އޮގަސްޓް މަހު ބާއްވަން ހަމަޖެހިފައި އޮތް ޒުވާނުންގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ ފަހުގެ ތާރީޚަކަށް ބަދަލުކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވަނީ އޮގަސްޓް 12 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ޒުވާނުންގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އިނާމު ދިނުމުގެ ޖަލްސާ ދެން އޮންނާނެ ވަކި ތާރީހެއް ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މި އެވޯޑް ހަފްލާ ފަސްކޮށްފައިވާއިރު ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ރަސްމިއްޔާތުތަކާއި ހަފްލާތައް ނުބޭއްވުމަށް ނިންމަވާފައެވެ. ޒުވާނުންގެ އެވޯޑް ފަސްކޮށްފައިވާކަން އިއުލާންކޮށްފައިވާއިރު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސްޕޯޓްސް އެވޯޑްސް ހަފްލާވެސް ވަނީ ފަސްކޮށްފައެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކޮށް ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސަރުކާރުގެ މުވައްޒަފުން މަދުކުރުމާއި މީގެ އިތުރުން ކައުންސިލްތަކުން ދަތުރުތަކާއި މުބާރާތްތައްވެސް ނުބޭއްވުމަށް ވަނީ ނިންމާފައެވެ.

