ސިޔާސީ މަގާމުތަކަށް ސަރުކާރުން ކުރާ ހޭދަކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޖައްސަވާ ހިސާބުން، ގައުމުގެ އިގްތިސާދު ދަށްވެ، އިނދަ ޖެހޭ ހިސާބަށް ދިޔައީ އެފަދަ ތާކުން ތާކު ނުޖެހޭ ޖޯކު ވާހަކަތަކުގެ ސަބަބުންކަން މިހާރު އެނގޭކަމަށް ގއ. ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައި، އެ އިއުލާނު ކުރިއިރު ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ކުރިޔަށް ދަނީ ވެސް އިގްތިސާދާއި ގުޅުން ހުރި ދެ ބިލެއްގެ މަސައްކަތެވެ. ދަރަނި މެނޭޖު ކުރުމާއި ބެހޭ ބިލުގެ މަސައްކަތަށް ފަހު މިއަދު އޮތީ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސެވެ.
ބިލަށް ބަހުސް ކުރައްވަމުން އަސަދު ވިދާޅުވީ، ދިވެހި ގައުމުގެ އިގްތިސާދު މެނޭޖުކޮށް ހަމަޔަކަށް އެޅުވުމަށް ސަރުކާރުން ދޭ ސަމާލުކަން މަޖިލީހުގެ މަސައްކަތްތަކުން އެނގިގެން ދާކަމަށެވެ. އޭގެ ބަދަލުގައި 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ އޮތް ސުޕަ މެޖޯރިޓީން ބެލީ، ފައިސާ ޗާޕުކޮށް އަމިއްލަ މަންފާ ނެގޭނެ ގޮތްތަކެއް ހޯދުމަށްކަމަށް އަސަދު ވިދާޅުވި އެވެ.
އަސަދު ވިދާޅުވީ ފައިސާ ޗާޕު ކުރުމުގެ ސަބަބުން، އިފްލޭޝަނަށް އަސަރު ކުރަމުންދާކަމާއި ތަކެތީގެ އަގު އުފުލެމުންދާއިރު ޑޮލަރުގެ ރޭޓު އިންތިހާއަށް އުފުލިގެން ދާނެކަމަށް ކޮންގްރެސް ކޯލިޝަނުން ދިޔައީ ތަކުރާރުކޮށް ފާހަގަކުރަމުން ކަމަށެވެ. އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައީ އަސަދު ވިދާޅުވި ގޮތުގައި 17 ރުފިޔާއަށް ވުރެ ކުޑަކޮށް ޑޮލަރު ގަންނަން ނުލިބި އެވެ.
އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައީ 17 ބަޔަށް ވުރެ ކުޑަކޮށް ޑޮލަރަށް ގަންނަން ލިބުނު އެންމެ ދުވަހެއް ވެސް ނެތް.. މި ހުރިހާ ފައިސާއެއް ޗާޕު ކުރުމަށް ފަހު އެބޭފުޅުން ވިދާޅުވަމުން ގެންދެވީ ދުނިޔޭގެ ހުރިހާ ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކުން ވެސް މަރުހަބާ އެބަކިޔައޭ ސަރުކާރުން ގެންގުޅުނު ޕޮލިސީތަކަށް..
މީގެއިތުރުން އަސަދު ވިދާޅުވީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރާއްޖޭގެ ރަށްތަކުގެ ޕްރޮޖެކްޓުތައް ކުންފުނިތަކާއި ހަވާލު ކުރުމަށް ފަހު އެ ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށެވެ. ނުވަތަ ސަރުކާރުގެ ބައެއް ކުންފުނިތަކަށް މަސައްކަތް ހަވާލު ކުރުމަށް ފަހު، އަހަރު ދުވަސް ހޭދަވެގެން ދަނީ އަމަލީ އެއްވެސް މަސައްކަތެއް ނުފެށި ކުންފުނީގެ ދަރަނި އިތުރު ކުރުމުގައި ކަމަށެވެ.
އަސަދު ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގެ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތީ އިންޑިއާގެ ޓުޓިކޮރިންއިން ޒަމާނުއްސުރެ ފެށިގެން އެމްޓީސީސީން އަމިއްލަ އުޅަނދުފަހަރުގައި ގެނައި ބޮޑު ހިލަ މާކެޓު ރޭޓުގައި އެންމެ ކުޑަކޮށް 30 ޑޮލަރަށް ލިބެން ހުއްޓައި 45 ޑޮލަރަށް ހިލަ ގަނެ ކުންފުނި ދަރުވާލުމުގެ ސަބަބުން ކަމަށެވެ. މި ކަންކަން ރައްޔިތުންނަށް އެނގެން ޖެހޭކަމަށާއި، ފެނަކައިގެ ސަބަބުން ހުއްޓިފައި އޮތީ ކިތަށް ރަށުގެ މަސައްކަތްކަން ނުވަތަ ނުދީ ހުރީ ކިހާ އަދަދެއްގެ ފައިސާއެއްކަން ރައްޔިތުންނަށް ސާފުވާން ޖެހޭކަމަށް އަސަދު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހުށަހެޅި ޕްރެޒެންޓޭޝަނަށް ރައްދު ދެއްވައި އަސަދު ވިދާޅުވީ އޭނާ ދެއްކެވީ ދެކޮޅު ޖެހޭ ހަމަ ބުއްދި ވެސް ގަބޫލު ކުރެވޭ ވާހަކަތަކެއް ނޫންކަމަށެވެ. މި ސަރުކާރުން ސިޔާސީ މަގާމުތަކަށް މަހެއްގެ މައްޗަށް 700 މިލިއަން ރުފިޔާ ހަރަދު ކުރާކަމަށް އަމީރު ވިދާޅުވިއިރު މިއީ މަހެއްގެ މައްޗަށް ސިޔާސީ މަގާމުތަކަށް މަހަކު 50،000 ރުފިޔާ ހަރަދު ކުރާކަމަށް ހިސާބު ޖަހައިގެން ވެސް 14،000 ވަޒީފާކަމަށް އަސަދު ވިދާޅުވި އެވެ.
މިއީ ހެއްވާ ޖޯކު ވާހަކަތަކެއްކަމަށާއި، ގައުމަށް ވާނެ އެއްޗެއް ވެގެން ދިޔައީ އެފަދަ ހިސާބު ޖެހުމުގެ ސަބަބުންކަމަށް އަސަދު ވިދާޅުވި އެވެ.

