިކޮޅު އެމްޑީޕީން ބުނަމުން ދިޔަ ނަމަވެސް އެ ޕާޓީގެ ވެރިކަމުގައި ހާލަތު އޮތީ ވެސް ނާޒުކު ގޮތަކަށެވެ. ފައިސާ ޗާޕު ކުރުމާއި، ދަރަނިތައް ނެގުމަށް ފަހު ގައުމަށް ފައިދާ ހުރި ނުވަތަ ލޮލަށް ފެންނަ ތަރައްގީއެއް ނެތުމަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތު އޮތް މިންވަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހާމަނުކުރި ނަމަވެސް ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު އޮތްކަން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ރިޕޯޓުތަކުން ދައްކަ އެވެ. އައިއެމްގެ ރިޕޯޓުތަކުގައި ވަނީ ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ބޮޑުކަމަށާއި ހަރަދުތައް ކުރުމުގައި ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އާމްދަނީ އިތުރު ކުރުމާއި ދަރަނިތައް މެނޭޖް ކުރުމުގައި ހަރުދަނާ އުސޫލުތަކެއް ތަންފީޒު ކުރަންޖެހޭ ކަމަށް އައިއެމްއެފްއިން ވަނީ ބުނެފައެވެ. 2023 ގައި ނެރުނު ރިޕޯޓުގައި ވާ ގޮތުގައި 2021 ޖުލައި އިން 2022 އަށް ރާއްޖޭގެ އިންފްލޭޝަން ވަނީ 0.2 އިން 2.7 އިންސައްތަ އުފުލިފައެވެ.
މީގެ އިތުރުން މަރުކަޒީ ބޭންކު އެމްއެމްއޭއިން ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓާއި ގުޅިގެން އަރުވާފައިވާ ލަފާކުރި ގޮތުގައި، 2023 ވަނަ އަހަރުގެ ސަރުކާރުގެ ޑެފެސިޓް ފައިނޭންސް ކުރުމަށް ހަމަޖެހިފައި ވަނީ ބޭރު ފަރާތްތަކުގެ އަތުން ހޯދުމަށް ހަމަޖެހިފައިވާ 6.4 ބިލިއަން އަދި ޑޮމެސްޓިކް މާކެޓުން ހޯދުމަށް ހަމަޖެހިފައިވާ 4.7 ބިލިއަން ރުފިޔާއިންނެވެ. އެމްއެމްއޭ އިން ބުނީ 2023 ވަނަ އަހަރު ބޭރު ފައިނޭންސްތައް ހޯދުމަށް ހިރާސްތަކެއް ހުރިކަމަށެވެ. އެހެންކަމުން ޑޮމެސްޓިކް މާކެޓުން އެ ފައިސާ ހޯދަން ޖެހޭނެކަމަށްވީނަމަވެސް ވިޔަފާރި ބެންކުތަކުގެ ލިކުއިޑިޓީ ހުރި މިންވަރު ދައްވުމުންނާއި ޓީބިލުގައި އިންވެސްޓުކޮށްފައިވުމުން އެ މާކެޓުންވެސް ފައިސާ ހޯދުމަށް ދަތިވެދާނެކަމަށް ފާހަގަކުރާކަމަށް އެ މުވައްސަސާއިން ބުންޏެވެ.
