ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ފަރާތްތަކުން ގެންނަ ތަކެތިން ޑިއުޓީ ނަގާ ލިމިޓު 10،000 ރުފިޔާއަށް މަތިކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ވީއައިއޭގެ އާ ކާގޯ ޓާމިނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަތުރުވެރިން ރާއްޖެއަންނައިރު ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފްކުރުމުގެ އުސޫލަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަށައިފި އެވެ.

މި އިސްލާހުގައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ޑިއުޓީ މަޢާފްކުރުމުގެ އިހުތިޔާރުގެ ދަށުން، ދަތުރުވެރިންނާ އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ އެލަވަންސް 6،000 ރުފިޔާއިން 10،000 ހާސް ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ.

މި އިނާޔަތް ލިބޭނީ ހަމައެކަނި ދަތުރުވެރިންނަށާއި އަމިއްލަ ފަރުދުންގެ ކުދިކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެއްޗަށެވެ.

މި ބަދަލާއިއެކު ދަތުރުވެރިންނާ އަމިއްލަ ފަރުދުން ގެންނަ މުދަލުގެ ނުވަތަ ޝިޕްމެންޓަށް ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ އެފްއޯބީ އަގު 10،000 ރުފިޔާ އަށްވުރެ ކުޑަނަމަ، ޑިއުޓީ ނެގުމަކާނުލާ އެތަކެތި ދޫކުރެވޭނެއެވެ. ނަމަވެސް، ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ އެފްއޯބީ އަގު 10،000 ރުފިޔާ އަށްވުރެ ބޮޑުނަމަ އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅާ ކަނޑައެޅިފައިވާ ގޮތުގެމަތީން ޑިއުޓީ ދައްކަންޖެހޭނެއެވެ. އަދި، އެފަދައިން ޑިކްލަރޭޝަން ހުށަހަޅަންޖެހޭ މުދަލަށް ޑިއުޓީ ނަގާނީ، ޑިއުޓީދައްކަން ކަސްޓަމްސްއިން ކަނޑައަޅާ އެފްއޯބީ އަގުން 10،000 ރުފިޔާ އުނިކުރުމަށްފަހު ބާކީ އަންނަ އަދަދުންނެވެ.

މުދަލުގެ އަގު 10،000 ރުފިޔާއަށްވުރެ ކުޑަނަމަވެސް، އެތަކެތީގެ ބާވަތާއި ޢަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ އަމިއްލަ ކުދި ކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށްވުރެ ގިނަ ތަކެތި ކަމަށްވާނަމަ ނުވަތަ ކޮމާޝަލް ކުއެންޓިޓީކަމަށް ބެލެވޭ ހާލަތުގައި އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް ފަރުދުންގެ ބޭނުމަށް، ޑޮކްޓަރެއްގެ ބޭސްސިޓީއާއެކު، ގިނަވެގެން 6މަސް ދުވަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް، އެތަކެތީގެ އަގަށް ރިއާޔަތްކުރުމެއް ނެތި ދޫކުރެވޭނެއެވެ.

ކުރީން ޑިއުޓީގެ އިނާޔަތް ދެމުން ގެންދިޔަ ބައެއް ބާވަތްތަކަށް މި އިސްލާޙާއެކު ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މިގޮތުން 2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލެވިފައިވާ ތަކެއްޗަކީ:

  1. ޕްލާސްޓިކް ކޮތަޅާއި ސިންގަލް ޔޫސް ޕްލާސްޓިކް ގޮތުގައި ގިންތިކުރެވޭ ތަކެތި؛

  2. އެނާޖީ ޑްރިންކް؛

  3. މޮޓޯސައިކަލާއި އޮޓޯސައިކަލް؛

  4. އެއްގަމުގައި ދުއްވާ 4 ފުރޮޅުލީ އުޅަނދުފަހަރު؛

  5. ކަނޑުގައި ދުއްވާ އުޅަނދުފަހަރު؛

  6. އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ސްޕެއަރޕާޓްސް؛

މީގެ އިތުރުން، ދުންފަތް ނުވަތަ ނިކޮޓިންގ އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި، އީ ސިގިރެޓާއި، ޝީޝާ އަދި ފްލެވަރޑް ސިގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗަށް ޑިއުޓީގެ އިނާޔަތް ދިނުން 2024 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލެވޭނެއެވެ. އަދި، ޝިޕްމެންޓްގައި ހިމެނޭތަކެއްޗަކީ ޑިއުޓީ އިނާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އަމިއލަ ބޭނުން ފިޔަވައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އެތަކެތި ބޭނުންކުރާ ފަރާތެއްކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވޭ ފަރާތްތަކުން ގެންނަ ތަކެއްޗަށްވެސް ޑިއުޓީގެ އިނާޔަތެއް ނުލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: