މި ކުޑަ ކުޑަ ރާއްޖޭގައި، ވެރިކަމުގެ ނިޒާމެއްގެ ދަށުން އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަކީ ވަރަށް ދަތިކަމެކެވެ. އިހުޒަމާނުގެ ތެރެއަށް ނަޒަރު ހިންގާލާނަމަ، ރާއްޖޭގެ އެކި ރަށް ރަށް ބަލަހައްޓަމުން އައީ ކަތީބު އަދި ކުޑަ ކަތީބުގެ ބެލުމުގެ ދަށުންނެވެ. އެއިރުއްސުރެ ރަށު ފަންތީގައި ބާރުތަކުގެ މިންތި އޮޅުންބޮޅުންވެ، ރައްޔިތުންނަށް ހެޔޮ ޚިދުމަތެއް ދިނުން ވީ ބޮޑު ކަމަކަށް ވެފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން ލާ މަރުކަޒީ ނިޒާމެއްގެ ދަށުން ރަށްރަށުގެ ކަންކަން ހަމަ މަގެއްގައި ބެލެހެއްޓުމުގެ މަގު ކޮށިގެން ދިޔައީ އަތޮޅު ކައުންސިލްތަކާއި، އޭގެ ދަށުން ރަށު ކައުންސިލް އުފެދުނު ފަހުންނެވެ. ބާރުތައް މައްސުނިވެ، އޮޅުންބޮޅުން ވުން ނިމުމަކަށް އައީ އެ ހިސާބުންނެވެ. ކައުންސިލް ގެ މެމްބަރުން ތިއްބަވަނީ ރައީސް، އަދި ނައިބު ރައީސް ގެ ދަށުން މަސައްކަތްތަށް ބެލެހެއްޓުމަށެވެ.
ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރަށްތައް ބެލެހެއްޓެން ފެށުން އިރު، ގިނަ ދިވެހީންނަށް މި ކަންކަން ހިނގާ ގޮތުގެ މާ ބޮޑު ތަފްސީލެއް އެނގިފައެއް ނުވެއެވެ. ހަގީގަތުގައި މިންތި ތަކަކުން ރަށު ކައުންސިލާއި ހަމައަށް ހިންގުމުގެ ބާރުތައް ވަކި ކުރުމުގެ ސަބަބުން ރަށު ލެވެލްގައި މުހިންމު ބައެއް ނިންމުން ތައް ނިންމުމުގެ ބާރު ކައުންސިލްތަކަށް ލިބިގެން ދެއެވެ. މިކަމުގެ ސަބަބުން ޒަރޫރީ ކަންކަމުގައި ބޭނުން ޖެހިފައިވާ ރައްޔިތު މީހާއަށް ވެސް، އެންމެ އަވަސް ހިދުމަތް ދެވޭނެ މަގު ފަހިވެގެން ދެއެވެ. ރަށު ކައުންސިލްއަށް އެކަނި ނުނިންމޭ ވަރުގެ ކަމެއް ނަމަ، އަތޮޅު ކައުންސިލް މެދުވެރިކޮށް އެކަމަށް އިސް ބަހެއް ހޯދޭނެ މަގު ތަނަވަސް ވެފައި އޮވެއެވެ.
ލާމަރުކަޒީ އުސޫލަކުން ބާރުތައް ވަކި ކޮށްފައި އޮތުމުން، ސަރުކާރުގެ އެކި ވުޒާރާތަކުން ވަކި ރަށަކަށް ޚާއްސަކޮށް ކަމެއް ހިންގަން ބޭނުން ވެއްޖެ ހިނދެއްގައި، އެކަމަށް ވެސް ވަރަށް ބޮޑު ފަސޭހަ ތަކެއް ލިބިގެން ދެއެވެ. ވުޒާރާތަކުގެ ބާރަށް އެކަނި ބަރޯސާ ނުވެ، ރަށް ރަށުން އެ ކަންކަމަށް އެއްބާރުލުން ދެވޭނެ މަގުތަށް ސާފުކޮށް އެނގިގެން ދެއެވެ. ކަންކަން ހިންގުމަށް ބަޖެޓެއް އެކުލަވާލި ނަމަވެސް، ކައުންސިލްތަކުގެ އެހީގައި ވަރަށް ބޮޑު ޚަރަދެއް ސަލާމަތް ކުރެވެއެވެ.
ވޭތުވެ ދިޔަ ކައުންސިލް އިންތިހާބުގައި ގެނެވުނު ބަދަލުގެ ދަށުން، މިއަދު ހަރަކާތްތެރިވާ ކައުންސިލް މެންބަރުންގެ އަދަދު ކުރިއާއި ބަލާފައި ބޮޑުތަނުންވަނީ އިތުރު ވެފައި ވެއެވެ. ހަގީގަތުގައި އާބާދީގައި ކިތަންމެ މަދު އަދަދެއްގެ ރައްޔިތުން ތިބި ނަމަވެސް މިއަދު އޮތް ގާނޫނުގެ ދަށުން އެ ރަށެއްގައި، އެ އާބާދީއަށް ޚިދުމަތްކުރަން ބޭނުންވާނެ އަދަދަށްވުރެ މާ ގިނައިން ކައުންސިލް މެންބަރުން ހޮވާފައި ތިބެއެވެ. މިއިން ކޮންމެ ކަމަކީ މިއަދު ވިސްނާލުން މުހިންމު ކަންތައްތަކެވެ. ބަލާލުމެއް ނެތި ނެގިފައި ހުރި ދަރަނީގެ ސަބަބުން ދައުލަތް ހިންގުމުގެ ޚަރަދު މިވަނީ ބޮޑުތަނުން ކުޑަކުރުމަށް މަޖުބޫރު ވެފައެވެ.
