ނަމޫނާ މަޖިލީހަކަށް ވެ، ޒިންމާދާރު މަސައްކަތެއް ކުރާކަމަށް ވަނީ ސަރުކާރުން ފޮނުވާ ބިލުތަކަށް ރަބަރ ސްޓޭމްޕް ޖަހާ އުސޫލުން ބަހުސް ކުރަމުން ގެންގޮސް އިދިކޮޅުގެ އަޑު ކަނޑުވާލުމުން ތޯ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ސުވާލު އުފައްދަވައިފި އެވެ.
ސަރުކާރުގެ ސްކޮލާޝިޕްތަކާއި ސްޓޫޑެންޓް ލޯނުގައި ބޭރުގައި ތައުލީމު ފުރިހަމަ ކުރަމުން ދާ ދަރިވަރުންނަށް ފައިސާ ދީ ލަސްކުރާކަމަށް ބުނެ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހެޅި އެވެ. ނާޒިލް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ނުދެވޭތީ ޔުނިވާސިޓީތަކަށް ފީ ނުދެއްކޭ ކަމަށެވެ. މީގެ ސަބަބުން ދަރިވަރުން މަގުމަތިވެ، ކޯހުން ބޭރު ކުރާނެކަމަށް ހީވާން ފަށާފައިވާކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމާއި މެދު ވޯޓަށް އެހުމުން، މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އެންމެ 12 މެމްބަރުންނެވެ. އަދި ސަރުކާރަށް ނިސްބަތްވާ 51 މެމްބަރަކު ވޯޓު ދެއްވީ ބިލު ބޭރުކޮށްލުމަށެވެ.
މިއަދުގެ ޖަލްސާއަށް ނާޒިލް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ، ތަޅުމުގައި ހުރި މުހިންމު މަސައްކަތްތަކަށް ފުރުސަތު ދޭން ޖެހޭކަމަށް ބުނެ އެވެ. އެކަމަކު ޖަލްސާގެ އެޖެންޑާގައި އޮތީ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ހުށަހަޅުއްވާފައިވާ ކޮޕީރައިޓްސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް އެކަންޏެވެ.
އެކަން ފާހަގަކޮށް، ނާޒިލް ވިދާޅުވީ އެއީ ޕީއެންސީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ޒިންމާދާރު މަސައްކަތްތޯ ސުވާލު އުފެދޭ ކަމަށެވެ. އެމްޑީޕީގެ ނިޔަތް ގޯސްކަމަށް ބުނެ، ބިލު ބޭރުކޮށްލުން ކުށްވެރިކޮށް ނާޒިލް ވިދާޅުވީ ނަމޫނާ މަޖިލީހެއްގެ ޓެގު ބޭނުން ކުރެވެނީ ހަމައެކަނި ސަރުކާރުން ފޮނުވާ ބިލުތަކަށް ސްޓޭމްޕް ޖެހުމުންތޯ މެމްބަރުން ކައިރީ އައްސަވަން ބޭނުންވާކަމަށެވެ.
އަޅުގަނޑު ދަންނަވާނީ، ނަމޫނާ މަޖިލީހެއް ދެއްކެވުމަށް މަސައްކަތް ކުރާއިރު މިއަދު މީ ކަޅު ދުވަހެއް ހަގީގަތުގައި… ހަމަ ކަޅު ދުވަހެކޭ އަޅުގަނޑު ދަންނަވާނީ…
ނާޒިލް ވިދާޅުވީ މިއަދު ފެނިގެން ދިޔައީ، ދިވެހި ޒުވާން ދަރިވަރުންތަކެއް ބޭރުގައި ތައުލީމު ފުރިހަމަ ކުރަން ތިއްބައި ދިމާވެގެން އުޅޭ ދަތިތަކެއްގެ ވާހަކަ އަޑުއެހުމަށް ސަރުކާރުން ދެކޮޅު ހެދި މަންޒަރު ކަމަށެވެ. އެ ކުދިންނަށް ލޯނު ފައިސާ ޖަމާ ނުކުރުމުގެ ސަބަބުން ޔުނިވާސިޓީތަކުގެ ލިޔެކިއުންތަކާއި އެންގުންތައް ތަކުރާރުކޮށް ލިބެމުން ދާތީ ބެލެނިވެރިން ތިބީ ކުދިން އަނބުރާ އަންނަން ޖެހިދާނެކަމުގެ ބިރުހީވެފައިކަމަށް ނާޒިލް ވިދާޅުވި އެވެ.
ކުއްލި މައްސަލަ ބޭރުކުރުމުން، އެކަމަށް ހިތްހަމަނުޖެހުންފާޅު ކުރެއްވުމުން ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް ވަނީ ނިޒާމީ ނުކުތާއެއް ނެންގެވުމަށް ފަހު ނާޒިލް ބަހުސް ކުރައްވަނީ މިއަދުގެ އެޖެންޑާގައި ހިމެނޭކަމަކަށް ނޫންކަމަށް ފާހަގަކޮށްފަ އެވެ. އެއީ ނިޒާމީ ނުކުތާއެއްކަމަށް ބަލައިގަނެ، މަޖިލީހުގެ ރިޔާސަތުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މެމްބަރުން ބަހުސް ކުރަންވާނީ، ތަޅުމަށް ހުށަހެޅިފައި އޮތް ބިލެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރެއްވި އެވެ.
އެކަމަށް ނާޒިލް ވިދާޅުވީ، މަޖިލީހުގައި ކޮޕީ ރައިޓްސް ބިލު އޮއްވައި މިއަދު ތަޅުމުގައި ބައެއް ބޭފުޅުން ދަނޑުވެރިކަމުގެ މުހިންމުކަމުގެ ވާހަކަވެސް ދައްކަވާފައިވާކަމަށެވެ.

