ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އުނދަގޫ ކުރުމުގެ ނިޔަތުގައި ހުށަހަޅާ ކުއްލި މައްސަލަތަކާއި، ގަރާރުތައް ތަޅުމަށް ބޭކާރު ގޮތުގައި ނީއްވޭނެހެން ބަދަލުތަކެއް ގެންނަން ޖެހޭކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދާއި ގުޅުން ހުރި ބިލުތަކުގެ މަސައްކަތް މަޖިލީހުގެ ތަޅުމުގައި ކުރިޔަށްދާއިރު، މިދިޔަ ހަފްތާގައި ވެސް އެމްޑީޕީން ވަނީ ކުއްލި މައްސަލަތަކެއް ހުށަހެޅުމަށް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު ގިނަވެ، އެ އަދަދުތައް ހާމަކުރުމަށް ގޮވާލައި ހުށަހެޅި މައްސަލައާއި ބޭރުގައި ކިޔަވަމުން ދާ ދިވެހި ދަރިވަރުންގެ ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕް ފައިސާ ނުދޭކަމަށް ބުނެ މިއަދު ވެސް މައްސަލައެއް ހުށަހެޅި އެވެ. ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހުން މި މައްސަލަތައް ބޭރު ކުރުމުން، އެކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ވަނީ އިދިކޮޅުގެ އަޑުއިއްވުމުގެ ފުރުސަތު ނުދޭކަމަށް ބުނެ ނުރުހުންފާޅުކޮށްފަ އެވެ.
މިފަދަ މައްސަލަތަކަށް ޖާގައެއް ނުދޭނެކަމަށް، މިއަދުގެ ޖަލްސާގައި އެހެން މެމްބަރުން ވެސް ތަކުރާރު ކުރެއްވި އެވެ. އަދި އެކަން ފާހަގަކޮށް މުސްތަފާ ވިދާޅުވީ، މަޖިލީހުގެ ވަގުތު ނަގާލައި ބޭކާރު ކުރުމަށް އެމްޑީޕީ ބޭނުން ވިޔަސް އެކަމަށް ޕީއެންސީ އޮތީ ޖާގަދޭ ގޮތަކަށް ނޫން ކަމަށެވެ. އަމިއްލަ އެހެން މަގުސަތެއްގައި، ތަފާތު އެކި ކުއްލި މައްސަލައާއި ގަރާރުތައް އެމްޑީޕީ ހުށަހަޅަމުން ދަނީ މުހިންމު ބިލުތަކެއްގެ ބަހުސް އެއްފަރާތް ކުރުމުގެ ނިޔަތުގައިކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި މުސްތަފާ ގޮވާލީ، މިފަދަ އޮއްޓަރެއް ނެތް ކުއްލި މައްސަލައާއި ގަރާރުތައް ފަސޭހައިން ހުށަހެޅޭ ގޮތަށް އޮތް އޮތުން ބަދަލު ކުރުމަށެވެ. އަދި އެ ތަޅުމަށް ހުށަނޭޅޭނެހެން، ބަދަލުތަކެއް ގެނައުމަށް ގޮވާލައި ވިދާޅުވީ ފަހަކަށް އައިސް ކޮންމެ ދުވަހެއްގެ ވެސް މަޖިލިސް ޖަލްސާ ފަށައިގަންނަން ޖެހެނީ އެމްޑީޕީގެ މިފަދަ ކަންތައްގަނޑެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން މިފަދަ ކުއްލި މައްސަލަތަ ހުށަނޭޅޭނެ ހެން، ކަންކަން ފަރުމާކޮށް ބަދަލު ގެނައުމަށް އެދޭކަމަށް މުސްތަފާ ވިދާޅުވި އެވެ.
އަޅުގަނޑު ވެސް ހަމަ ތަކުރާރުކޮށް އެދެން މިފަދަ ބިލުތައް، ނުވަތަ ކުއްލި މައްސަލަތައް ނުވަންނާނެހެން ކަންކަން ފަރުމާ ކުރަން ޖެހޭ.. ކޮންމެ ދުވަހަކު މަސައްކަތް ކުރަން މި ޖެހެނީ ކޮންމެވެސް ކަހަލަ ތާކުންތާކު ނުޖެހޭ މަސައްކަތެއްގެ ތެރެއިން.. އެއްވެސް ކަހަލަ އުސޫލެއް އަސްލެއް ނެތްކަމެއްގެ ތެރެއިން.. މިހެން ނުވާނެ ގޮތަކަށް މަޖިލިސް ކުރިޔަށް ގެންދިއުމަށްޓަކައި އަޅުގަނޑަށް ފެނޭ ކޮންމެވެސް ކަހަލަ އަދަދެއް އޮވެގެން ނޫނީ މި ކުއްލި މައްސަލަތައް ހުށަނޭޅޭ ގޮތަށް ކަންކަން ފަރުމާ ކުރަން.. އެހެން ނޫނީ ކޮންމެ ދުވަހަކެއްގެ ވަގުތު މި ދަނީ ބޭކާރުވެގެން..
މުސްތަފާ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ބޮޑު ތާއީދަކާއި އެކު ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުން ވަނީ މެނިފެސްޓޯ ތަންފީޒުކޮށް ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. އެހެންކަމުން، ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކަށް އެއްބާރުލުން ދީ، މަޖިލީހަށް ހުށަހަޅާ ބިލުތަކަށް މަސައްކަތްކޮށް ނަތީޖާ ނެރުން ނޫންކަމެއް މަޖިލީހުގެ ތެރެއިން ކުރަން ބޭނުން ނުވާކަމަށް މުސްތަފާ ވިދާޅުވި އެވެ.
މީގެއިތުރުން މިއަދު މަޖިލީހަށް ހުށަހެޅި ކޮޕީ ރައިޓްސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ކުރައްވައި، މުސްތަފާ ވިދާޅުވީ މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ މަގު ޗާޓުތަކުގެ ތެރެއިން ހާއްސަ އިސްކަމެއް ދީ މަޖިލީހަށް ހުށަހެޅި އިސްލާހެއް ކަމަށެވެ. އަދި ބިލު މަޖިލީހުގެ ތަޅުމާއި ހަމައަށް އައުމުގެ ކުރިޔަށް އާންމުންނާއި ފަންނީ ދައިރާގެ މަސައްކަތްތެރިންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާން މުސްތަފާ ފަހަގަކުރެއްވި އެވެ.
މި ބިލުން އަޅުގަނޑުމެންނަށް އެނގިގެން ދާ ދެވަނަކަމަކީ، މި ސަރުކާރަކީ ދީނަށް ލޯބިކުރާ، ދީނަށް ހުރުމަތްތެރިކޮށް ހިތާ، ދީނީ ހުކުމްތަކަށް ފިސަހަރި ސާބިތުކަމާއި އެކުގައި މަސައްކަތް ކުރާ ސަރުކާރެއްކަން.. މި މައްސަލައަކީ މިއަދު ހަމައެކަނި މި މަޖިލީހުގައި ބަހުސް ކުރެވިގެންދާ މައްސަލައެއް ނޫން، މިއީ ސައުދީގެ ފަރާތުން، ސައުދީގެ ފަތުވާ ކޮމިޓިން ގަރާރެއް ވެސް ނެރެފައި އޮތް… މައްސަލައެއް.. މި ގަރާރުގައި ކޮމްޕިއުޓްރާއި ޒަމާނީ ޓެކްނޮލޮޖީތަކުގެ ތެރޭގައި އުފެދިގެން ދާ ވިޔަފާރީގައި ހައްގު ނޫން ގޮތުގައި މީހުން އެ ބޭނުންކުރާ ބޭނުންކުރުމުގެ މައްޗަށް މި ފަތުވާގައި ވަރަށް ބޮޑަށް އަލިއަޅުވާލާފައިވާ މައްސަލައެއް..
މުސްތަފާ ވިދާޅުވީ މިއީ އިސްލާމް ދީން، ދަސްކޮށްދޭ ރިވެތި އާދައިގެ ތެރެއިން ވެސް ކޮންމެހެން ކުރަން ޖެހޭކަމެއް ކަމަށެވެ. އެއްވެސް މުސްލިމެއްގެ މުދާ، އަނެކާއަށް ހުއްދަ ނޫން ގޮތުގައި ބޭނުން ނުކުރެވޭނެކަން ރަސޫލާގެ ހަދީސް ބަސްފުޅުތަކުން އެނގެން އެބައޮތްކަމަށް މުސްތަފާ ވިދާޅުވި އެވެ.
ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށް، ކޮޕީރައިޓްގެ ހައްގަށް އުނިކަމެއް އަތުވެއްޖެނަމަ އެޅޭނެ ފިއަވަޅުތަކާއި އަދަބުތައް ކަނޑައެޅުމަށް އުފައްދަވާފައިވާ ގާނޫނަށް އިސްލާހު ގެނައުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކޮށް، އިހުނަށްވުރެ ފަހި މާހައުލެއް ކަށަވަރުކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލުމުގެ ގޮތުން އާންމުގެ ހިޔާލު ހޯދުމަށް ވެސް ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު ހުޅުވާލި އެވެ.

