ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތު އެންމެނަށްވެސް ސާފެވެ. ދިވެހިރާއްޖެއަކީ ލޯނުން ކައި ބޮއެ އުޅޭ ގައުމެއްކަންވެސް މިއަދު ރައްޔިތުން ދަނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރު ފެށުނު އިރުވެސް ރާއްޖޭގެ ދަރަނި ހުރީ 26 ބިލިއަނަށްވުރެ އިތުރު އަދަދެއްގައިކަމަށްވާއިރު، އެމަނިކުފާނުގެ ވެރިކަން ނިމިގެންދިޔައީ މި ދެންނެވި ދަރަނި އިތުރުވެގެންނެވެ. އޭގެ ކުރިން ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދަށްވެސް ޖެހިވަޑައިގަތީ އެމަނިކުފާނުގެ ކުރިއަށް ތަހުތާއި ހަވާލުވެވަޑައިގެން ހުންނެވި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދައުރުގައި އުފައްދާފައިހުރި 10 ބިލިއަނާއި ހަވާލުވާންށެވެ.
ރައީސް ނަޝީދަކީ ރާއްޖޭގައި ޓެކްސް ތައާރަފްކޮށްގެން އާމްދަނީ އިތުރުކޮށްދިން ރައީސް ކަމަށްވާއިރު ދަރަނި ކުޑަ ކުރެވިފައިނުވެއެވެ. ވެރިކަން ނިމުނު އިރު 16 ބިލިއަންގެ ދަރަންޏެއް އުފައްދަވާފައިވެއެވެ. ރައީސް ޔާމީންއަކީވެސް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރާއްޖެއަށް ގިނަ ބަދަލުތަކެއް ގެނެސްދެއްވި ރައީސްއެކެވެ. ބިޔަ އެތައް މަޝްރޫޢުއެއް ފައްޓަވައި ނިންމެވިއެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ދައުރުގައި އުފެއްދި ދަރަނި ދެއްކިފައެއް ނުވެއެވެ. އެމަނިކުފާނަށްވެސް ކުރެވުނީ އިތުރެެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ މިކަން އެންމެ ބޮޑަށް ކުރެއްވި ރައީސްއެވެ. ދަރަނި ދެއްކުން ފަސް ކުރަމުންދާކަންވެސް މިހާރު ރައްޔިތުންނަށް އެނގޭނެއެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިންޑިއާއަށް ދައްކަން ޖެހޭ ލޯނެއް ފަސްކުރި މައްސަލަ ހޫނުވެގެންދިއުމަށްފަހު ދެން ހާމަވެގެންދިޔައީ ނިމިދިޔަ ދައުރުގައިވެސް ދިވެހި ސަރުކާރުން ދަރަނި ދެއްކުން ފަސްކުރަމުން އައިސްފައިވާކަމެވެ. ނުދެއްކެއެވެ.
މި ދެކެވެމުންދަނީ 1900ގެ ފަހުކޮޅުން ފެށިގެން ނަގާފައިވާ ބައެއް ލޯނުތައް ނުދައްކާ ހުރި ވާހަކައެވެ. އެހެންކަމުން މިދާ ރޭޓުން ރާއްޖެއަށް ބަނގުރޫޓުވުން އިއުލާނު ނުކޮށް ހިފަހައްޓާލެވޭނީ ކިހާ ދުވަހަކު ތޯ ހިތަށް އަރައެވެ. ޔަގީނުންވެސް ލޯނު ލިބުން ދަތިވާނެއެވެ. ބަޖެޓަށް ހިލޭ އެހީގެ ގޮތުގައި ހޯދާނެކަމަށް ބުނާ ފައިސާވެސް ރަނގަޅަށް ނުލިބޭކަން އެކި ފަރާތްތަކުން ހާމަކުރަމުންދާ މައުލޫމާތުތަކުން ސާފެވެ. މިހާރު އޮތް މިސްރާބުގައި ގައުމުގެ ކަންކަން ކުރިއަށްދާނަމަ ސުވާލުތަކެއް އުފެދެނީ މި ގައުމު ބަނގުރޫޓު ވެދާނެކަމާ މެދު އެއް ނޫނެވެ. ސުވާލު އުފެދެނީ ވާނެ ދުވަހާއިމެދުއެވެ.
މިހާރު ރާއްޖޭގެ ދަރަނި ހުރީ 127 ބިލިއަނަށްވުރެ އިތުރު އަދަދެއްގައިކަމަށް މައުލޫމާތުތަކުން ދައްކާއިރު، މިއީ ހަމަ ހަގީގަތުގައިވެސް ދަރަނި އަރައިގެން ދިއުން ހެޔޮ މިންގަނޑުތަކެއްތޯވެސް މިއަދު ވިސްނާލަން ރަނގަޅެވެ. ރާއްޖެ ތަރައްގީ ކުރުމުގެ ގޮތުން ލޯނު ނެގި ނެގީނުން ގޮސް ދިވެހިރާއްޖެއަކީ ނާށިގަނޑެއް ހިފައިން ސަަލާން ޖަހަމުން ދުވާ ގައުމެއްގެ ގޮތުގައިވެސް ސިފަވެފައިވުމުން ރައްޔިތުން ތިބީ އިސް އުފުލާ ނުލެވޭ ހާލަތުގައެވެ. ތަރައްގީ ވެއްޖެތޯއެވެ.
އަދިވެސް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އަސާސީ އެތައް ކަމެއް ކުރަމުން އެބަދެއެވެ. ފެނާއި ނަރުދަމާ ގާއިމުކުރުމާއި މަގު ބައްތިޖެހުމުގެ އިތުރުން މަގު ހެދުމާއި މިފަދަ މަސައްކަތްތަކެވެ. 127 ބިލިއަންގެ ދަރަންޏެއް އުފެދުނު އިރު ދިވެހިން އަދިވެސް މިއުޅެނީ މަގުތަކުގައި ފެން ނުހިނދިގެންނެވެ. ފަސް ލައްކައިގެ އާބާދީއެއް ހަމަ ނުވާއިރު މިއީ ދެން އަޖައިބުވާންވީ ކަމެއް ނޫންތޯއެވެ. 30 އަހަރު ނިމި ރައްޔިތުންގެ ވެރިކަންތައް ކުރެވެމުންދާކަމަށް ބުނާ އަޑު އިވެމުންދާތާވެސް 17 އަހަރު ވެއްޖެއެވެ. ކޮންމެ ވެރިކަމެއްވެސް ނިމެނީ އަސާސީ ހައްގުތަކުގެ މައްސަލައިގެ އަޑުތައް ގަދަވުމަށްފަހުއެވެ.
މި އަދަދުތައް މައްޗަށް ދިއުމަށް ދިމާވާނެ އެއް ސަބަބަކީ ދިވެހިރާއްޖޭގައި އެތައް ފައިސާއެއް ހަރަދުކޮށްގެން ހިންގާ މަޝްރޫޢުތައް ތާކުން ތާކު ނުޖެހޭ ގޮތަކަށް ކުރިއަށް ގެންދިއުމެވެ. މިހެން ދެންނެވެނީ ވާރޭކޮޅެއް ވެހިލާއިރަށް ފެން ނުހިދޭކަން ޔަގީންވާއިރު މަގު މަތީ ޖަހާފައި ހުންނަ ބައްތީގެ ސަބަބުން ކަރަންޓު ޖެހޭ ގޮތަށް އެތަކެތި ހަރުކޮށްފައިހުރުން ފަދަ މައްސަލަތައް ފާހަގަކުރެވޭތީއެވެ. މާލެ ސަަރަހައްދުގައިވެސް ”ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ދުވަހަކުވެސް ނިމުމަކަށް ނާދެއެވެ. ފޫނެއް ފަޔަކަށް ފެން ފުރުމާއި އެއްފަދައެވެ.
ބުރިޖު އެޅުމަކީވެސް ރާއްޖޭގައި މިފަހުން ކުޅިވަރެއްހެން ކުރަމުންދާ މަސައްކަތްތަކެވެ. ކުރީގެ ރައީސް ޔާމީން، ހުޅުމާލެއާއި މާލެ އާއި ގުޅުއްވައިދެއްވީ އެ ދެމެދު ރައްޔިތުން ދަތުރުކުރާ އަދަދުތައް ގިނަކަމުން މުޅި ހުޅުމާލެ ފެރީޓާމިނަލް ފުރިބާރުވެ މަގުތައް މައްޗާއި ހިސާބަށް ކިއުތައް ޖެހެމުންދިޔަ ދިއުން ހައްލުކޮށްދެއްވުމުގެ ގޮތުންނެވެ. އެއީ ކޮންމެހެންވެސް ބޭނުން ޖެހިފައިވާ ކަމެކެވެ. ދެ ރަށުގައިވެސް އިންތިހާއަށް ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދިޔަކަމަށްވުމުން މިއީ ރާއްޖޭގެ މެޖޯރިޓީއަށް އެކަމުގެ ފައިދާ ވަގުތުން ވަގުތަށް ލިއްބައިދޭނެ ކަމެކެވެ. މިއަދު އެކަން މި ފެންނަނީއެވެ.
އެހެންނަމަވެސް ގުޅިފަޅާއި ދެމެދު މީހުން ދަތުރުކުރާ ވަރު ގިނަކަމުން ބުރިޖެއްގެ ބޭނުން ކޮންމެހެން ޖެހިފައެއް ނެތެވެ. ގިރާވަރަކީ ނެތް ތަނެއް ކަމަށް ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. އެހެންކަމުން މިއީ ކޮންމެހެން ރައްޔިތުންނަށް ބޭނުން ޖެހިގެން ކުރި ކަމެއް ނޫންކަން އެނގެއެވެ. ގިރާވަރާއި ދެމެދު ދަތުރުކުރުމަށް ބުރިޖެއް އަޅައިދިނުމަށް ރައްޔިތުން އާދޭސް ކުރަމުންނެއް ނުދެއެވެ.
ރައްޔިތުން އެދެމުންދިޔައީ ސަރުކާރުތަކުން ބުނަމުންދާ ގޮތަށް ލާމަރުކަޒީ ދިރިއުޅުންތަކެއް އުޅުމަށެވެ. ރަށުގައި ތިބެ އިގްތިސާދާއި އިޖްތިމާއީ މަންފާތަކާއި ކުރިއެރުންތައްވެސް އިހުސާސް ކުރެވުމަށެވެ. އެކަން އެގޮތަށް ކުރާ ނަމަ އައްޑޫގައި ހުރި މީހާއަށް ގިރާވަރުން ފްލެޓެއް ދޭކަށެއް ނުޖެހޭނެއެވެ. ދަރަނި 120 ބިލިއަނަށް އަރައިގެން ދިޔައީ ރައްޔިތުންގެ އަޑު އެހުމުގެ ބަދަލުގައި އަމިއްލައަށް ފެންނަ ގޮތަށް އަމަލުކުރުމެވެ.

