ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕީ ރައިޓްސް ގާނޫނަށް ގެންނަ އިސްލާހުތަކުން، އާޓިސްޓުންނަށް މަސައްކަތް އިންޓަނޭޝަނަލް މާކެޓަށް ވިއްކައި އޭގެ ނަފާ ހޯދޭނެ: ސައުދާ

ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޕީ ރައިޓްސްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެ، ގާނޫނަކަށް ބަދަލުވުމުން ދިވެހި އާޓިސްޓުންނަށް މަސައްކަތްތައް ބައިނަލްއަޤުވާމީ ބާޒާރަށް ވިއްކައި އޭގެ ނަފާ ހޯދުމުގެ ހައްގު ލިބިގެންދާނެކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ސައުދާ ހުށަހެޅި މި ބިލުގެ ބޭނުމަކީ ކޮޕީ ރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާއި ގުޅޭ އެ ނޫން ވެސް ހައްގުތަކާއި ބެހޭ ކަންކަން އިތުރަށް ތަފްސީލު ކުރުމެވެ.

މި ބިލުގައި ސައުދާ ހުށަހަޅާފައި ވަނީ، ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އިސްލާހު ކުރުމަށެވެ. އެއީ ލިއުމުގެ އަސްލީ އުފެއްދުންތަކާއި، މިއުޒިކީ އަސްލީ އުފެއްދުންތައް އަދި އަސްލީ ފަންނުވެރި އުފެއްދުންތައްކަމަށް ގާނޫނުގައިވާ މާއްދާއަށް ނަމްބަރެއް އިތުރުކޮށް އޭގައި އޯޑިއޯ ވިޝުއަލް މަސައްކަތްތައް ހިމެނުމެވެ. އަދި އަދި 3 ވަނަ މާއްދާގެ (ށ) އިސްލާހުކޮށް އޯޑިއޯ ރެކޯޑިންއާއި، ސެޓްލައިޓް، އިންޓަނެޓް، އަދި ކޭބަލް މެދުވެރިކޮށް ކުރެވޭ ބްރޯޑްކާސްޓު ހިމެނުމެވެ.

މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތް ކުރެވޭނީ، އެ އުފެއްދުމެއް ހުށަހަޅައިދޭ ގޮތަށް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގްސަދަށް ބަލައިގެން ނޫންކަމަށް ބިލުގައި ވެއެވެ. އަދި ބިލުގައި ވަނީ ކޮޕީރައިޓުގެ ވެރިފަރާތުން އެހެން ފަރާތަކަށް ހުއްދަދީފައި ނުވާ ހިނދެއްގައި އެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އާންމުންނަށް ވިއްކުން ނުވަތަ ކުއްޔަށް ދިނުމަށް ނުވަތަ އާންމުންނަށް ދޫކޮށްގެން ނުވާނެކަމަށެވެ.

މި ބިލު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިދެއްވައި، ސައުދާ ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން އިލްމީ އަދި ފަންނީ އުފެއްދުންތަކަށް ހަގީގީ ލިބިދޭން ޖެހޭ ރައްކާތެރިކަމާއި މަންފާ ނުލިބޭ ކަމަށެވެ. ނުވަތަ އެ ގާނޫނީ ބާރު ނެތްކަން ފާހަގަކުރެވޭ ކަމަށެވެ.

ސައުދާ ވިދާޅުވީ ޒަމާނަށް އައި ބަދަލާއި އެކު، އައު އީޖާދުތަކެއް ވެސް އުފެދިގެން އައިސްފައިވާކަމަށެވެ. އެހެންކަމުން އެކަމުގެ މައްޗަށް ވިސްނައި، ގާނޫގައި ހުރި ގިނަ ކަންކަން އިސްލާހު ކުރަން ޖެހިފައި އޮތް ނަމަވެސް މިވީހާ ތަނަށް އެފަދަ މަސައްކަތެއް ކުރެވިފައި ނެތްކަމަށް ސައުދާ ވިދާޅުވި އެވެ.

މި ބިލުގައި ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާކަން ސައުދާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ އިސްލާހުތަށް ގާނޫނަކަށް ވުމުން މަސައްކަތްތެރިންނާއި، ފަންނީ މަސައްކަތްތައް އިތުރަށް ހިމާޔަތް ވެގެންދާނެ ކަމަށެވެ.

ގާނޫނު ފާސްވުމުން ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަނުގެ ވާން ކޮންވެންޝަން ފޯދި ޕްރޮޓެކްޝަން އޮފް ލިޓްރެސީރީ އެންޑް އާޓިސްޓިކްސް ވޯކްސް ގައި ބައިވެރިވުމުން ދިވެހި އާޓިސްޓުންނަށް މަސައްކަތްތައް ބައިނަލްއަޤުވާމީ ބާޒާރަށް ވިއްކައި އޭގެ ނަފާ ހޯދުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ.

މިއީ ނުހަނު ބޭނުންތެރި އިސްލާހުތަކެއްކަމަށް ސައުދާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: