ދަރަނި ނަގައި، ގައުމު އިނދަ ޖެއްސުން ފިޔަވައި އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކުރެވުނު އެއްވެސް މަސައްކަތެއް ނެތްކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ގެންދިޔައީ، ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީމް ހުށަހެޅުއްވި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސެވެ. މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވޭނެ ފިކްސަކް ހަމަތަކާއި ގުޅޭ އާ ނިޒާމެއް ތައާރަފު ކުރުމަށް ހުށަހެޅި ބިލުގެ ބަހުސްގައި ސަރުކާރުގެ މެމްބަރުން ފާހަގަކުރައްވަމުން ގެންދިޔައީ މާލީ ހާލަތު މިހާރު އޮތް ގޮތާއި އޭގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ކަމަށެވެ.
މި ބިލުގެ ބަހުސްގައި ޝުޖާއު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ދައުލަތުގެ ފިކްސަލް ބިލެއް މަޖިލީހަށް ހުށަހަޅައި މަސައްކަތް ދައުރުގެ ކުރީކޮޅު ފެށުމަކީ ދިވެހި ގައުމަށް ގެނެވޭ ހެޔޮ ބަދަލެއް ކަމަށެވެ. ސަރުކާރު އުފެދިގެން މިއަދާއި ހަމައަށް އައިއިރު ރައީސް މުއިޒަށް ކުރަން ޖެހިފައި އޮތީ ޝުޖާއު ވިދާޅުވި ގޮތުގައި މާލިއްޔާއާއި ގުޅުން ހުރި މަސައްކަތެވެ. އޭގެ ސަބަބެއްކަމަށް ޝުޖާއު ވިދާޅުވީ ދައުލަތް ހިންގުމަށް ހިޔާނާތަށް ހިތްވަރުދޭ، އެ ފައިސާ އަމިއްލަ ޖީބަށް ލީ ބަޔަކު ވެރިކަންކޮށްފައިވުމެވެ.
ޝުޖާއު ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާ ހިތު ހުރި ގޮތަކަށް ބަޔަނު ބޭނުންކޮށްފައި ވާތީ ބޭނުން ވަނީ އެކަންތައްތައް ނިމުމަކަށް ގެނައުމަށެވެ. ރައީސް މުއިއްޒު މި ބިލު ހުށަހެޅުއްވީ، ވެރިންގެ ޣައިރު ޒިންމާދާރު އަމަލުތަކުގެ ސަބަބުން ދިވެހި ގައުމަށް ގެއްލުންވެފައި ވާތީ އެކަމުން އަރައިގަތުމަށްކަމަށް ޝުޖާއު ވިދާޅުވި އެވެ.
މި ސަރުކާރުގެ ހަރަދުތައް ބޮޑުކަމަށް ނުވަތަ އިގްތިސާދު މިހާ ދަށަށް ދިޔައީ މެނޭޖު ނުކުރެވުމުގެ ސަބަބުންކަމަށް އެމްޑީޕީން ބުނަމުން ގެންދާތީ ރައްދުގައި ޝުޖާއު ވިދާޅުވީ ދަރަނިތައް ނަގައި، ގައުމު އިނދަ ޖެއްސުން ފިޔަވައި އެ ޕާޓީގެ ވެރިކަމަށް ކުރެވުނު އިތުރު އެހެން އެއްވެސް ކަމެއް ނެތްކަމަށެވެ.
މުސާރައިގެ ވާހަކަ އެބަ ދައްކާ.. މިހާރު ހަމަ އިރުއިރުކޮޅާ ދައްކަނީ މުސާރައިގެ ވާހަކަ.. ހަރަދު ބޮޑޭ.. ސިޔާސީ މުވައްޒަފުން ގިނަކޮށްގެންނޭ ތި އުޅެނީ، ހިންގަވާ އަޅުގަނޑުމެން ބަލާލާން އެމްޑީޕީގެ މިދިޔަ އަހަރުގެ ޖެނުއަރީން ޖޫންއަށް މުސާރައާއި އިނާޔަތްތަކަށްކޮށްފައި އޮތް ހޭދަ. 5.8 ބިލިއަން ރުފިޔާ.. ހިންގަވާ މިއަދު އަޅުގަނޑުމެންގެ ސަރުކާރުން ކުރި ހަރަދު، 5.5 ބިލިއަން ރުފިޔާ.. 300 މިލިއަން ރުފިޔާ މަދު.. ކޮބާތޯކޮށްފައި އޮތް ހަރަދު، އެހެންވެއޭ އަޅުގަނޑު ދެންނެވީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ނާރައޭ..
ތަކުރާރުކޮށް އެމްޑީޕީން މި ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ހޭދަތައް ބޮޑުކަމަށް ބުނާއިރު، ތަފާސްހިސާބުތަކުން ދައްކާ ނަމްބަރުން ފެންނަނީ އެ މަންޒަރެއް ނޫންކަމަށް ޝުޖާއު ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ މުސާރަށް އެމްޑީޕީން 5.8 ބިލިއަން ރުފިޔާ ހަރަދު ކުރިއިރު މި ސަރުކާރުގެ އެ މުއްދަތުގެ ހޭދަތައް ހުރީ 5.5 ބިލިއަން ރުފިޔާގައިކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕީން އެ ބުނާ ހަރަދު ބޮޑު، މަތި ބަރު ސަރުކާރެއްގެ ސިފަ މި އަދަދުތަކުގައި ނެތް ކަމަށެވެ. އެކަމަކު، ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ސިޔާސީ މަގާމުތައް މިހާރަށް ވުރެ މަދު ކުރުން ނޫން ގޮތެއް ނެތްކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ސަރުކާރުން އަޅާ ހަރުދަނާ ފިޔަވަޅުތައް ރައްޔިތުން ގަބޫލު ކުރާކަމަށާއި، އެމްޑީޕީން ދައްކާ ހަގީގަތެއް ނެތް ވާހަތަކަކީ އަސްލެއް ނޫންކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.
އިއްޔެ މަޖިލިސް ޖަލްސާގައި ޝުޖާއު ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ނާރާނެކަމަށެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ އެއީ ނަމަވެސް މިހާތަނަށް ސަރުކާރުން ސިޔާސީ މަގާމުތަކުގެ ގޮތުގައި އައްޔަނު ކުރި މީހުންގެ އެއްވެސް ތަފްސީލެއް ނުލިބެ އެވެ. އެކަމަކު އިގްތިސާދީ ހާލަތު ދަށްވަމުން ދާތީ ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގާމުތައް މަދު ކުރުން ހިމެނެ އެވެ.

