ފަންނުވެރިން ކުރާ މަސައްކަތްތަކަށް ގާނޫނީ ބާރުވެރިކަން ހޯދައިދިނުމުގެ ސަބަބުން، ގައުމުގައި ބައެއް ދާއިރާތަކުގެ ތެރޭގައި އޮތް ބޭރު މިހާރު އޮތް ބޭރު މީހުންގެ ނުފޫޒުތައް ވެސް ނައްތާލެވޭނެކަމަށް ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ހުށަހަޅުއްވާފައިވާ ކޮޕީރައިޓްސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާ އެވެ. ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށް، ކޮޕީރައިޓްގެ ހައްގަށް އުނިކަމެއް އަތުވެއްޖެނަމަ އެޅޭނެ ފިއަވަޅުތަކާއި އަދަބުތައް ކަނޑައެޅުމަށް އުފައްދަވާފައިވާ ގާނޫނަށް އިސްލާހު ގެނައުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.
އެގޮތުން ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކޮށް، އިހުނަށްވުރެ ފަހި މާހައުލެއް ކަށަވަރުކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލުމުގެ ގޮތުން އާންމުގެ ހިޔާލު ހޯދުމަށް ވެސް ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު ހުޅުވާލި އެވެ.
ގާނޫނަށް ގެންނަ އިސްލާހަށް ތާއީދު ކުރައްވައި އަނާރާ ވިދާޅުވީ މީގެ ސަބަބުން އިލްމީ އަދި ފަންނީ މަސައްކަތްތަކަށް ރައްޔިތުންގެ ހިތުގައި ޝައުގުވެރިކަން އުފެދޭނެ ކަމަށެވެ. އަނާރާ ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް މިހާރު އޮތް ގޮތުން ފަންނީ މަސައްކަތްތަށް ބޭރު ދުނިޔޭގެ ބާޒާރަށް ވިއްކައި އޭގެ ނަފާ ހޯދޭނެ މަގު ތަނަވަސްކޮށްދެވިފައި ނެތްކަމަށެވެ.
އަނާރާ ވިދާޅުވީ ގާނޫނުގެ ދަށުން އެ މަސައްކަތްތައް އިތުރަށް އަގުވަޒަން ކުރެވޭނެ ގޮތްތައް ހޯދައިދެވިދާނެ ކަމަށެވެ. މިހާރު ދިމާވާ ބައެއް ދަތިތައް ފާހަގަކުރައްވައި، އަނާރާ ވިދާޅުވީ ފޮތްތަކުގެ މުސައްނިފުންނަށް އެ ފޮތެއް ވިއްކުމުގައި ނުވަތަ ބޭރުގެ މާކެޓަށް ނެރުމުގެ ދަތިތަކެއް ދިމާވާކަމަށެވެ. އެހެންކަމުން އުންމީދަކީ އެކަން ކުރިޔަށް އޮތްތަނުގައި ހައްލުވެގެން ދިއުންކަމަށް އަނާރާ ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ވަރަށް ގިނައިން، ފޮތް ލިޔާ މުސައްނިފުންގެ ފަރާތުން އެބަ އާދޭ އެބޭފުޅުން ލިޔާ ފޮތްތައް މިސާލަކަށް އެމޭޒަންގަ ވިއްކޭނެ ގޮތެއް ނެތޭ.. ރައްޖޭގެ ގާނޫނުތައް ނެތީމަ.. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަން މުސްތަގުބަލުގައި އެފަދަ ގާނޫނުތައް ފަރުމާ ކުރެވިގެން މި މަޖިލީހަށް އައިސް އަޅުގަނޑުމެންނަށް އެ ފުރުސަތުތައް ރައްޔިތުންނަށް ހޯދައިދެވޭނެކަމަށް…
އަނާރާ ވިދާޅުވީ ގައުމެއްގެ ނިސްބަތުން ބަލާއިރު، ހުރިހާ ދާއިރާތަކެއް ވެސް ކުރިއެރުވުމަށް ދައުލަތްތަކުން މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި ފަންނީ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިން ޝާމިލްވާ މިންވަރު އިތުރުކޮށް އެކަމަށް ބާރު އެޅުމަށް ކުރާ މަސައްކަތުގައި އެ މީހުންގެ ހުރި ކަންބޮޑުވުންތައް ވެސް އަހައި އެއަށް ދެވެން ހުރި ގާނޫނީ ހައްލު ވެސް ގެންނަން ޖެހޭ ކަމަށެވެ.
އަނާރާ ވިދާޅުވީ މީގެ ސަބަބުން ބައެއް ފަންނީ މަސައްކަތްތަކުގެ ތެރޭގައި ބިދޭސީންގެ އިތުރުވެފައި އޮތުން ކޮންޓްރޯލް ކުރެވި މައްސަލަތައް ވެސް ހައްލު ކުރެވިގެން ދާނެކަމަށެވެ.