އިގްތިސާދީ ހާލަތު ދަށްވަމުން ދާތީ ދައުރުން ބޭރުން ޖަލްސާއެއް ތާވަލުކޮށް ހުށަހެޅި ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ ބަހުސް މަރުހަލާގައި، ސަރުކާރުގެ މެމްބަރުން ތަކުރާރުކޮށް ފާހަގަކުރައްވަމުން ގެންދެވީ ގައުމު މިހާލަތަށް ވެއްޓެން ޖެހެނު ސަބަބާއި ޒިންމާވެރިންނެވެ. މި ބިލުގެ ބޭނުމެއްކަމަށް ބުނެފައި ވަނީ ދައުލަތުން ދަރަނި ނަގައި، ބަލަހައްޓައި މެނޭޖު ކުރަނީ ގައުމުގެ އިގްތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން އަދި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިކްސަލް، މާލިއްޔަތުގެ ނިޒާމު ދިގު މުއްދަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތީން ކަށަވަރު ކުރުމަށެވެ. އެގޮތުން ދައުލަތުގެ ދަރަނި ނަގައި، މެނޭޖު ކުރުމާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޫކުރުމާއި އަދި ދައުލަތުގެ ދަރަންޏާއި ގުޅޭ މައުލޫމާތު ހާމަކޮށް ރިޕޯޓުކޮށް މޮނީޓަރ ކުރުމުގެ އުސޫލު ބަޔާން ކުރުމެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި ބިލުގެ ބާބުގައި ބަޔާންކުރާ ބައެއް މާއްދާތަކުގައި ވާގޮތުން ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ދަރަނީގެ ހިރާސްތަކަށް ރިއާޔަތް ކުރެވިގެން އަދި އެންމެ ހަރަދު ކުރަވާނެ ގޮތަކަށް ދިވެހިރާއްޖޭގެ އެތެރެއިންނާއި ބޭރުން ދައުލަތުގެ ނަމުގައި ދަރަނި ނެގުމގައި ސަރުކާރު ބައިވެރި ކުރުވުން ކަމަށެވެ.
ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު މި ބިލު ހުށަހަޅުއްވައިދެއްވައި ވިދާޅުވީ ކުރީ އެތައް އަހަރަކާއި ނުބައްދަލު ދަރަނިތައް ނަގައި ވެރިން ދިޔައީ މިދިޔަ ދައުރުގައި ޖީބުތައް ފުރަމުން ކަމަށެވެ. ދަރަނި މެނޭޖު ކުރުމަށް އެމްޑީޕީއަށް ވެސް ފުރުސަތު އޮތްކަން ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ މުޅި ގައުމު އެއްކޮށް ހަލާކުގެ މަގަށް ދިޔައީ އެބޭފުޅުންގެ އެއްވެސް އިހުލާސްތެރިކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ.
ބިލުގެ ބަހުސް މަރުހަލާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވީ، މިވަގުތަށް ގައުމަށް ނުހަނު ބޭނުންތެރި ކަންތައް ހިމަނައި ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމަކީ ލިބޭ އުފަލެއް ކަމަށެވެ. އެގޮތުން ދައުލަތުގެ ދަރަނިތައް ނެގޭނެ ގޮތުގެ ތަފްސީލާއި، ދަރަނިތައް ދެއްކުމާއި އެ މައުލޫމާތުތައް އާންމު ކުރާނެ އުސޫލެއްގެ އިތުރުން ފުރަތަމަ ފަހަރަށް ދަރަނި މެނޭޖު ކުރާނެ ގޮތުގެ އޮފީހެއް ނުވަތަ ޑެޓް މެނޭޖްމަންޓް އޮފީހެއް ގާއިމު ކުރުން އޭގެ ތެރޭގައި ހިމެނޭކަމަށް އަޒާން ވިދާޅުވި އެވެ.
އަތް ނުފޯރާފަށަށް ރާއްޖޭގެ ދަރަނިތައް އަރައި، 120 ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވުމަކީ ކަންބޮޑުވުމެއްކަން ފާހަގަކޮށް އަޒާން ވިދާޅުވީ މި ހާލަތު އުފެއްދީ މި ސަރުކާރަކުން ނޫން ކަމަށެވެ. ވެރިކަމާ ހަވާލުވިއިރު ވެސް ރާއްޖޭގެ ދަރަނި އޮތީ، މި އަދަދުގައިކަމަށާއި އެމްޑީޕީން ގައުމުގެ ފައިދާއަށް ކުރި އެއްވެސް ކަމެއް ފެންނަން ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
ދަރަނިތައް ނަގައިގެން ކުރިމަކީ ރިކަރަންޓު ހަރަދުތައް އިތުރު ކުރުން.. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގައި އެ މަޝްރޫއުތަކަކީ އެއްގޮތަކަށް ވެސް އޭގެ ސަބަބުން ގައުމަށް ފައިދާ ވަންނާނެ، އިގްތިސާދަށް ފުޅާވާނެ އެއްވެސްކަމެއް ނުކުރެވުނުތަން ފެނުނީ.. މިސާލަކަށް ފެނަކައިން އެކި ރަށްރަށުގައި ޒަމާނީ އިންޖީނުގެ ނަމުގައި، އަސްލު އަގާ ނުބައްދަލު އަގުތައް ކިޔައި ބަޔަކު މުއްސަނިދވިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ..
