ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ފައިސާ ޗާޕްކުރަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވީ ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. ފައިސާ ޗާޕު ކުރަން ޖެހެނީ ރައްޔިތުން ބަނޑަށް ޖެހި ވިޔަފާރިތައް ފުނޑިގެން ގޮސްދާނެތީކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައިސާ ޗާޕު ކުރުމަކީ ގޯސްކަމެއް ނޫންކަމަށާއި، ފައިސާ ޗާޕު ކުރުމާއި އިންފްލޭޝަނާއި ގުޅުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ވިސްނުންތެރިކަމާއިއެކު ފައިސާ ޗާޕް ކުރައްވައިގެން ނަމަވެސް ފުނޑު ފުނޑުވިޔަ ނުދީ މަސައްކަތް ކުރަން ޖެހޭކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، ފައިސާ ޗާޕު ނުކޮށްފިނަމަ ތަންތަން ބަނގުރޫޓުވެގެން ދިއުމުގެ ސަބަބުން ވަޒީފާތައް ގެއްލުމުގެ ބިރު އެބައޮތްކަމަށެވެ.
އެ މީހުންގެ ވަޒީފާތައް ގެއްލުނީމާ ކަންމަތީ ފިހާރަތަކުގެ ސޭލްސް ޑަބަލް ތިރިވެއްޖެ. ކޮފީ ޝޮޕްތައް އެ އޮތް ހުއްޓެނީ. އެހެންވީމަ އެއްޗެހީގެ އަގު ކުޑަ ތަންކޮޅެއް ބޮޑުވުންތޯ މީގައި ރަނގަޅީ ނޫނީ މީހުންތައް ފުނޑު ފުނޑުވެގެން ގޮސް ވަޒީފާތައް ގެއްލި އެ މީހުން ކާނެބޯނެ ގޮތެއް ނެތިގެން ދިޔުންތޯ؟
ފައްޔާޒް ވިދާޅުވިއެވެ.
ފައިސާ ޗާޕު ނުކުރުމަކީ މާ މޮޅު ކަމެއް ނޫންކަމަށް ފާހަގަކޮށް، ފައިސާ ޗާޕް ކުރުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައިސާގެ އަގު ދަށްވުމަކީ މައްސަލައެއް ނޫންކަމަށާއި، ފައިސާގެ އަގު ބޮޑުކޮށްގެން މީހުން ބަނޑަށް ޖެހި މަރުވާން ދޫކޮށްލުމަކީ ހައްލެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެއް ބިލިއަން ރުފިޔާ ޗާޕްކޮށް ވިޔަފާރިތަކަށް ދިނުމަށްފަހު، ސިޔާސީ މަގާމުތަކުން އެއް ބިލިއަން ރުފިޔާ ކަނޑާލުމަށް ފައްޔާޒް ގޮވާލެއްވިއެވެ.
މިއީ ކޭޝް ފުލޯ މެނޭޖްކުރަން ކުރާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

