ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ އާރޯކަން ލިބެން ފެށިތާ އަހަރުތަކެއް ވިޔަސް، އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހައްލު ނުވެ އޮތް މައްސަލައަކީ މިއީ އެވެ. ކިލޯ ގްރާމް ހަމަ ނުވާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރާ މީހާ ވެސް ބަންދުގެ މުއްދަތު ޖަހަމުން ގޮސް ވާނުވާއަށް ވަނީ އެވެ. ނުވަތަ ރިހާކުރު ފުޅިއެއް ވަގަށް ނެގީތީ، ހައްޔަރުކޮށް ދެން އޭނާގެ ފަރާތުން މުޖްތަމައަށް އޮތް ނުރައްކަލަށް ބަލައި ބަންދު ކުރަނީ ޝަރީއަތް ނިމެންދެންނެވެ. އެހާ ހިސާބުން ދެން އޭނާގެ މައްސަލައަށް ވާނެ ގޮތެއް، ކޯޓަށް ދައުވާ ހުށަހެޅުމަށް ފަހު ދެން އަޑުއެހުން އޮންނާނެ ދުވަހެއް ނޭނގެ އެވެ.
އަޑުއެހުމެއް ބޭއްވުމަށް ފަހު، ދެން އޮންނަ އަޑުއެހުމާ ދޭތެރޭ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ނަގާ ފަހަރު ވެސް އަންނަނީ އެވެ.
ގާނޫނު ތަންދީފައި އޮތީ ޝަރީއަތް ނިމެން ދެން ބަންދު ކުރެވޭނެ ވަރަށް ނާދިރު ހާލަތްތަކެކެވެ. އެއީ އެ މީހެއްގެ ފަރާތުން ހަގީގަތުގައި ވެސް ނުރައްކާ ވާ މީހުންނެވެ. އެއީ ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގެ ތުހުމަތު އޮތް މީހުންނާއި، މީހަކު މަރާލުމުގެ ކުށުގައި ބައިވެރިވިކަމުގެ ތުހުމަތު އޮތް މީހުން، ކުޑަކުދިންނަށް ޖިންސީ ކުރިކަމުގެ ކުށުގެ ތުހުމަތަށް ހައްޔަރު ކުރާ މީހުންނެވެ. އަދި ޓެރަރިޒަމްގެ ގަނޫނުގެ ދަށުން ހައްޔަރު ކުރާ މީހުން ވެސް، ޝަރީއަތް ނިމެން ދެން ބަންދު ކުރެވޭނެ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއް ނަމަ ޝަރީއަތް ނިމެން ދެން ބަންދު ކުރެވޭނީ، ބޮޑެތި އަދަދުތަކުން ޑްރަގް ޓްރެފިކް ކުރާކަމަށް ނުވަތަ ކުރިކަމަށް ތުހުމަތު އޮތް މީހުންނެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު އަތުލައިގަންނަ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދެވިދާނެ އެވެ.
ވާނުވާ ބަންދަކީ، ގާނޫނީ މަހްފޫމް ދަންނަ ލަފުޒަކަށް ނުވި ނަމަވެސް ”ވާނުވާ“ ނުވަތަ ޝަރީއަތް ނިމެން ދެން ބަންދުގައި ތިބީ މީހުންނަށް މައްސަލައިގެ ކޮޅެއް ނުފެންނަ ހިސާބަށް ދިޔަ ސަބަބު ދެނެގަންނަން ޖެހެ އެވެ. މީހެއްގެ ބަންދު ”ވާނުވާ“ އަށް ވަނީ ޝަރީއަތް ފެށޭނެ ދުވަހެއް، ނިމޭނެ ދުވަހެއް އަދި ޝަރީއަތުގެ ޝެޑިއުލްގެ އަންދާޒާއެއް ވެސް ނޭނގޭ ހާލަތުގައި ހުރުމުންނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީހަކު ހައްޔަރު ކުރާ ދުވަހުން ފެށިގެން އެ މައްސަލައެއްގެ ތަހުގީގު ނިންމައި، ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ބަޔާން ކުރެ އެވެ. އަދި އެ މައްސަލައެއްގައި ދައުވާއެއް ކުރާނަމަ ކުރަން ޖެހޭނެ މުއްދަތު ވެސް ބަޔާން ކުރެ އެވެ.
އެއީ ބަންދުގައި ހުރި މީހެއް ނަމަ 30 ދުވަސް އަދި ބަންދުންވީލައިފި ނަމަ 45 ދުވަހެވެ.
އެ ތަފްސީލުތައް ބަޔާން ކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގަ އެވެ. އެގޮތުން އެ ގާނޫނުގައި ބޮޑެތި ކުށްތައްކަމަށް ކަނޑަޅާފައިވާ ކުށެއްގެ ތުހުމަތަށް ހައްޔަރު ކުރާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭޣައި އެ މައްސަލައެއް ނިންމައި ޕީޖީއަށް ފޮނުވުން ލާޒިމް ކުރެ އެވެ. މައްސަލައިގެ ބާވަތުން، ތަހުގީގު ފުރިހަމަ ނުކުރެވިދާޏެކަމަށް ގަބޫލު ކުރެވޭ ހާލަތެއްގައި ސަބަބު ބަޔާންކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅަން ޖެހެ އެވެ. އެގޮތަށް އެދޭ މުއްދަތެއް 15 ދުވަހަށް ވުރެ ދިގު ނުވާގޮތަށް ފަހަރަކު 15 ދުވަސް އިތުރުކޮށްދެވިދާނެ އެވެ. އެކަމަކުން އިތުރުކޮށް ދޭ އެ މުއްދަތު 60 ދުވަހަށް ވުރެ އިތުރު ވެގެން ނުވާނެކަމަށް ގާނޫނު ބުނެ އެވެ.
