ދިވެހި ރާއްޖެ ބަނގުރޫޓުވާ ހާލަތަށް ވައްޓާލައި، މިނިވަންކަން ގެއްލުވާލުމަށް އެމްޑީޕީން ކުރި މަސައްކަތުގެ ވާހަކަތައް ތަކުރާރުކޮށް ދައްކައި އަންނަން އޮތް ޖީލުތަކަށް ވެސް އެ ވާހަކަ ބުނެދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
ދަރަނީގެ ހާލަތު އިންތިހާއަށް ގޯސްވެ, ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުން ވަނީ އެ އެޖެންސީގެ ރާއްޖޭގެ ރޭޓިން މިއަހަރު “ޓްރިޕަލް ސީ ޕްލަސް” އަށް ވަނީ ދަށްކޮށްފަ އެވެ. އޭގެ ފަހުން ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައި، އެ އިއުލާނު ކުރިއިރު ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ކުރިޔަށް ދަނީ ވެސް އިގްތިސާދާއި ގުޅުން ހުރި ދެ ބިލެއްގެ މަސައްކަތެވެ. ދަރަނި މެނޭޖު ކުރުމާއި ބެހޭ ބިލުގެ މަސައްކަތަށް ފަހު މިއަދު އޮތީ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސެވެ.
ސަރުކާރާއި، އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ބަހުގެ ހަމަލާތައް އަމާޒު ކުރި މިއަދުގެ ޖަލްސާގައި މަމްދޫހު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދަރަންޏަށް ބަރޯސާވެގެން ގައުމު ހިންގަން ޖެހިފައިއޮތުމަށް ނިމުމެއް ގެނައުމަށް ކަމަށެވެ. ރައްޔިތުންގެ ނަމުގައި ނަގާ ލޯނުތައް ހަރަދު ކުރާ ގޮތަކީ ކޮބައިކަމާއި، އޭގެއިން ކުރާ ނަފާއާއި ތަފްސީލުތައް އެނގެން ޖެހޭކަމަށް މަމްދޫހު ވިދާޅުވި އެވެ.
މިދިޔަ ދެ އަހަރު ފިކްސަލް އެޖެންޑާއެއް އެކުލަވާލި ނަމަވެސް، އަމަލު ކުރެވުނު ހަމައެކަނި ނުކުތާއަކީ ރައްޔިތުންގެ ޖީބަށް ބަރުވާ ގޮތަށް ނިންމުންތައް ނިންމުން ކަމަށެވެ. މަމްދޫހު ވިދާޅުވީ އިގްތިސާދީ ހާލަތަށް ކަންބޮޑުވުންފާޅުކޮށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ދެމުން ގެންދިޔަ އެއްވެސް އިރުޝާދެއް އަޑުއަހަން އެމްޑީޕީގެ ސަރުކާރުން ބޭނުން ނުވިކަމަށެވެ.
ދަރަނި ނެގިފައި ހުރި މިންވަރު އެބޭފުޅުން، އެބޭފުޅުންނަށް ވެސް ނޭނގޭ.. 120 ބިލިއަނަށް ދަރަނި އަރައިގެން ދިޔައިރު މި ދަރަނި، ދައްކަން ޖެހޭނެކަން އެމްޑީޕީގެ ސަރުކާރަށް ނޭނގޭކަމުން މިއަދު މިހާލަތު އުފެދިގެން ގޮސްފައި މިއޮތީ… އަޅުގަނޑުމެންގެ މި ސަރުކާރަށް އެނގޭ ދަރަންޏަކީ އަނބުރާ ދައްކަން ޖެހޭނެ އެއްޗެއްކަން، ދަރަނި ނެގެނީ ރައްޔިތުންގެ ނަމުގައި ކޮންކޮން ކަމަކަށްކަން އެނގެން ޖެހޭ..
މަމްދޫހު ވިދާޅުވީ ކުރީ ސަރުކާރުގެ ވާހަކަތައް ތަކުރާރުކޮށް ދައްކާނެކަމަށާއި، ދިވެހި ރައްޔިތުން އެމްޑީޕީގެ އިތުރު ވެރިކަމެއް މި ގައުމުގައި އުފެދެން މިއަދު ބޭނުން ނުވާކަމަށެވެ. ރާއްޖެ ދަރަނީގެ ބޮޑު އަނދަވަޅަކަށް ދެވަނަ ފަހަރަށް ވައްޓާލުމުގެ އެއްވެސް ފުރުސަތެއް އެ ޕާޓީއަށް ނުދޭނެކަމަށް މަމްދޫހު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލަށް ބުރޫއަރާ އިތުރު އެއްވެސް ކަމެއް އުފެދެން ރައްޔިތުން ބޭނުން ނުވާކަމަށެވެ.
ގައުމުގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ ހާލަތަށް ގެންގޮސް، ރާއްޖެ ދަރަނިވެރި ކުރުވި ގޮތް އަންނަން އޮތް ޖީލުތަކަށް ވެސް ކިޔައިދޭން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ އަމިއްލަ ފައިދާއާއި، ޖީބަށް ފައިސާ ވަންނަ ގޮތަށް ހިންގި ކޮންމެ ކަމެއް ތާރީހުގައި ހުންނާނީ ލިޔެވިފައިކަމަށް މަމްދޫހު ވިދާޅުވި އެވެ.