އެމްޑީޕީއަށް ފާޑުކިއުން އަމާޒު ކުރައްވައި ޕީއެންސީގެ ނައިބު ރައީސް، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ބިލު ހުށަހަޅަން ޖެހުނީ އެމްޑީޕީގެ އަމަލުތަކުގެ ސަބަބުން ގައުމު ވެއްޓެމުން ދާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި މިއީ ރައީސް ސޯލިހު ފަދަ ވެރިއެއް ގައުމު ދެކޭ ހާލަތެއްގައި އެފަދަ ވެރިންގެ ކިބައިން ސަލާމަތްވުމުގެ ގޮތުން ގެންނަ ބިލެކެވެ.
މިފަދަ ބިލެއް ގެންނަން މިކެހެނީ ރާއްޖެއަށް ވަންނަ ކޮންމެ ލާރިއެއް ދަރަންޏެއް ގޮތުގައި ވިޔަސް ހިލޭ އެހީއަކަށް ވިޔަސް އަދި ޓެކުހެއްގެ ގޮތުގައި ވަންނަ ކޮންމެ ފައިސާއެއް އެއީ، ރައްކާތެރިކަމާ އެކު ހިމާޔަތް ކުރެވިފައިވާ ފައިސާއެއްކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގަބޫލު ކުރައްވާކަން..
ބިލިގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެމްބަރު މުންތަސިމް އިބްރާހިމް ވިދާޅުވީ ދައުލަތުގެ ދަރަނި 60 ބިލިއަނުން 120 ބިލިއަނަށް އެމްޑީޕީގެ ސަރުކާރުން އަރައިގެރން ދިއުމުން އެކަމާ މެދު ކަންބޮޑުވާން ޖެހޭ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ދިވެހި ދައުލަތަށް ލިބުނު ފައިސާއަށް ވީނުވީއެއް ނޭނގޭއިރު، ފަސް އަހަރު ނިމިގެން ދިޔައީ ކުންފުނިތަކުގެ ރަނގަޅު އޮޑިޓެއް ނުކުރެވިކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި މީކާއިލް ވިދާޅުވީ ރީފައިނޭންސް ކުރެވޭނެ ގޮތްތައް ހަމަޖެހިފައި ހުރިއިރު ސަރުކާރަށް ނޭނގިގެން އުޅެނީ ތަންފީޒު ކުރެވޭނެ ގޮތެއް ކަމަށެވެ. މިކާއިލް ވިދާޅުވީ އިގްތިސާދު މެނޭޖު ކުރެވޭނެކަމަށާއި އެކަމާއި މެދު އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރެއްވި ކެމްޕެއިނުގައި ރައީސް މުއިއްޒު އެ ދުވަހު ވާހަކަ ދައްކަވަމުން ގެންދެވި ކަމަށެވެ.
މި ބީދައިން އަމަލުތައް ބެހެއްޓެވީމާ އަޅުގަނޑުގެ ހިތަށް އަރަނީ ދިވެހި ރައްޔިތުންނަށް، މި ސަރުކާރު ވެސް… އަދި މި ސަރުކާރުގެ އިސްވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅާ މެދު ދިވެހި ރައްޔިތުން ކޮން އިތުބާރެއްބާއޭ ބަހައްޓަންވީ
މީކާއިލް ވިދާޅުވީ ދިވެހި ދައުލަތް ރަނގަޅަށް ހިންގޭވަރަށް، އެކި ދާއިރާތަކުގެ ތެރެއިން ފައިސާ ލިބޭނެ ކަމަށެވެ.
މެމްބަރު މީކާއިލް ވާހަކަ ކުރިޔަށް ގެންދަވަނިކޮށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ ދަރަނި މެނޭޖު ކުރެވޭނެކަމަށް ރައސް މުއިއްޒު ވާހަކަ ދެއްކެވީ އެމްޑީޕީން އެތައްކަމެއް ސިއްރު ކުރުމުގެ ސަބަބުން ލިޔެކިއުންތައް ހާމައަށް ލޮލަށް ފެންނަން ނެތުމުން ކަމަށެވެ.