ބަޔާންކުރާ މުއްދަތުގައި ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ދަޢުވާ އުފުލުމަށް ބޭނުންވާ ހެކި ލިބިފައިނެތުމުގެ ސަބަބުން ތަހުގީގު ފުރިހަމަ ނުކުރެވޭ ހާލަތުގައި ބަންދުން ދޫކޮށްލި ނަމަވެސް، އެ މައްސަލައެއްގައި ފަހުން އައު ހެއްކެއް ލިބިއްޖެ ނަމަ އެފަދަ ހެއްކާއެކު އެ މައްސަލައެއްގައި އެ މީހެއްގެ މައްޗަށް ދަޢުވާކުރުމަކަށް ގާނޫނު ހުރަހެއް ނާޅައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގެ ދަށުން ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުން އުނިނުވާ ގޮތަށް، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދަޢުވާ ލިބޭ ފަރާތާ މަޝްވަރާކުރުމަށްފަހު، ކޯޓުން ކަނޑައަޅައި ތާވަލުކުރަން ޖެހެ އެވެ.
މާނައަކީ އެގޮތުގެ މަތީން ތާވަލެއް އެކުލަވާލުމުން، ޝަރީއަތް ދެން އޮންނާނެ ދުވަހެއް ބަންދުގައި ހުރި މީހާއަށް އެނގޭނެ އެވެ. ކޮންޓިނިއުސްއަސް ހިއަރިންއަކީ ޝަރީއަތްތައް ކޯޓުގައި އަވަށް ނިންމާލެވެން އޮތް ގޮތެވެ.
މިހާރުގެ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމަކީ ވާނުވާގެ މައްސަލަތަކާއި ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވުންފާޅުކޮށް ވާހަކަ ދެއްކެވި ބޭފުޅެކެވެ. އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި، ޝަމީމް ވިދާޅުވީ ބައެއް ކުށްތަކުގެ އަމަލުތައް އެ ގާނޫނުގައި ބަޔާން ކުރާ ހާލަތަށް ނުފެތޭ ނަމަ، ޝަރީއަތް ނިމެންދެން ބަންދުކޮށް ދޭން އެދި ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. ޝަމީމް ވިދާޅުވީ ގާނޫނުގައި ބަޔާން ކުރާ ބައެއް ހާލަތްތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު މަޖިލީހުގެ މެމްބަރުންނަށް އެބައޮތް ކަމަށެވެ. އަދި މިސާލެއް ނަންގަވައި ވިދާޅުވީ މެމްބަރުން ބޭނުންވާ ނަމަ، އެ ހާލަތްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ކުށުގައި ހައްޔަރު ކުރާ މީހާ އެފަދަ ބަންދަކަށް ނުޖެހޭނެކަމަށް ލިޔެވިދާނެ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޝަރީއަތް ނިންމަން ޖެހޭ ތާވަލެއް އެކުލަވާލަން ޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެކަން އެގޮތަށް ނުކުރެވޭކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވާނުވާއަކީ ރަނގަޅު މަހުފޫމެއް ނޫންކަމަށާއި، ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ޝަރީއަތް ހިނގާނެ ގޮތާއި، ނިމެނޭ ތާރީހު އަދި ދެން ޝަރީއަތް އޮންނާނެ ދުވަހެއްގެ ތަފްސީލެއް ނުވަތަ އަންދާޒާ ތާވަލެއް އެނގެން ޖެހޭކަމަށެވެ. އެގޮތަށް އެކަން ނުކުރެވޭކަމަށް ކަންބޮޑުވުންފާޅުކޮށް ޝަމީމް ވިދާޅުވީ، ޝަރީއަތްތަކުގެ ތާވަލު ކޯޓުތަކުން ނަހަދާކަމަށެވެ.
މި މައްސަލައިގައި ދެން މި ފަހުން ވާހަކަ ދެއްކެވީ، ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު އަި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެެވެ. ސުއޫދު ވިދާޅުވި ގޮތުގައި އެ އުސޫލުގެ ދަށުން ޝަރީއަތުގެ ތާވަލެއް އެކުލަވާލުން ވެސް މުހިންމެވެ. ދެ ޝަރީއަތެއް ދެމެދު ހަ މަސް ދުވަސް ނެގުމަކީ، އެއީ ވަރަށް ގިނަ ދުވަސްކަމަށާއި ސިލްސިލާކޮށް ކެންސަލް ނުވެ ޝަރީއަތްތައް ކުރިޔަށް ގެންދިއުމަކީ އެއީ އިންސާފަށް އެޅޭ ފިޔަވަޅެއްކަމަށް ސުއޫދު ވިދާޅުވި އެވެ.
ވާނުވާ ބަންދަށް ހައްލު ގެނައުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ނުވަތަ އަންނަ އަހަރު އެގޮތަށް ހުށަހާޅައި މަސައްކަތް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ،
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު ހަނިކުރުމަށް ޖޭއެސްސީ އެކުލެވޭގޮތް ގާނޫނީ ގޮތުން ބަދަލުކުރުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅާނެ ކަމަށެވެ. އަދި ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަށް ގެންނަން ޖެހޭ އިސްލާޙުތައް މި ދައުރަށް ހުށަހަޅުއްވާނެ ކަމަށެވެ.