ކައުންސިލް މެންބަރުންގެ މުސާރައަކީ ދައުލަތުން ބޮޑު ޚަރަދެއް ހިނގާ އެއް ބައެވެ. އެރަށެއްގެ އާބާދީއާއި ނުބައްދަލުވާ މިންވަރަށް އިސް ވެރިންގެ މަގާމުތައް ބެހެއްޓުމުގެ ބަދަލުގައި، ކަނޑައެޅޭ މިންގަނޑެއްގެ ދަށުން ކައުންސިލް މެންބަރުން ތިއްބަވާނަމަ، އެކަށޭނަ މިންވަރަކަށް މުސާރައިގެ ޚަރަދު ހިނގުމާއިއެކު، މަސައްކަތްތެރިކަން އިތުރުވުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
އާންމު ގޮތެއްގައި ކައުންސިލް މެންބަރުން އިންތިހާބުވެފައިވާ ގޮތަށް ބަލައިލާ ނަމަ، އެރަށެއްގައި އެންމެ ނުފޫޒު ގަދަ ފަރާތްތައް ހޮވުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން ހަގީގަތުގައި މަގާމަށް ޤާބިލް ފަރާތްތައް ބާކީވެ މަގާމަށް އިންތިހާބު ނުވާތަންވެސް އާދެއެވެ. މިކަމުގެ ސަބަބުން ރަށުގައި ހިންގުމަށް ސަރުކާރުން ނިންމާ އެތައް ކަމެއް ރަށްރަށުގައި ނުހިންގޭ ފަހަރުވެސް އާދެއެވެ. ކައުންސިލް ފަދަ މަގާމުތަކަކީ ޒިންމާދާރު ކަން ބޮޑު މަގާމުތަކެކެވެ. މިކަންކަމަކީ ކައުންސިލް އިންތިހާބެއްގައި ވޯޓު ލުމުގެ ކުރިން އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުން ވިސްނާލުން މުހިންމު ކަންކަމެވެ.
ކައުންސިލްތައް ބާރުވެރިކުރުވައި ހަރުދަނާ ކުރުމަކީ މިއަދުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެފައިވާއިރު، އެކަށީގެން ވާ އަދަދަކަށް މަގާމްތަކުގެ އަދަދުތައް ތިރިކޮށް އިސްލާހީ ފިޔަވަޅުތަކެއް އެޅުމަކީ މިކަމުގެ ދަށުން ފާހަގަވާނެ އެންމެ މުހިންމު އެއް ނުކުތާ ކަމުގައި ބެލެވެއެވެ. ރައިސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރައްތަކަށް އެންމެފަހުން ކުރެއްވި ޒިޔާރަތަށްފަހު ރާއްޖޭގެ އެކި ހިސާބު ތަކުގައިވާ ރަށްރަށުގައި އައު ކައުންސިލް އިމާރާތް އެޅުމާއި ކައުންސިލް އިމާރާތްތަކުގެ އާބާތުރަ ފިލުވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުގެ މަތިން ކައުންސިލްތަކުގެ އިދާރާތައް ހިންގުމަށް އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ފާހަގަކުރައްވައިފައި ވެއެވެ.
މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރާ 50 ކައުންސިލު އިދާރާ ކަނޑައެޅުމަށް ވަނީ ނިންމައިފައެވެ. އެ 50 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރަށްތައް ކަނޑައަޅާނެ ގޮތުގެ މިންގަނޑެއްވެސް ވަނީ ކަނޑަ އަޅުއްވައިފައެވެ. ރަށުގެ އާބާދީ، ކައުންސިލުގެ ވަސީލަތް އަދި މިހާރު އިމާރާތް ހުރި ހާލަތަށް ބަލައި ކޮންމެ ބަޔަކަށް ގިނަވެގެން 20 މާކްސް ދިނުމަށް ކަނޑައަޅައި ފަވެއެވެ. އަދި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ކޮމިޓީ މަސައްކަތް ކުރާނެ ޖާގައަށް ކޮންމެ ބަޔަކަށް ވަކިން ގިނަވަގެން 10 މާކްސް ދިނުމަށްވެސް ހިމަނައިފައި ވެއެވެ. އަދި ކޮންމެ އަހަރެއްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލަކަށް އެލްޖީއޭއިން ދެމުން އަންނަ ކަންގަތި އެވޯޑު ލިބިފައިވާ ކައުންސިލުތަކަށް އިތުރު 10 މާކްސް ދިނުމަށްވެސް މި މިންގަނޑު ތެރޭގައި ހިމަނައިފައި ވެއެވެ.
ލާމަރުކަޒީ ނިޒާމުގެ ކަންކަން މިހެން އޮތްއިރު ސަރުކާރުން މި ވަގުތު ނަގައި ފިޔަވަޅަކީ ކުރިއަށް އޮތްތަނުގައި އެކަމުގެ ސަބަބުން މަންފާ ތަކެއް ލިއްބައިދޭން ކަމެއް ކަމަށް ބެލެވެއެވެ. މިއީ އޮޅުމެއްނެތި އުސޫލުތަކުގެ ތެރެއިން މަސައްކަތްކުރުމަށް ކައުންސިލްގެ މަޤާމު ތަކަށް އަންނަ ފަރާތްތަކަށް ލިބިދޭނެ ފަހި ފުރުސަތެކެވެ.

