ރާއްޖޭގެ އިގްތިސާދީ ހާލަތު މިއަދު އޮތް ހިސާބުގެ ޒިންމާ އެމްޑީޕީ ނަގަން ޖެހޭކަމަށް ބުނަނީ، އުސޫލުން ބޭރުން ހިންގާފައި ހުރި އެތައް ޖަރީމާއެއްގެ ސަބަބުންކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދަރަނީގެ ހާލަތު އިންތިހާއަށް ގޯސްވެ, ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުން ވަނީ އެ އެޖެންސީގެ ރާއްޖޭގެ ރޭޓިން މިއަހަރު “ޓްރިޕަލް ސީ ޕްލަސް” އަށް ވަނީ ދަށްކޮށްފަ އެވެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީކަމަށް ސަރުކާރުގެ މެމްބަރުން ދަނީ ބުނަމުންނެވެ. އެކަމަކު އެއަށް ދެކޮޅު ހަދައި އެމްޑީޕީ ބުނީ ވެރިކަމަށް އައިސް، އާމްދަނީ ހޯދޭނެ ގޮތްތަކެއް އޮއްވައި ފެއިލްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގެ އިގްތިސާދުގެ މައުލޫމާތުތައް ދިނުމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ.
އިގްތިސާދު ހަމައަކަށް އެޅުވުމަށް، ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، ބޭރަށް ކުރާ ދަތުރުތައް މަދު ކުރުން އަދި ބޮޑެތި ހަފްލާތަކަށް ކުރާ ހޭދަތައް ކުޑަކުރުން ހިމެނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަނި މެނޭޖު ކުރުމާއި ބެހޭ ބިލުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ސަރުކާރުގެ މެމްބަރުންގެ ބޮޑެތި ފާޑުކިއުމާއި، ތުހުމަތުތައް މިއަދު އެމްޑީޕީގެ ސަރުކާރަށް އަމާޒުވި އެވެ.
މަޖިލީހުގައި މިއަދު ކުރިޔަށް ގެންދިޔަ ބިލުގެ މަސައްކަތް ފާހަގަކުރައްވައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ލަތީފް ވިދާޅުވީ ބޮޑެތި އަދަދުތަކުން ދަރަނި އުފެއްދުމަށް ފަހު އެމްޑީޕީއަށް ގެނެވުނު އެއްވެސް ތަރައްގީއެއް ލޯމައްޗަށް ފެންނަން ނެތް ކަމަށެވެ. ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުކޮށް، އެމްޑީޕީން ކުރި މަސައްކަތަކީ ކޮބައިތޯ ސުވާލު އުފައްދައި ލަތީފް ވިދާޅުވީ އިންފްރާސްޓްރަކްޗާގެ އެންމެ ޕްރޮޖެކްޓެއް ވެސް ފަސް އަހަރުގެ ތެރޭގައި ސަރުކާރަށް ނިންމާ ނުލެވުނު ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ތެރޭގައި އެތައް ގޯސްތަކެއް ހިނގާފައިވުމަކީ ރަނގަޅު މަސައްކަތެއް ނުކުރެވޭ ސަބަބުކަމަށް ސަރުކާރުން ބުނަމުން ދިއުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު ކުރުމުން ލަތީފް ވިދާޅުވީ ކޮންމެ ވެރިކަމެއް ވެސް އުފެދިގެން އަންނަނީ ސިޔާސަތުތަކަކާއި ޕްލޭންތަކެއްގެ ދަށުން ކަމަށެވެ. އެކަމަކު އުފެދޭ އައު ވެރިކަމުގެ މަސައްކަތް ފަށައިގަންނަން ބަލާއިރު، ކުރީ ސަރުކާރުން ރައްޔިތުންނަށް ދަތިވާ ގޮތަށް ދައުލަތް ހިނގާފައި ހުރުމަކީ ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ އެއީ ކޮންމެ ދާއިރާއަކާއި ގުޅުވައިނަމަވެސް، އުސޫލުން ބޭރުން ކަންކަން ހިންގާފައި އޮތުމުގެ ނަތީޖާއަކީ ދެން ޖެހިގެން އަންނަ ސަރުކާރަކުން އޭގެ ބުރަ އުފުލަން ޖެހުން ކަމަށެވެ. އަދި ރައީސް މުއިއްޒަށް ދިމާވެގެން އުޅޭ ހާލަތަކީ އެއީކަމަށް އޭނާ ވިދާޅުވި އެވެ.
މަސްވެރިންގެ ކަންތައް ވިޔަސް، ސިއްހީ ނިޒާމާއި ދަނޑުވެރިން ވިޔަސް އަދި ކޮންމެ ކަމަކަސް އެ އުސޫލުން ބޭރުން ކަންކަން ހިނގާފައި އޮންނަކަމަށް ވަންޏާ ނޫނީ އެ ކަންތައް ކުރަންވާ ގޮތް ނޫން ގޮތަކަށް ކަންކޮށްފައި އޮންނަކަމަށް ވަންޏާ، ބުރަ އުފުލަން މި ޖެހެނީ ދެން އަންނަ ސަރުކާރަކުން…
2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު، އިގްތިސާދީ ހާލަތާއި ގުޅުވައި ރައީސް މުއިއްޒު ދެއްކެވި ވާހަކައިގައި އިގްތިސާދު މެނޭޖު ކުރެވޭނެކަމަށް ދެއްކެވި ވާހަކަ އިދިކޮޅުން ނަގަމުން ގެންދާތީ ރައްދުގައި ލަތީފް ވިދާޅުވީ އެމްޑީޕީން ގައުމު ވައްޓާލި އަސްލު އަނދަވަޅުގެ ފުންކަން އެނެގުނީ ވެރިކަމާއި ހަވާލުވުމުން ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީން ބޮޑެތި އިންޓްރެސްޓް ރޭޓުގައި ނަގާފައިވާ ލޯނުތަކާއި، ކުންފުނިތަކުގެ އެތެރެ އޮތް ހާލަތު ލަތީފް ފާހަގަކުރެއްވި އެވެ.

