ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޓަކައި ޤައުމީ ޔުނިވާސިޓީން ހަދާ ރިސާޗާއި، ރައްޔިތުންގެ މަޖިލީހާއި، އާއްމުންގެ ހިޔާލާއި، ތަޖުރިބާކާރުންގެ ލަފައި ހޯއްދަވައިގެން ޤާނޫނަށް އިސްލާހު ހުށައެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރ. ކިނޮޅަހު ކައުންސިލުގެ ފަރާތުން މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތައް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާވެގެން ދާނީ ރައްޔިތުންގެ ފަރާތުން ކައުންސިލުން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެ ފަރާތްތަކުގެ އެއްބާރުލުން ދިނުމުގެ އިތުރުން ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހުރިހާ ބާރުތައް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ކައުންސިލްތައް ޖަވާބުދާރީ ކުރުވުމަށް އިލްތިމާސް ކުރައްވައި މިނިސްޓަރ ވިދާޅުވީ ހަގީގީ މާނައިގައި ލާމަރުކަޒީ ހުރިހާ ބާރެއް ރަނގަޅު ކުރުމުގެ ފުރުސަތާއި އެ އިހުތިޔާރު އޮތީ ރައްޔިތުންނަށް ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ވެރިކަން ކުރުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރު އަދި އެ ވެރިކަން ދެމެހެއްޓުމުގެ ބާރު ރައްޔިތުންނަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގައި ކައުންސިލްތައް ހަމަމަގަށް އެޅުވުމުގައި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރުގެ ވާޖިބު އަދާކުރުމުގެ ބޭނުން އަދާ ކުރުމަށް އެދޭކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ޙަޤީޤީ މާނާގައި ލާމަރުކަޒީ ހުރިހާ ބާރެއް ރަނގަޅުކުރުމުގެ ފުރުޞަތު ލިބިފައިވަނީ ރައްޔިތުންނަށް، ޤާނޫން އަސާސީގެ ހަތަރުވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ވެރިކަން ކުރުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އެ ވެރިކަން ދެމެހެއްޓުމުގެ ބާރު ރައްޔަތުންގެ އަތްޕުޅުގައި އޮންނައިރު މިއަދު އަޅުގަނޑު ރައްޔިތުންނަށް ކުރާ އިލްތިމާސަކީ ކައުންސިލުތައް ޖަވާބުދާރީ ކުރުމުގައި، ކައުންސިލުތައް ހަމަމަގަށް އެޅުވުމުގައި، ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރުގެ ވާޖިބު އަދާކުރުމުގެ ބޭނުން، ހުރިހައި ބޭފުޅުން ވެސް ރަނގަޅަށް އަދާކުރައްވައިގެން މަސައްކަތް ކުރެއްވުން
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ދުވަސްވަރަކީ ލާމަރުކަޒީ ނިޒާމާއި، ކައުންސިލުތަކާ ގުޅޭގޮތުން އެކި ކަހަލަ ވާހަކަދެކެވޭ ދުވަސްވަރެއް ކަމަށް ވުމާއެކު ކޮންމެ ނިޒާމެއްގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަމަށާ، އެ ކަންކަން ރަނގަޅު ނުވެ ހުރި ސަބަބު ވިސްނާ ފިކުރު ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރެއްވުމަށް ވެސް ގިނަގުނަ ބަދަލުތައް ގެނެވިދާނެކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޓަކައި ޤައުމީ ޔުނިވަރސިޓީން ހަދާ ރިސާޗާއި، ރައްޔިތުންގެ މަޖިލީހާއި، އާއްމުންގެ ޚިޔާލާއި، ތަޖުރިބާކާރުންގެ ލަފައި ހޯއްދަވައިގެން ޤާނޫނަށް އިޞްލާޙް ހުށައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުގެންނަން ވާނީ އެ ނިޒާމުގައި ހުރި ގިނަ މައްސަލަތަކަށް ހެޔޮ ބަދަލު ގެނެވޭ ގޮތަށް ކަމަށެވެ. އެ ގޮތުން ޤައުމީ ޔުނިވަރސިޓީއިން ހަދާ ރިސާޗަށް، ރައްޔިތުންގެ މަޖިލީހާއި، އާއްމުންގެ ޚިޔާލާއި، ތަޖުރިބާކާރުންގެ ލަފާ ހޯއްދަވައިގެން ޤާނޫނަށް އިޞްލާޙް ހުށައެޅުން މުހިންމުކަމުގައެވެ. އަދި ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގައި ލާމަރުކަޒީ ނިޒާމުގެ ތަފާތު މޮޑެލްތަކެއް ހުރި ކަމަށާ، އެ ހުރިހައި ކަންކަމަށް ރިއާޔަތްކުރުން ވެސް ވަރަށް މުހިންމު ކަމަށެވެ.

