މާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި ދެ މީހުންގެ ތެރެއިން އެކަކުގެ ބައި އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފިއެވެ.
12 ޑިސެންބަރު 2021 ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، ޢަލީ ޒުބެއިރުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، ޢުމުރަށް ޖަލަށްލުމަށާއި، 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް 20 މާރިޗު 2024 ގައި އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައިގައި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަޙްމަދު ސުނައިނާއި، ގދ. ހޯނޑެއްދޫ، އަލޯރާ، އަޙްމަދު މުޖާހިދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތު ނުވާކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.
އަޙްމަދު ސުނައިނުގެ ބައިގައި ޙުކުމަށް ވާޞިލުވި ސަބަބުތަކާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށް، އަޙްމަދު ސުނައިނުގެ ބައިގައި ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕީޖީން ނިންމާފައިވެއެވެ. އަދި އަޙްމަދު މުޖާހިދުގެ ބައި އިސްތިއުނާފުކޮށްގެން، ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެނެވިދާނެކަމަށް ނުފެންނާތީ، އޭނާގެ ބައި އިސްތިއުނާފު ނުކުރުމަށް ޕީޖީން ވާނީ ނިންމާފައެވެ.
މި މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވަނީ 08 ޖުލައި 2024 އަށް ކަމުން، އެ ތާރީޚްގެ ކުރިން އިސްތިއުނާފު ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީން ވަނީ ނިންމާފައެވެ.
މިމައްސަލަ އާއި ގުޅިގެން ދައުލަތުން ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވުމުން ފުލުހުން ކުރިއަށްގެންދިޔަ މުޅި ތަހުގީގު ހެއްކާއެކު މިއަހަރުގެ އޭޕްރިލް 4 ގައި ނޫސްވެރިންގެ ބައްދަލު ވުމެއް ބާއްވާ ވަނީ ހާމަކޮށްފައެވެ.
ފުލުހުންވަނީ އެކަން ހިނގައިދިޔަގޮތް ވަރަށް ތަފްސީލުކޮށް ވީޑިއޯ ޕްރެސެންޓޭޝަންއެއް ގައި ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އެ ޕްރެސެންޓޭޝަންގައި ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ފާރާތްތަކަކީ ގދ. ހޯޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދު، ގދ. ހޯޑެއްދޫ، ގުލޭނޫރަންމާގޭ އަލީ ޒުބޭރާއި ގދ. ހޯޑެއްދޫ، އިރުމަތީގޭ އަހްމަދު ސުނައިނާއި އަދި ގދ. ހޯޑެއްދޫ ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާން ކަމަށެވެ.

